ސެމްސަންގް ގެލެކްސީ ވޮޗުން ލޭގެ ޕްރެޝަރު ބެލޭގޮތް ހަދައިފި

މި ގަޑިތަކުން ސިސްޓޮލިކް އަދި ޑަޔަސްޓޮލިކް ރީޑިންގްސްގެ އިތުރުން ހިތުގެ ވިންދު ހުންނަގޮތް ވެސް ބަލާލެވޭނެ ---

ސެމްސަންގުން ވަނީ އެ ކުންފުނީގެ ގެލެކްސީ ވޮޗް ސީރީޒްގެ ބައެއް މޮޑެލްތަކުން ލޭގެ ޕްރެޝަރު ބެލޭނެ އިންތިޒާމު ހަމަޖައްސާފައެވެ. ސެމްސަންގް ހެލްތު މޮނިޓާ އެޕް މެދުވެރިކޮށް ދޫކުރި މި އަޕްޑޭޓާއެކު، ސިސްޓޮލިކް، ޑަޔަސްޓޮލިކް އަދި ހިތުގެ ވިންދު ބަލައިލެވޭނެއެވެ. މީގެ އިތުރުން 2026 ވަނަ އަހަރުގެ ޖުލައި މަހު ނެރުމަށް ހަމަޖެހިފައިވާ ގެލެކްސީ ވޮޗް 9 ގެ މަޢުލޫމާތުތަކެއްވެސް ވަނީ ލީކުވެފައެވެ. މިއީ ސިއްޙީ ދާއިރާއިން ވާދަވެރި އެޕަލް ވޮޗް ފަދަ އުފެއްދުންތަކާ ވާދަކުރުމަށް ސެމްސަންގުން އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ.

  • ގެލެކްސީ ވޮޗްގެ 5 އިން ފެށިގެން 8 ވަނަ ސީރީޒްގެ ގަޑިތަކުން ލޭގެ ޕްރެޝަރު ބެލޭނެއެވެ.
  • މިއީ ސީދާ ބަލި ދެނެގަންނަ ވަސީލަތެއް ނޫނެވެ، އަދި ކޮންމެ 28 ދުވަހަކުން ކެލިބްރޭޓް ކުރަން ޖެހޭނެއެވެ.
  • ކުއަލްކޮމް ޗިޕްސެޓާއެކު ގެލެކްސީ ވޮޗް 9 ނެރުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހުއެވެ.
  • ސެމްސަންގުން ދަނީ އެ ކުންފުނީގެ ގަޑިތަކަކީ ސިއްޙީ މުހިންމު މަޢުލޫމާތު ދެނެގަންނަ ވަސީލަތަކަށް ހެދުމަށް މަސައްކަތްކުރަމުންނެވެ.

ސެމްސަންގް ގެލެކްސީ ވޮޗްގެ ބައެއް މޮޑެލްތަކުން ލޭގެ ޕްރެޝަރު ބެލޭނެ އިންތިޒާމު އެ ކުންފުނިން ހަމަޖައްސައިފިއެވެ.

"ސެމްސަންގް ހެލްތު މޮނިޓާ" އެޕް މެދުވެރިކޮށް ދޫކުރި މި އަޕްޑޭޓާއެކު، މިހާރު އަތުކުރީގައި އޮންނަ ގަޑިން ލޭގެ ޕްރެޝަރުގެ މިންވަރު ބަލާލެވޭނެއެވެ.

މި ޚިދުމަތް ލިބޭނީ ގެލެކްސީ ވޮޗް 8، ގެލެކްސީ ވޮޗް 8 ކްލެސިކް، ގެލެކްސީ ވޮޗް 7، ގެލެކްސީ ވޮޗް 6 އަދި 5 ސީރީޒްގެ ގަޑިތަކަށެވެ.

މި ގަޑިތަކުން ސިސްޓޮލިކް އަދި ޑަޔަސްޓޮލިކް ރީޑިންގްސްގެ އިތުރުން ހިތުގެ ވިންދު ހުންނަގޮތް ވެސް ބަލާލެވޭނެއެވެ. ނަމަވެސް، މި ރީޑިންގްސްތައް ސައްހަކޮށް ބެހެއްޓުމަށްޓަކައި ކޮންމެ 28 ދުވަހަކުން އެއްފަހަރު އާދައިގެ ޕްރެޝަރު ބަލާ މެޝިނެއް ބޭނުންކޮށްގެން ގަޑި ކެލިބްރޭޓް ކުރަން ޖެހޭނެއެވެ.

