މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރައި، ރާއްޖޭގައި ވެސް ތެލުގެ އަގު ވަރަށް ބޮޑަށް އުފުލުމާ ގުޅިގެން އެކަން ހައްލުކުރުމަށް، ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން ސަރުކާރުން ނިންމައިފިއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ވަޒީރުންގެ ޚާއްސަ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ އަގު އުފުލުނު ނަމަވެސް، ހާލަތު ގޯހެއް ނުވާނެ ކަމަށެވެ. އަދި ތެލުގެ ކަންކަން ހުރީ ރަނގަޅަށް ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވި ގޮތުގައި ތެލުގެ އަގު ބޮޑު ކުރަނީކީއެއް ނޫނެވެ، އެއީ ރަނގަޅަށް ބަލައި، އެނަލައިޒްކުރުމަށް ފަހު ގެންނަ ބަދަލުތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ދެން އަޅުގަނޑުމެން ވަރަށް ނަސީބު ރަނގަޅަށް މިފަހަރު ދިމާވީ. މިއަހަރު ފެށުނުއިރު އެސްޓީއޯއިން 24،500 މެޓްރިކް ޓަނުގެ އާ ބޯޓެއް އޮތީ ގަނެފަ. އެއާއެކު އަޅުގަނޑުމެންނަށް ބޭނުންވާ ތެޔޮ އަބަދުވެސް ޓްރާންސިޓްކޮށް އެބަ ލިބޭ. އަދި 22،000 މެޓްރިކް ޓަނުގެ ބޯޓެއް ވެސް އޮންނާނެ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ޒަމީރު ވިދާޅުވި ގޮތުގައި ފަސް ވަރަކަށް ދުވަސްތެރޭ އެސްޓީއޯގެ އެއް ބޯޓު މާލެ އަންނާނެއެވެ. އަދި މިރޭ އަނެއް ބޯޓު ތެޔޮ ބަރުކޮށްގެން ރާއްޖެ އައުމަށް ދަތުރުފަށާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ. އެހެންކަމުން ތެލަށް ޖެހޭނެ ފަދަ ކަމެއް ދިމާނުވާނެ ކަމަށާއި ތެލުގެ ކަންކަން ހުރީ ރަނގަޅަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ވެސް މިކަން ބޮޑުނުވާނެ ގޮތަކަށް ތެލުގެ އަގު ކޮންޓްރޯލްކުރުމަށް ކަމަށެވެ.
އެގޮތުން ސަބްސިޑީގެ އިތުރަށް އެސްޓީއޯއަށް ލިބޭނެކަމަށް ލަފާކުރާ ފައިދާ ޚަރަދުކޮށްގެން ތެލުގެ އަގު ހިފަހައްޓަން މިހާރު ސަރުކާރުން ރާވާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން މި ރޭވީ އެސްޓީއޯގެ ފައިދާގެ ތެރެއިން، މިސާލަކަށް ސަބްސިޑީ ސަރުކާރުން ދޭނެ. އޭގެ ތެރޭގައި އެސްޓީއޯގެ ފައިސާ އެންޓިސިޕޭޓްކުރާނެ. މިސާލަކަށް 1.5 ފައިދާގެ ގޮތުގައި ލިބޭނަމަ، އެ ފައިދާގެ ތެރެއިން ބައެއް ކްރޮސް ސަބްސިޑައިޒްކޮށް، އެބްޒޯބްކުރެވޭތޯ މިބަލަނީ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
މި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ ބޭރުގެ އެކި ގައުމުތަކާ ގުޅިގެން ތެލުގެ ކަންކަމަށް ދަތިނުވާނެ ގޮތަކަށް ކަންކަން ކުރުމަށް މިހާރު ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.
މިނިސްޓަރު އެފަދައިން ވިދާޅުވިއިރު، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ މާކެޓުތަކަށް ބުރޫ އަރާފައިވާ މިދަނޑިވަޅުގައި ރާއްޖެއަށް ތެޔޮ ހޯދުމަށް އިންޑިއާގެ އެހީއަށް ސަރުކާރުން ވަނީ އެދިފައެވެ. ރާއްޖެއަށް ތެޔޮ ސަޕްލައިކުރަން އިންޑިއާގެ އެހީތެރިކަމަށް އެދުނު ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އިތުރުން ބަންގްލަދޭޝާއި ސްރީލަންކާ ފަދަ ގައުމުތަކުން ވެސް މިފަދަ ރިކުއެސްޓްތައް އިންޑިއާއަށް ވަނީ ފޮނުވައިފައެވެ. އަދި މިހާރު އެ ރިކުއެސްޓުތައް ބަލައި ދިރާސާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް ދިރާސާކުރާ "ގްލޯބަލް ޕެޓްރޯލް ޕްރައިސަސް" އިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ފެބުރުވަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން ދުނިޔޭގެ 85 އަށްވުރެ ގިނަ ގައުމެއްގައި ތެލުގެ އަގު ވަނީ ބޮޑުވެފައެވެ.
މިގޮތުން ތެލުގެ އަގު އެންމެ ބޮޑަށް އުފުލުނު 10 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާކަން މި ތަފާސްހިސާބުތަކުން ދައްކައެވެ.