ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު، "ތަމާލުއު"ގެ ޝަރުޢީ އުސޫލުތަކާ ގުޅޭ ފޮތެއް ނެރުއްވައިފި

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު، މަރުގެ މައްސަލަތަކުގައި ތަމާލުއުގެ ޝަރުޢީ އުސޫލުތަކާ ގުޅޭ ޚާއްޞަ ފޮތެއް ނެރުއްވައިފިއެވެ. 224 ސަފުހާގެ މި ފޮތަކީ މަޝްހޫރު މަރުގެ މައްސަލައެއްގެ ތެރެއިން އުފެދުނު ޤާނޫނީ ބަހުސްތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެކެވެ. އިސްލާމީ ޝަރީޢަތުގެ އަލީގައި މީހުން ކުށްތަކުގައި ބައިވެރިވުމާއި، ޤިޞާޞް ހިފުމާއި، އަދި ޚަބީރުންގެ ބަހަށް ރިއާޔަތްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މި ފޮތުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރައްވާފައިވެއެވެ.

  • ފޮތް ބިނާކޮށްފައިވަނީ ފާޠިމަތު ހަނާގެ މައްސަލައިގައި ފަނޑިޔާރު މަހާޒު ލިޔުއްވި ރައުޔުގެ މައްޗަށެވެ.
  • ތަމާލުއުގެ މާނައާއި ޢުމަރުގެފާނުގެ ބަސްފުޅުތަކާއި ޙަދީޘްތަކަށް ފޮތުގައި އަލިއަޅުވާލާފައިވެއެވެ.
  • ރާއްޖޭގެ ޤާނޫނުތަކާއި ކޯޓުތަކުން މައްސަލަތައް ނިންމާފައިވާ ގޮތާ މެދު ފާޑުކިޔުންތައް ހުށަހަޅުއްވާފައިވެއެވެ.
  • މި ފޮތް މިހާރު ދިވެހިފޮތް އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު މަހާޒު އަލީ ޒާހިރު، މަރުގެ މައްސަލަތަކުގައި ބައިވެރިވުން އޮންނަ މީހުންނާ މެދު އަމަލުކުރާނެ "ތަމާލުއު"ގެ ޝަރުޢީ އުސޫލުތަކާ ގުޅޭގޮތުން ލިޔުއްވި ޚާއްޞަ ފޮތެއް ނެރުއްވައިފިއެވެ.

ޖުމްލަ 224 ސަފުހާގެ މައްޗަށް އެކުލެވޭ މި ފޮތް މިހާރު "ދިވެހިފޮތް" އެޕްލިކޭޝަން މެދުވެރިކޮށް ލިބެން ހުންނާނެއެވެ.

މި ފޮތުގެ އަސްލަކީ 2018 ވަނަ އަހަރުގެ ފަހުކޮޅު ސުޕްރީމް ކޯޓުގައި ހިނގަމުންދިޔަ، މަޝްހޫރު ޤާނޫނީ ވަކީލު އަޙްމަދު ނަޖީބުގެ މަރުގެ މައްސަލައިގައި ތުހުމަތުކުރެވުނު ފާޠިމަތު ހަނާގެ މައްސަލައިގައި މަހާޒު ލިޔުއްވި 38 ސަފުހާގެ ރައުޔެކެވެ.

ފޮތުގެ އިސްބަހުގައި މަހާޒު ވިދާޅުވެފައިވާ ގޮތުގައި، އެ މައްސަލައިގައި އޭރުގެ އުއްތަމަ ފަނޑިޔާރު ހުށަހެޅުއްވި ރައުޔުގައި ތަމާލުއުގެ އުސޫލުތައް ބަޔާންކޮށްފައިވަނީ އެންމެ ރަނގަޅަށް ކަމަށް ފެނިވަޑައިނުގަންނަވާތީ، އޭނާ ވަކި ރައުޔެއް ލިޔުއްވައި ފަނޑިޔާރުންނާ ހިއްސާކުރެއްވިއެވެ. އަދި ފަހުން އިތުރު ދެ ފަނޑިޔާރަކު ތާއީދުކުރެއްވުމާއެކު، 26 ފެބްރުއަރީ 2025 ގައި އެ ރައުޔު ވަނީ ސުޕްރީމް ކޯޓުގެ އަޣްލަބިއްޔަތު ރައުޔަށް ބަދަލުވެފައެވެ. އެއީ، ޖުޑީޝަލް ސާވިސް ކޮމިޝަނުން މަހާޒާއި އިތުރު ދެ ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑްކުރި ދުވަހެވެ. އެ ދުވަހު ކޯޓުން ގެއަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން، އެ މައްސަލަ އަދިވެސް އޮތީ ސުޕްރީމް ކޯޓުގައި މަޑުޖެހިފައެވެ.

ހަތް ޗެޕްޓަރެއްގެ މައްޗަށް އެކުލަވާލާފައިވާ މި ފޮތުގައި އެންމެ ފުރަތަމަ އަލިއަޅުވާލާފައިވަނީ އިސްލާމީ ޝަރީޢަތުގައި އަދަބު ކަނޑައެޅުމުގެ އުސޫލުތަކަށެވެ. އެއަށްފަހު ޤިޞާޞް ހިފުން ވާޖިބުވާ މަރުގެ މައްސަލަތަކާއި، ތަމާލުއުގެ މާނައާއި، އެކަމާ ގުޅޭގޮތުން ޢުމަރުގެފާނުގެ ބަސްފުޅުތަކާއި ޙަދީޘް އަދި ފިޤުހު ޢިލްމުވެރިންގެ ބަހުސްތައް ވަރަށް ތަފުސީލުކޮށް ގެނެސްދެއްވާފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކުރީގެ ޤާނޫނުލްޢުޤޫބާތުން ފެށިގެން ގޭންގު ކުށްތަކުގެ ޤާނޫނާ ހަމައަށް ކުށުގައި ބައިވެރިވުން މާނަކޮށްފައިވާ ގޮތާއި، ރާއްޖޭގެ ކޯޓުތަކުން މިފަދަ މައްސަލަތައް ނިންމާފައިވާ ގޮތުގެ މައްޗަށް ފޮތުގައި ފުޅާ ދާއިރާއެއްގައި ބަހުސްކުރައްވާފައިވެއެވެ. ފޮތުގެ ފަހު ޗެޕްޓަރު ޚާއްޞަކޮށްފައިވަނީ މަރުވި ސަބަބު ދެނެގަތުމުގައި ޚަބީރުންގެ ބަހަށް ރިއާޔަތްކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

މި ފޮތުގެ ލޭއައުޓާއި ބަނޑޭރިގަނޑު ފަރުމާކޮށްފައިވަނީ ޢަބްދުﷲ ޝަފީޢު (އަބޯ) އެވެ. ބަނޑޭރިގަނޑުން ފެންނަނީ ޔަމަނުގެ ޞަންޢާގެ ފެންވަޅެކެވެ. މަހާޒުގެ މި ފޮތް ޚާއްޞަކުރައްވާފައިވަނީ "ދެ ގޮތެއް ނުވެ، ފިސާރި ކެރިގެން ބޭއިންސާފާ ދެކޮޅަށް ތެދުވާ އެންމެނަށް" ކަމަށް ފޮތުގެ އިސްބަހުގައި ބަޔާންކުރައްވާފައިވެއެވެ. ކުރިމަގުގައި މި ފޮތް ޗާޕުކޮށްގެން ނެރުމަށް ވެސް އޭނާ ވަނީ ގަސްތުކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު