މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ ސަޕްލައިއަށް ބުރޫ އަރައި, އަގު އުފުލުން ކޮންޓްރޯލު ކުރުމަށް މެމްބަރު ގައުމުތަކުގެ ރިޒާވުން 400 މިލިއަން ފީފާ ތެޔޮ ދޫކުރަން އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ނިންމައިފިއެވެ.
މިއީ 1973 ވަަނަ އަހަރު ތެލުގެ ސަޕްލައިއަށް ބުރޫއަރައި، ދިމާވި ދަތިކަމަށް ހައްލު ހޯދުމަށް އުފެއްދި އައިއޭއިން މިގޮތަށް ތެލުގެ ރިޒާވް ދޫކުރާ ހަ ވަނަ ފަހަރެވެ. ނަމަވެސް، މިއީ އެހާ ގިނަ އަދަދަކަށް ތެޔޮ ބޭރުކުރާ ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ އެންމެ މުއްސަނދި 7 ގައުމު، ޖީ7 ގްރޫޕްގެ މިހާރުގެ ޗެއާމަން ފްރާންސް އިން ވެސް ބުދަ ދުވަހު ވަނީ ތެލުގެ ސަޕްލައިއަށް ބުރޫއެރުން ކުޑަ ކުރުމަށް ޖީ7 އިން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން ތައްޔާރަށް ތިބި ކަމަށާއި ގައުމުތަކާ މަޝްވަރާ ކުރަމުންދާ ކަމަށް ބުނެފައެވެ.
އައިއީއޭ އިން ތެލުގެ ރިޒާވް ދޫކުރާނެކަން އިއުލާން ކުރީ ޖީ7 ގެ ޗެއާމަންގެ ހައިސިއްޔަތުން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ ރިޔާސަތުގައި ބޭއްވި ވީޑިއޯ ކޮންފަރެންސް ބައްދަލުވުމެއްގައި، ހަނގުރާމައިގެ ސަބަބުން ކުރިމަތިވާނެ އިގްތިސާދީ ނަތީޖާތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވަނިކޮށެވެ.
ތެލުގެ ސަޕްލައި އިތުރު ކުރުމަށް ޖަޕާނާއި ޖަރުމަނުވިލާތުންވެސް ވަނީ އެ ގައުމުތަކުގެ ތެލުގެ ރިޒާވް ބޭނުންކުރާނެ ކަމަށް ބުނެފައެވެ.
ޖަޕާނުން އަންނަ ހޯމަ ދުވަހު ރިޒާވް ދޫކުރާނެ ކަމަށް ބޮޑުވަޒީރު ސަނާއީ ޓަކައިޗީ ވިދާޅުވެފައިވާއިރު، ޖަރުމަނުވިލާތުގެ އިކޮނޮމީ އެންޑް އެނާޖީ މިނިސްޓަރު ކެތަރީނާ ރެއިޗޭ ވިދާޅުވީ އެ ކަމަށް އަދި ވަކި ތާރީޚެއް ކަނޑަނާޅާ ކަމަށެވެ. ނަމަވެސް ޖުމްލަ 2.4 މިލިއަން ޓަނުގެ ތެޔޮ ދޫކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައިއީއޭގެ 32 މެމްބަރުންގެ ސްޓޮކްގައި 1.2 ބިލިއަން ފީފާއަށް ވުރެ ގިނަ ޕަބްލިކް އިމަޖެންސީ ތެޔޮ ހުރިއިރު، އިތުރު 600 މިލިއަން ފީފާގެ ސްޓޮކް ސަރުކާރުގެ މެންޑޭޓްގެ ދަށުން ރައްކާކޮށްފައިވެެއެވެ.
ދެހާސް ބާވީސް ވަނަ އަަހަރު ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެންވެސް އައިއީއޭ އިން އިސްނަގައިގެން 182.7 މިލިއަން ފީފާގެ ތެޔޮ ވަނީ ދޫކޮށްފައެވެ. އެއީ އޭރުގެ ރެކޯޑު މިންވަރެވެ.
ތެލުގެ އަގު އުފުލުމާ ގުޅިގެން އިންފްލޭޝަން މަތިވެ، އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރުހީވެފައިވާއިރު، ތެޔޮ ސަލާމަތްކުރުމަށް ގައުމުތަކުން އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ.
ބަންގްލަދޭޝްގެ ޔުނިވާސިޓީތައް ބަންދުކޮށްފައިވާއިރު، ވިއެޓްނާމުން ވަނީ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ހިތްވަރު ދިނުމަށް އެ ގައުމުގެ ވިޔަފާރި ކުންފުނިތަކަށް ގޮވާލާފައެވެ. މީގެ އިތުރުން ޕާކިސްތާނުގައި ވަޒީރުންގެ މުސާރަ ދެ މަސް ދުވަހަށް ކަނޑާލުމާއި، މަޖިލިސް މެންބަރުންގެ މުސާރައިން 25 ޕަސެންޓް އުނިކުރުން އެ ގައުމުން ވަނީ ނިންމާފައެވެ.
މިދިޔަ މަހު 28 ވަަނަ ދުވަހު އެމެރިކާ އާއި އިސްރާއީލު ގުޅިގެން އީރާނަށް ދޭ ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ބާޒާރުގެ ފަސްބައިކުޅަ އެއްބައި އުފުލާ ހަރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އީރާނުގެ ރައްދު ހަމަލާތައް މެދުއިރުމަތީގައި ހުރި ތެޔޮ ވަޅުތަކަށާއި ރައްކާ ކުރާ ފެސިލިޓީތަކަށްވެސް އަންނަނީ އަމާޒުކުރަމުންނެވެ. އެހެންވެ، ތެލުގެ ސަޕްލައިއަށް ބުރޫއަރައި ބާޒާރުގެ ތެލުގެ އަގު އަންނަނީ އުފުލެމުންނެވެ.