ރަޝިޔާގެ ތެލަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން، ތެލުގެ އަގު އަނެއްކާ ވެސް ދަށްވެއްޖެ

ތައިލެންޑްގެ ބަލްކް ކެރިއާ މަޔޫރީ ނަރީ އަށް ހަަރްމޮޒް ކަނޑުއޮޅި ކައިރިން ހަމަލާ ދީފައި. ފޮޓޯ/އޭއެފްޕީ

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، އެމެރިކާގެ ޓްރެޜަރީން ވަނީ ރަޝިޔާގެ ތެލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. މިއާއެކު ބްރެންޓް ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ ދަށަށް ގޮސްފައިވެއެވެ. މީގެ އިތުރުން ތެލުގެ ސަޕްލައި ހަމައަކަށް އެޅުވުމަށް އެމެރިކާއާއި ބައިނަލްއަގުވާމީ އިދާރާތަކުން ސްޓްރެޓެޖިކް ރިޒާވުން ތެޔޮ ދޫކުރުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ހަރްމޮޒް ކަނޑުއޮޅި ބަންދުކުރުމާއި ސަރަހައްދީ ހަމަލާތަކުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫއަރާފާނެ ކަމުގެ ބިރު އޮތްކަން މާހިރުން ފާހަގަކުރެއެވެ.

  • ރަޝިޔާގެ ތެޔޮ ގަތުމަށް އެމެރިކާއިން ލައިސަންސް ދޫކުރުމުން ތެލުގެ އަގަށް ވަގުތީ ލުޔެއް ލިބިއްޖެ.
  • ބްރެންޓް އަދި ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ތެލުގެ އަގުތައް 100 ޑޮލަރަށް ވުރެ ދަށަށް ދަށްވެފައިވޭ.
  • އިންޓަނޭޝަނަލް އެނާޖީ އެޖެންސީން އިސްނަގައިގެން 400 މިލިއަން ފީފާ ތެޔޮ ރިޒާވުން ދޫކުރުމަށް ނިންމާފައިވޭ.
  • ހަރްމޮޒް ކަނޑުއޮޅި ބަންދުކުރުމާއި މެދުއިރުމަތީގެ ހަމަލާތަކުގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބޮޑު ނުރައްކަލެއް އެބައޮތް.

އެމެރިކާގެ ޓްރެޜަރީން ރަޝިޔާގެ ތެލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އިއްޔެ ލުއިކޮށްދިނުމާ ގުޅިގެން މިއަދު ހެނދުނު ތެލުގެ އަގު ކޮންމެެ ވެސް ވަރަކަށް ދަށްވެއްޖެއެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލެމުންދާތީ، އެ ކަމަށް ލުއި ހޯދައި ދިނުމަށް ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓުުކުރެއެވެ.

ރޮއިޓާސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބައިނަލްއަގުވާމީ ބެންޗްމާކް، ބެރްންޓް ތެޔޮ ފީފާއެއްގެ އަގު މިހާރު ވަނީ 99.75 ޑޮލަރަށް ދަށްވެފައެވެ. އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް ތެޔޮ ފީފާއެއްގެ އަގު ވަނީ 94.85 ޑޮލަރަށް ދަށްވެފައެވެ.

އިއްޔެ ބްރެންޓް ފީފާއެއްގެ އަގު ހުރީ 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިފައެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޜަރީގެ ދަށުން ހިންގާ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލްއިން ބުރާސްފަތި ދުވަހު ދޫކޮށްފައިވާ އާ ލައިސަންސްގައި މި އަހަރުގެ މާރިޗް މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އުޅަނދުތަކަށް ލޯޑްކޮށްފައިވާ ރަޝިޔާގެ ތެޔޮ އަދި ޕެޓްރޯލިއަމް ޕްރޮޑަކްޓްތައް ގަތުމުގެ ހުއްދަ ދީފައިވެއެވެ.

އެމެރިކާގެ ޓްރެޜަރީން މީގެ ކުރިން ވަނީ އިންޑިއާގެ ރިފައިނަރީތަކަށް ޚާއްސަކޮށްގެން ރަޝިޔާގެ ތެލަށް އެޅި ފިޔަވަޅުތައް މައާފުކޮށްދީފައި ކަމަށް އެ ޑިޕާޓްމަންޓުން މި މަހުގެ ފަސްވަނަ ދުވަހު ދޫކޮށްފައިވާ ލައިސަންސެއްގައިވެއެވެ.

ބުދަ ދުވަހު އެމެރިކާއިން ވަނީ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުން ކޮންޓްރޯލުކުރުމަށް ސްޓްރެޓެޖިކް ޕެޓްރޯލިއަމް ރިޒާވުން 172 މިލިއަން ފީފާ ތެޔޮ ދޫކުރާނެ ކަމަށް އިއުލާންކޮށްފައެވެ. ތެލުގެ އަގު އުފުލުން ކޮންޓްރޯލު ކުރުމަށް މެމްބަރު ގައުމުތަކުގެ ރިޒާވުން 400 މިލިއަން ފީފާ ތެޔޮ ދޫކުރަން އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ)އިން ވެސް ވަނީ ނިންމާފައެވެ.

އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންގެންދާ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ބާޒާރަށް ފޯރުކޮށްދޭ ތެލުގެ ފަސްބައިކުޅަ އެއްބައި ތެޔޮ އުފުލާ މުހިންމު ހަރްމޮޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.

އީރާނާ އިންވެގެން އިންނަ އެ ކަނޑުއޮޅި އަދިވެސް ބާއްވާނީ ބަންދުކޮށްފައި ކަމަށް އީރާނުގެ އާ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ އިއްޔެ ދެއްވި ބަޔާނެއްގައި ވަނީ ބުނެފައެވެ. އެހެންވެއްޖެނަމަ، ދުނިޔޭގެ ބާޒާރަށް ފޯރުކޮށްދޭ ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ތެލުގެ އަގު އިންތިހާއަށް އުފުލުމުގެ ކަންބޮޑުވުން އެބައޮތެވެ.

އޭގެ އިތުރުން ހަމަލާތަކުގެ ރައްދުގައި އީރާނުން އަންނަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށާއި ތެޔޮ ފެސިލިޓީތަކަށް ޑްރޯންއާއި މިސައިލް ހަމަލާތައް ދެމުންނެވެ. އެކަމާ ގުޅިގެން ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އުފައްދާ މެދުއިރުމަތީގެ ގައުމުތަކުން އަންނަނީ ތެޔޮ އުފެއްދުން މަދުކުރަމުންނެވެ.

މާހިރުން ވިދާޅުވާ ގޮތުގައި ތެލުގެ އަގު އުފުލޭނަމަ، އިންފްލޭޝަން މަތިވެ ދުނިޔޭގެ އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެއެވެ.

comment ކޮމެންޓް