ރަސޫލާ ﷺ ގެ ހަނދުމަފުޅާއެކު ބަންގި މެދުކެނޑި، ކަރުނަތައް އޮހިގަތީއެވެ!

މަސްޖިދުއްނަބަވީ -- ފޮޓޯ / ކޮމަންސް.ވިކީމީޑިއާ.އޯގް

އިސްލާމީ ތާރީޚުގައި ބިލާލް ބިން ރަބާޙް (ރަޟިޔަﷲ ޢަންހު) އަކީ އަޅުވެތިކަމުގެ ތެރެއިން އީމާންކަމުގެ ނޫރުން ދިއްލިގެން ދިޔަ މަތިވެރި ނަމޫނާއެކެވެ. އުމައްޔާ ބިން ޚަލަފްގެ އަޅެއްގެ ގޮތުގައި ހުންނަވައި، އިސްލާމްދީން ޤަބޫލުކުރެއްވުމުން ދިމާވި ބޮޑެތި އަނިޔާތަކާއި އިމްތިޙާނުތަކުގައި އެކަލޭގެފާނު ސާބިތުކަމާއެކު ހުންނެވީ ﷲ ގެ އެއްކައުވަންތަކަން ހިތުގެ އަޑިން ޤަބޫލުކުރައްވަމުންނެވެ. އަބޫބަކުރު (ރަޟިޔަﷲ ޢަންހު) އެކަލޭގެފާނު މިނިވަންކުރެއްވުމާއެކު، އިސްލާމްދީނުގެ ފުރަތަމަ މުއައްޛިންގެ ގޮތުގައި އެކަލޭގެފާނު ފާހަގަކުރެވި، ޤަދަރުވެރި މަޤާމެއް ލިބިވަޑައިގަތެވެ. ރަސޫލާ ﷺ ގެ އަވަހާރައަށްފަހު، އެކަލޭގެފާނުގެ ހަނދުމަފުޅުތަކާހުރެ ބަންގި ގޮވުން ހުއްޓަވައިލެއްވި ހިނދު، އެ އަސަރުގަދަ މަންޒަރުން އެކަލޭގެފާނުގެ ހިތްޕުޅުގައި އޮތް ފުން ލޯބި ހާމަވެގެން ދިޔައެވެ.

  • ބިލާލުގެފާނު ވެވަޑައިގަތީ އިސްލާމްދީނުގެ ފުރަތަމަ މުއައްޛިން ކަމުގައި.
  • އަނިޔާވެރިކަމުގެ ތެރޭގައި ވެސް 'އަޙަދު، އަޙަދު' އޭ ވިދާޅުވެ އީމާންކަމުގައި ސާބިތުވެ ހުންނެވި.
  • އަބޫބަކުރު (ރަޟިޔަﷲ ޢަންހު) ގެ އެހީތެރިކަމާއެކު އަޅުވެތިކަމުން މިނިވަންވެވަޑައިގަތުން.
  • މުޖުތަމަޢުގައި އިންސާނީ ހަމަހަމަކަމާއި ތަޤުވާވެރިކަމުގެ މަތިވެރިކަން އެކަލޭގެފާނު ސާބިތުކޮށްދެއްވި.

ތާރީޚުގައި އާންމުކޮށް އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ބާރުގަދަ ރަސްރަސްކަލުންނާއި ހިތްވަރު ގަދަ ސިފައިންގެ ކޮމާންޑަރުންނާއި އަދި ނުފޫޒު ގަދަ ވެރީންގެ ވާހަކަތަކެވެ. ނަމަވެސް، އިސްލާމީ ތާރީޚުގެ އެންމެ އަސަރު ގަދަ އެއް ޞަފުޙާ އަކީ، މި ބުނި ފަދަ ދުނިޔެވީ އެއްވެސް ބާރެއް ނެތް އިންސާނެއްގެ ޙަޔާތްޕުޅެވެ. މައްކާގެ މުޖުތަމަޢުގެ ތެރޭގައި އެއްވެސް މުދަލެއް، އިޖުތިމާޢީ ދަރަޖައެއް ނުވަތަ ރައްކާތެރިކަމެއް ނެތް، ނިކަމެތި އަޅެއްގެ ގޮތުގައި ހުންނެވި ބިލާލް ބިން ރަބާޙް (ރަޟިޔަﷲ ޢަންހު) ގެ ޙަޔާތްޕުޅު، އިސްލާމްދީނުގެ ސަބަބުން ބަދަލުވެގެން ދިޔަ ގޮތުގެ ވާހަކައެވެ.

އަޅުވެތިކަމުން އީމާންކަމަށް

ބިލާލުގެފާނަކީ ޤުރައިޝް ވަންހައިގެ އިސް ވެރިއެއް ކަމުގައިވާ އުމައްޔާ ބިން ޚަލަފްގެ އަޅެކެވެ. އިސްލާމްދީން އައުމުގެ ކުރީން މައްކާގައި އޮތް ހަރުކަށި އިޖުތިމާޢީ ނިޒާމުގެ ތެރޭގައި، އަޅެއްގެ އެއްވެސް އަގެއް އަދި މިނިވަންކަމެއް ނޯވެއެވެ.

ނަމަވެސް، އިސްލާމްދީނުގެ ރިސާލަތަށް އެންމެ ފުރަތަމަ އިޖާބަދިން ހިތްތަކުގެ ތެރޭގައި މި އަޅުވެތިވެފައިވި އިންސާނާގެ ހިތްޕުޅު ހިމެނުނެވެ. ﷲ ގެ އެއްކައުވަންތަކަމަށް ރަސޫލާ ﷺ ދެއްވި ދަޢުވަތުގެ ޚަބަރު އިވިވަޑައިގަތުމާއެކު އެކަލޭގެފާނު އިސްލާމްދީން ޤަބޫލު ކުރެއްވިއެވެ. އެއާއެކު އެކަލޭގެފާނުގެ އީމާންކަން އިމްތިޙާނު ކުރެވުނީ ނުހަނު އަނިޔާވެރި ގޮތަކަށެވެ.

ދިލަ ހޫނު އަވީގައި ލިބުނު އަނިޔާ

ބިލާލުގެފާނު އިސްލާމްވިކަން އުމައްޔާއަށް އެނގުމުން، ދީން ދޫކޮށްލުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެކަލޭގެފާނަށް ބޮޑެތި އަނިޔާތަކެއް ދޭން ފެށިއެވެ. މެންދުރުގެ ދިލަ ހޫނު އަވީގައި، ސަހަރާގެ ހޫނު ވެލިގަނޑު މަތީގައި ބޭއްވުމަށް ފަހު، އެކަލޭގެފާނުގެ މޭފުޅު މަތީގައި ބޮޑު ހިލަގަނޑެއް ބޭއްވިއެވެ.

އަނިޔާވެރިން އެދެމުން ދިޔައީ އިސްލާމްދީން ދޫކޮށްލުމަށެވެ. ނަމަވެސް ބިލާލުގެފާނު ދެއްވީ އެންމެ ދެ ލަފުޒުގެ ޖަވާބެކެވެ. "އަޙަދު، އަޙަދު" އެވެ. އެކަލޭގެފާނު އެ ކަށަވަރު ކޮށްދެއްވީ ﷲ ގެ އެއްކައުވަންތަކަމެވެ. ލިބެމުން ދިޔަ ވޭނާއި ކެކުޅުމާއެކު ވެސް، އީމާންކަން ދޫކޮށް ނުލައްވާނެކަން ކަށަވަރު ކޮށްދެއްވީއެވެ.

މިނިވަންކަމާއި ޢިއްޒަތް

ބިލާލުގެފާނު އުފުއްލެވި ތަކުލީފުތައް ފެނިވަޑައިގެން، ރަސޫލާ ﷺ ގެ އެންމެ ގާތް އެކުވެރިޔާ އަބޫބަކުރު (ރަޟިޔަﷲ ޢަންހު)، އުމައްޔާގެ އަތުން ބިލާލުގެފާނު ބައްލަވައިގަނެ، ﷲ އަށް ޓަކައި އެކަލޭގެފާނު މިނިވަން ކުރެއްވިއެވެ. އެ ހިސާބުން ބިލާލުގެފާނަކީ ކަސްތޮޅު އެޅުވިފައިވާ އަޅެއް ނޫނެވެ. އޭގެ ބަދަލުގައި އެކަލޭގެފާނު ވެވަޑައިގަތީ ރަސޫލާ ﷺ ގެ ވަފާތެރި ޞަޙާބީއަކަށެވެ. މުސްލިމް މުޖުތަމަޢުގެ ޤަދަރުވެރި ބޭފުޅަކަށެވެ. މިއާއެކު އިސްލާމްދީން އެކަލޭގެފާނުގެ ދަރަޖަ މުޅީން ބަދަލުކޮށްލިއެވެ.

އިސްލާމްދީނުގެ ފުރަތަމަ މުއައްޛިން

ބިލާލުގެފާނުގެ ޙަޔާތްޕުޅުގެ އެންމެ ރީތި ޞަފުޙާ ފެށުނީ މަދީނާއިންނެވެ. މީސްތަކުންނަށް ނަމާދަށް ގޮވައިލާނެ ގޮތެއް މުސްލިމުން ހޯދަމުން ދިޔަ ވަގުތު، ބަންގި ދިނުން ޝަރުޢު ކުރެވުނެވެ. ބަންގި ގޮވުމަށް ރަސޫލާ ﷺ އިޚްތިޔާރު ކުރެއްވީ ބިލާލުގެފާނެވެ. އެކަލޭގެފާނުގެ ވަރުގަދަ، ރީތި އަދި އިޚްލާޞްތެރި އަޑުފުޅު ދުވާލަކު ފަސް ފަހަރު މަދީނާގެ އުދަރެހުގައި ގުގުމާލައެވެ. އެއާއެކު، ބިލާލުގެފާނު ވެވަޑައިގަތީ އިސްލާމީ ތާރީޚުގެ ފުރަތަމަ މުއައްޛިނަށެވެ.

ހަމަހަމަކަމުގެ ނަމޫނާއެއް

ބިލާލުގެފާނުގެ ވާހަކައަކީ އިސްލާމްދީނުގައިވާ ހަމަހަމަކަމުގެ އެންމެ ސާފު އެއް ހެއްކެވެ. ނަސަބާއި ދަރަޖައަށްވުރެ އީމާންކަން އިސްކޮށް، އިސްލާމްދީން އެކަލޭގެފާނުގެ ޤަދަރު މަތިވެރިކުރެއްވީ ހަމައެކަނި ތަޤުވާވެރިކަމުގެ ސަބަބުންނެވެ.

ރަސޫލާ ﷺ އެކަލޭގެފާނާ ބެހޭގޮތުން ޙަދީޘް ކުރައްވާފައި ވެއެވެ. "ސުވަރުގޭގައި ތިމަންކަލޭގެފާނުގެ ކުރިފުޅުމަތިން ކަލޭގެފާނުގެ ފައިވާންޕުޅުގެ އަޑު ތިމަންކަލޭގެފާނަށް އިވިވަޑައިގަތެވެ" (ޞަޙީޙުލްބުޚާރީ، 1149).

ބަންގީގެ ތެރެއިން އަޑުފުޅު ބެދި، ކަރުނަފުޅު ހިފަހައްޓައެއް ނުލެވުނު!