ސެމްސަންގުން ބުނާ ގޮތުގައި މިއީ ސިއްހީ ފަރުވާއަކަށް ނުވަތަ ބައްޔެއް ދެނެގަތުމަށް ބޭނުންކުރާ ސިއްހީ ވަސީލަތެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ލޭގެ ޕްރެޝަރު ހުންނަ ގޮތުގެ ޓްރެންޑްތައް ބަލާލުމަށް ދޫކުރި ފީޗާއެކެވެ.

ވޮޗް 9 ބާޒާރަށް ނެރޭނީ މި އަހަރުގެ ޖުލައި މަހު ---

މީގެ އިތުރުން، ސެމްސަންގުން އުފައްދާ "ގެލެކްސީ ވޮޗް 9" އާ ބެހޭ ބައެއް މަޢުލޫމާތުތައް ވެސް މިހާރު ވަނީ ލީކުވެފައެވެ. ސެމްސަންގްގެ ސާވަރތަކުން ފެނިފައިވާ "SM-L345U" މޮޑެލް ނަންބަރު ހިމެނޭ ފާމްވެއާ ފައިލަކީ މި އާ ގަޑީގެ ފައިލެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އާންމުކޮށް ކޮންމެ އަހަރަކު ވެސް އާ ގަޑިތަކެއް ނެރޭ އުސޫލުން، ގެލެކްސީ ވޮޗް 9 ބާޒާރަށް ނެރޭނީ 2026 ވަނަ އަހަރުގެ ޖުލައި މަހު ސެމްސަންގްގެ އާ ފޯނުތަކާ އެކުގައެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި މި ގަޑީގައި ކުއަލްކޮމްގެ "ސްނެޕްޑްރެގަން ވެއާ އެލީޓް" ޗިޕްސެޓް ބޭނުންކުރާނެއެވެ.

މީގެ ކުރިން 2025 ވަނަ އަހަރުގެ ޖުލައި މަހު ސެމްސަންގުން ވަނީ ގެލެކްސީ ވޮޗް 8 ސީރީޒް ބާޒާރަށް ނެރެފައެވެ.

ސެމްސަންގުން މިފަހަކަށް އައިސް އަންނަނީ އެކުންފުނީގެ ސްމާޓްވޮޗްތަކަކީ ހަމައެކަނި ވަގުތު ބަލާލުމަށް ބޭނުންކުރާ އެއްޗެއްގެ ބަދަލުގައި، އިންސާނާގެ ހަށިގަނޑުގެ މުހިންމު ސިއްހީ މައުލޫމާތުތައް ބަލައިދޭ ވަސީލަތަކަށް ހެދުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.

ލޭގެ ޕްރެޝަރު ބެލުމުގެ ފީޗާ ދެކުނު ކޮރެޔާ އާއި ޔޫރަޕްގެ ގައުމުތަކުގައި 2020 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ނަމަވެސް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ހުއްދަ ހޯދުމުގައި ހުރި ގަވާއިދުތަކުގެ ސަބަބުން އެމެރިކާގެ މާކެޓަށް މި ޚިދުމަތް ތައާރަފްކުރުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ.

މި އަހަރުގެ ކުރީކޮޅު ސެމްސަންގުން ވަނީ ނިދުމުގައި ދިމާވާ "ސްލީޕް އެޕްނިއާ" (ނިދީގައި ނޭވާލާން އުނދަގޫވުން) ދެނެގަތުމުގެ ހުއްދަ ވެސް އެމެރިކާގައި ފުރަތަމަ ފަހަރަށް ހޯދާފައެވެ.

ސެމްސަންގްގެ މި އާ އަޕްޑޭޓަކީ އެޕަލް ވޮޗް ފަދަ ވާދަވެރި އުފެއްދުންތަކާ ހެލްތު ޓެކްނޮލޮޖީގެ ދާއިރާއިން ކުރިހޯދުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޓެކްނޮލޮޖީ މާހިރުން ސިފަކުރެއެވެ.

comment ކޮމެންޓް