މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތައް ވަގުތުން ބަންދު ނުކުރާނަމަ އަދިވެސް ހަމަލާ ދެމުންދާނެ ކަމަށް އީރާނުގެ ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ ވިދާޅުވެއްޖެއެވެ.
އީރާނުން އަވައްޓެރި ގައުމުތަކާ ރަނގަޅު ގުޅުމެއް ބާއްވާނެ ކަަމަށާއި ހަމަލާ ދޭނީ ހަމައެކަނި އެ ތަންތަނުގައި ހުންނަ އެެމެރިކާގެ ތަންތަނަށް ކަމަށް ވެސް މުޖުތަބާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ އަވައްޓެރިންނާ އެކު އެކުވެރިކަން، ހަމަލާ ދޭނީ ހަމައެކަނި ބޭސްތަކަށް އަމާޒުކޮށްގެން، އަދި އެކަން ކުރިއަށް ގެންދާނަން،" އޭނާ ވިދާޅުވިއެވެ.
މުޖުތަބާ އެގޮތަށް ވިދާޅުވީ، ލީޑަރަކަށް އައްޔަންކުރި ފަހުން ދެއްވި ފުރަތަމަ ބަޔާނުގައެވެ.
އެމެރިކާއާއި އިސްރާއީލާ އެކު ކުރިއަށްދާ ހަނގުރާމަ ފުޅާވަމުން އަންނައިރު، އީރާނުގެ ދުޝްމަނުންނާ ދެކޮޅަށް ރައްދު ދިނުމުގެ ގޮތުން ތެޔޮ އުފުލާ މުހިންމު މަގެއް ކަމަށްވާ، ހޮރުމުޒް ކަނޑުއޮޅި އަދިވެސް ބަންދުކޮށްފައި ބާއްވާނެ ކަމަށް މުޖުތަބާ ވިދާޅުވިއެވެ.
އެ ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ފަސް ބައިކުޅަ އެއްބައި ތެޔޮ އުފުލާ މުހިންމު މަގެވެ. އެ މަގު ބަންދުކުރުމުގެ ސަބަބުން ސަޕްލައިއަށް ބުރޫއަރައި ތެލުގެ އަގު އަންނަނީ އިންތިހާއަށް އުފުލެމުންނެވެ.
މުޖުތަބާ ވިދާޅުވީ، ހަނގުރާމައިގައި މަރުވި މީހުންގެ ބަދަލު ހިފުމުގެ މަސައްކަތް އީރާނުން ކުރާނެ ކަމަށާއި ދުޝްމަނުންނާ ދެކޮޅަށް ޖަވާބުދާރީވުމަށް ފަސްނުޖެހޭނެ ކަމަށެވެ. އީރާނުގެ ދައުލަތުގެ ޓީވީން އާންމުކުރި އެ ބަޔާނުގައި ދާދި ފަހުން އެގައުމަށް ދިން ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަށް އިޝާރާތްކޮށްފައިވާއިރު، އޭގެ ތެރޭގައި އީރާނުގެ މިނާބް ސްކޫލަށް ދިން ހަމަލާގައި މަރުވި ކުދިން ވެސް ހިމެނެއެވެ.
އީރާނުން އެ ގައުމުގެ ދެކޮޅުވެރިންގެ އަތުން ބަދަލު ހޯދުމަށް ޑިމާންޑް ކުރާނެ ކަމަށާއި އެކަންކަން ނުފެންނަ ނަމަ ޖަވާބުދާރީވާނީ އެ މީހުންގެ އިގްތިސާދީ ނުވަތަ އަސްކަރީ މަސްލަހަތަށް ހަމަލާދީގެން ކަމަށް އެ ބަޔާނުގައި މުޖުތަބާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދުޝްމަނުންގެ އަތުން، ބަދަލު ހޯދާނަން. ނޫނީ ހަމަ އެ މިންވަރަށް އެ މީހުންގެ މުދާ ހަލާކުކޮށްލާނަން،" އޭނާ ވިދާޅުވިއެވެ.
އަސްކަރީ އިންޒާރުތަކާ އެކު ޚާމަނާއީ ވަނީ ދާޚިލީ އެއްބައިވަންތަކަމަށް ގޮވާލައްވައި، ކުރިއަށް ހުރި ސިޔާސީ އަދި ދީނީ ހަރަކާތްތަކުގައި އީރާނުގެ ރައްޔިތުން ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ.
އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުالله އަލީ ޚާމަނާއީގެ ދެވަނަ ދަރިކަލުން މުޖްތަބާ އިރާނުގެ ވެރިކަމާ ހަވާލުވެވަޑައިގަތީ އިސްރާއީމާއި އެމެރިކާ ގުޅިގެން އީރާނަށް މިހާރު ދެމުންގެންދާ ހަމަލާތަކުގައި އަވަހާރަވުމާ ގުޅިގެންނެވެ.