ރަސޫލާ ﷺ ސުވަރުގެވަޑައިގަތުމަށްފަހު، މަދީނާގައި ބަންގި ގޮވުމަކީ ބިލާލުގެފާނަށް ކެތްކުރެއްވޭނެ ކަމަކަށް ނުވިއެވެ. ބަންގީގެ ތެރެއިން "أشهد أن محمداً رسول الله" (މުޙައްމަދުގެފާނަކީ ﷲ ގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ) މި ހިސާބަށް ދެވުމާއެކު، ލޯބިވާ ރަސޫލާ ﷺ ގެ ހަނދުމަފުޅުތައް އާވެ، އެކަލޭގެފާނުގެ އަޑުފުޅު ބެދި، ކަރުނަފުޅު ހިފަހައްޓައެއް ނުލެވުނެވެ. އެންމެ ފަހުން އެކަލޭގެފާނުގެ އަސަރު ގަދަ ބަންގީގެ އަޑު މަދީނާގެ ތެރެއިން ކެނޑުނީ، އެކަލޭގެފާނުގެ ހިތްޕުޅަށް ކުރި ފުން އަސަރެއްގެ ބޮޑުކަމުންނެވެ.

ޖީލުތަކަށް އޮތް ފިލާވަޅެއް

ބިލާލް ބިން ރަބާޙް (ރަޟިޔަﷲ ޢަންހު) އަކީ މުއްސަނދިކަމެއް، ސިޔާސީ ބާރެއް ނުވަތަ މަތިވެރި ނަސަބެއް ލިބިވަޑައިގެންފައިވާ ބޭފުޅެއް ނޫނެވެ. ނަމަވެސް އެކަލޭގެފާނުގެ ނުގުޑާފަދަ ވަރުގަދަ އީމާންކަން، އިސްލާމީ ތާރީޚުގެ އެންމެ ޢިއްޒަތްތެރި މަޤާމަށް އެކަލޭގެފާނު އުފުއްލައިދިނެވެ.

މައްކާގެ ދިލަ ހޫނު ވެލިގަނޑުގެ އަޒާބުގެ ތެރެއިން، އިސްލާމްދީނުގެ ފުރަތަމަ މުއައްޛިންގެ ޝަރަފުވެރި މަޤާމާ ހަމައަށް ބިލާލުގެފާނު ކުރެއްވި ދަތުރުފުޅުން އެނގެނީ، އީމާންކަމުގެ އަޑަކީ ކިތަންމެ ވަރުގަދަ އަނިޔާއަކަށް ވެސް ގުޑުވައިނުލެވޭނެ އެއްޗެއް ކަމެވެ.

ބަރަކާތްތެރި ރަމަޟާން މަސް އަހުރެމެންނާ ވަކިވަމުންދާ އިރު، ބިލާލުގެފާނުގެ ޙަޔާތްޕުޅުން ފިލާވަޅު ލިބިގަންނަމާ ހިނގާށެވެ! އެންމެ ނިކަމެތި އިންސާނާ ވެސް ﷲ ގެ ޙަޟްރަތުގައި އެންމެ މަތިވެރި ޝަރަފާއި ޢިއްޒަތުގެ ދަރަޖައަށް އުފުލައިދެނީ އީމާންކަމުގެ ސަބަބުންނެވެ!

މައިގަނޑު ރިފަރެންސްތައް:
- އަޙްމަދު ބިން ޙުސައިން އަލްޢުބައިދާން، ބިލާލް ބިން ރަބާޙް އަލްޙަބަޝީ: އަލްމުއައްޛިން އަލްއައްވަލް ފީ އަލްއިސްލާމް: ތާރީޚުހޫ، ސީރަތުހޫ، މަންހަޖުހޫ، ޖިހާދުހޫ، މުސްނަދުހޫ (މިޞްރު: ދާރުލް ކަރާމާ ލިލްޠިބާޢާ ވަލްނަޝްރު ވަލްތައުޒީޢު، 2016).
- ޢަބްދުލް ބާސިޠު އަޙްމަދު، ބިލާލް ބިން ރަބާޙް: ދަ މުއައްޛިން (ކޯލަރ ޓު ޕްރޭޔަރ) (ރިޔާޟް: ދާރުއްސަލާމް ޕަބްލިޝާޒް، 2004).

ގުޅޭ ޓެގު
comment ކޮމެންޓް