ޗާޖު ގިނަ ވަގުތު ހިފަހައްޓައިދޭ އާ ބެޓެރީތަކެއް ސެމްސަންގުން ޓެސްޓުކުރަނީ

ސެމްސަންގުގެ އަމާޒަކީ މި ބެޓެރީތަކަށް މަދުވެގެން 1،500 ޗާޖު ސައިކަލްގެ އުމުރެއް ހޯދައިދިނުން ----

ސްމާޓްފޯނުތައް އަވަސްއަވަހަށް ޗާޖުކުރަން ޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސެމްސަންގުން އައު ޖީލުގެ ސިލިކަން-ކާބަން ބެޓެރީތަކެއް ޓެސްޓުކުރަން ފަށައިފިއެވެ. މި ބެޓެރީތަކަކީ މިހާރު ބޭނުންކުރާ ލިތިއަމް-އަޔަން ބެޓެރީތަކަށްވުރެ ހަކަތަ ރައްކާކުރުމުގެ ގާބިލުކަން މާ ބޮޑު އެއްޗެކެވެ. ސެމްސަންގުން 12,000 އިން 18,000 މިލީ އެމްޕަޔާގެ ބޮޑެތި ކެޕޭސިޓީތައް ޓެސްޓުކުރަމުންދާއިރު، މީގެ އަމާޒަކީ އެއްފަހަރު ޗާޖުކޮށްލައިގެން 20 އިން 25 ގަޑިއިރާ ދެމެދުގެ 'ސްކްރީން-އޮން ޓައިމް' އެއް ޔަގީންކޮށްދިނުމެވެ. ރައްކާތެރިކަމަށް އިސްކަންދީގެން ކުރިއަށްގެންދާ މި ޓެސްޓުތައް ކާމިޔާބުވެއްޖެނަމަ، މިއީ ސެމްސަންގުގެ ކުރިމަގުގެ ފްލެގްޝިޕް އަދި ފޯލްޑަބަލް ފޯނުތަކަށް އަންނާނެ ބޮޑު އިންގިލާބީ ބަދަލެކެވެ.

  • ސިލިކަން-ކާބަން ބެޓެރީތަކުން ފޯނުގެ ބެޓެރީގެ ގާބިލުކަން އެތައް ގުނައެއް އިތުރުކޮށްދެއެވެ.
  • 12,000 މިލީ އެމްޕަޔާގެ ބެޓެރީން 20-25 ގަޑިއިރުގެ ސްކްރީން-އޮން ޓައިމް ލިބޭނެ ކަމަށް ލަފާކުރެވެއެވެ.
  • ސެމްސަންގުން 1,500 ޗާޖު ސައިކަލްގެ އުމުރެއް މި ބެޓެރީތަކަށް ހޯދުމަށް މަސައްކަތްކުރެއެވެ.
  • ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހޫނުމިނާއި އެފިޝިއެންސީ ފަދަ ކަންކަން ފުރިހަމައަށް ޓެސްޓުކުރަމުންދެއެވެ.

ފޯނު ޗާޖުކުރަން ނުޖެހި ގިނަ ވަގުތު ހިފަހައްޓައިދޭ އާ ބެޓެރީތަކެއް ސެމްސަންގުން ޓެސްޓުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސްމާޓްފޯނު ބޭނުންކުރާ ފަރާތްތަކަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އަވަސް އަވަހަށް ފޯނު ޗާޖުކުރަން ޖެހުމެވެ. ނަމަވެސް، މިކަމަށް ދާއިމީ ހައްލެއް ގެނެސްދީ، ފޯނު ޗާޖުކުރަން ނުޖެހި ގިނަ ވަގުތު ހިފަހައްޓައިދޭ އައު ޖީލުގެ ސިލިކަން-ކާބަން (އެސްއައި-ސީ) ބެޓެރީތަކެއް ސެމްސަންގުން މިހާރު އަންނަނީ ޓެސްޓުކުރަމުންނެވެ.

ލީކުވެފައިވާ ރިޕޯޓުތަކުން ހާމަވާގޮތުގައި، ސެމްސަންގުން ޓެސްޓުކުރަމުންދާ މި ބެޓެރީތަކުގެ ތެރޭގައި 12،000 މިލީ އެމްޕަޔާ އަދި 18،000 މިލީ އެމްޕަޔާގެ ބިޔަ ކެޕޭސިޓީތައް ހިމެނޭއިރު، މިއީ ޑުއަލް-ސެލް އަދި ޓްރިޕަލް-ސެލް (ދެ ސެލް އަދި ތިން ސެލް އެކުލެވޭ) ޑިޒައިނަކަށް ފަރުމާކޮށްގެން ތައްޔާރުކުރަމުންދާ ބެޓެރީތަކެކެވެ.

މި އައު ސިލިކަން-ކާބަން ބެޓެރީއަކީ އާންމުކޮށް މިހާރު ފޯނުތަކުގައި ބޭނުންކުރާ ލިތިއަމް-އަޔަން ބެޓެރީއަށްވުރެ މާ ގިނައިން ހަކަތަ ރައްކާކުރެވޭނެހެން ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ.

މި ޓެކްނޮލޮޖީގެ ސަބަބުން ފޯނު ބޯނުކޮށް، އޭގެ ބެޓެރީގެ ކެޕޭސިޓީ އެތައް ގުނައެއް ބޮޑުކޮށްލެވެއެވެ. 2016 ވަނަ އަހަރު ގެލެކްސީ ނޯޓް 7 ގެ ބެޓެރީތައް ގޮވި ހާދިސާއަށްފަހު، ސެމްސަންގުން ބެޓެރީ ޓެކްނޮލޮޖީއާމެދު ވަރަށް ބޮޑަށް ސަމާލުވެ، ރައްކާތެރިކަމަށް ޚާއްޞަ އިސްކަމެއް ދެއެވެ. އެހެންކަމުން، މި އައު ބެޓެރީތައް ވިޔަފާރީގެ އުސޫލުން ބާޒާރަށް ނެރުމުގެ ކުރިން ސެމްސަންގް އެސްޑީއައި އިން އަންނަނީ މީގެ ރައްކާތެރިކަމާއި، ހޫނުމިން ހުންނަ މިންވަރާއި އަދި އެފިޝިއެންސީ ވަރަށް ފުރިހަމައަށް ޓެސްޓުކުރަމުންނެވެ.

އެކްސް ޕްލެޓްފޯމުގައި "ޝްރޯޑިންގަރު" ނަމަކަށް ކިޔާ ޔޫޒަރަކު އާންމުކޮށްފައިވާ ލީކު މައުލޫމާތުތަކަށް ބަލާއިރު، ސެމްސަންގުން ކުރިން ވަނީ 20،000 މިލީ އެމްޕަޔާގެ ބޮޑު ބެޓެރީއެއްވެސް ޓެސްޓުކޮށްފައެވެ. ނަމަވެސް 12،000 އަދި 8،000 މިލީ އެމްޕަޔާގެ ދެ ސެލް އެކުލެވޭހެން ހަދާފައިވާ އެ ބެޓެރީ، ގާތްގަނޑަކަށް 960 ޗާޖު ސައިކަލްއަށްފަހު ފެއިލްވުމާ ގުޅިގެން، މިހާރު ކުންފުނީގެ އަމާޒު ހުރީ އެއަށްވުރެ ކުދި ކެޕޭސިޓީތަކަށެވެ.

މިހާރު ޓެސްޓުކުރަމުންދާ 12،000 މިލީ އެމްޕަޔާގެ ބެޓެރީގައި 6،800 އާއި 5،200 މިލީ އެމްޕަޔާގެ ދެ ސެލް ހިމެނޭއިރު، މީގެ ބޯމިނުގައި ހުންނަނީ ގާތްގަނޑަކަށް 9.3 މިލިމީޓަރެވެ. އަދި ޓްރިޕަލް-ސެލް ޑިޒައިނަކަށް ތިން ސެލް ހިމަނައިގެން ހަދާފައިވާ 18،000 މިލީ އެމްޕަޔާގެ ބެޓެރީގެ ބޯމިނުގައި 12.8 މިލިމީޓަރު ހުރެއެވެ.

ސެމްސަންގުގެ އަމާޒަކީ މި ބެޓެރީތަކަށް މަދުވެގެން 1،500 ޗާޖު ސައިކަލްގެ އުމުރެއް (ލައިފްސްޕޭން) ހޯދައިދިނުމެވެ.

ރިޕޯޓުތައް ބުނާގޮތުން، މީގެ ތެރެއިން 12،000 މިލީ އެމްޕަޔާގެ ބެޓެރީ ޓެސްޓުތަކުން ކާމިޔާބުވެއްޖެނަމަ، ވައިފައި އަދި މޮބައިލް ޑޭޓާ ބޭނުންކޮށްގެން ފޯނު ބޭނުންކުރާއިރުވެސް، މެދުނުކެނޑި 20 އާއި 25 ގަޑިއިރާ ދެމެދުގެ ވަގުތަކަށް "ސްކްރީން-އޮން ޓައިމް" ލިބޭނެއެވެ. މީގެ މާނައަކީ، އެއްފަހަރު ޗާޖުކޮށްލައިގެން އެތައް ދުވަހަކު ފޯނު ބޭނުންކުރެވޭނެކަމެވެ.

މި ޓެކްނޮލޮޖީ ކާމިޔާބުކަމާއެކު ތަރައްޤީކުރެވިއްޖެނަމަ، މިއީ ކުރިމަގުގައި ނެރޭ ސެމްސަންގުގެ ފްލެގްޝިޕް ފޯނުތަކާއި ފަތްޖެހޭ (ފޯލްޑަބަލް) ފޯނުތަކަށް އަންނާނެ ވަރަށް ބޮޑު އިންގިލާބީ ކުރިއެރުމެކެވެ.

ޗައިނާގެ ބައެއް ފޯނު ކުންފުނިތަކުން މިހާރުވެސް ވަނީ މިފަދަ ސިލިކަން-ކާބަން ބެޓެރީތައް ފޯނުތަކުގައި ބޭނުންކުރަން ފަށާފައެވެ.

comment ކޮމެންޓް