ވެރިމީހާ ނަމާދަށް ދިޔަ ވަގުތު، ގެއެއްގެ ތިޖޫރީއެއް ވަގަށް ނެގި ބަޔަކު ޖަލަށްލައިފި

ދެ ފުލުހެއް މަގުމަތީގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފަތިސް ނަމާދަށް ގެއިން ބޭރަށް ދިޔަ ވަގުތު ބަލައި، ގެއަކަށް ވަދެ ތިޖޫރީއެއް ވަގަށް ނެގި ދެ މީހަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ރ. އަލިފުށީ ހަބީބީހެޕް އިސްމާއިލް ސާއިފް އަދި މއ. ދިއްލީ އަލީ ނިމާލްގެ މައްޗަށް ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، އެ މީހުން ވަނީ ޖަލަށްލުމަށް ހުކުމްކޮށްފައެވެ. ސީސީޓީވީ ފުޓޭޖުން އެ މީހުންގެ ކުށް ސާބިތުވާ ހެކި ފެނިފައިވާއިރު، ތިޖޫރީގައި ހުރި ގިނަ އަދަދެއްގެ ފައިސާ އަނބުރާ ދެއްކުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

  • ފަތިސް ނަމާދަށް ދިޔަ ވަގުތު ބަލައި ގެއަކަށް ވަދެ ތިޖޫރީ ވަގަށް ނެގި ދެ މީހެއްގެ މައްޗަށް ކުށް ސާބިތުވެއްޖެ
  • ދައުލަތުން ކުރި ތިން ދައުވާ (ހުއްދަނޫން ތަނަކަށް ވަނުން، ވައްކަން ކުރުން، އަދި މުދަލަށް ގެއްލުން ދިނުން) ސާބިތުވެފައިވޭ
  • ސީސީޓީވީ ފުޓޭޖުން އެ މީހުން ކުށް ކުރިކަން ކަށަވަރުވާތީ އެ ހެކިތައް ޝަރީއަތަށް ހުށަހެޅުނު
  • ވަގަށް ނެގި ފައިސާގެ ތެރެއިން ނުފެނި ހުރި ބައި އެއް އަހަރު ތެރޭގައި އަނބުރާ ދައްކަން ހުކުމް ކުރި

ވެރިމީހާ ފަތިސްނަމާދަށް ދިޔަ ވަގުތު މާލާގެ ގެއަކަށްވަދެ، އެގޭ ތިޖޫރީ ވަގަށް ނެގި ދެ މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުންވަނީ ދެ މީހެއްގެ މައްޗަށް ތިން ދައުވާއެއް ކޮށްފައެވެ. އެއީ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއާއި ވައްކަން ކުރުމުގެ ދައުވާ އަދި މުދަލަށް ގެއްލުން ދިނުމުގެ ދައުވާއެވެ. މި ތިން ދައުވާކޮށްފައިވަނީ، ރ. އަލިފުށީ ހަބީބީހެޕް އިސްމާއިލް ސާއިފް އަދި، މއ. ދިއްލީ އަލީ ނިމާލްގެ މައްޗަށެވެ. ރިކޯޑްތަކުން ދައްކާ ގޮތުން މީގެ ތެރެއިން ސާއިފަކީ ކުށުގެ ގިނަ ރިކޯޑްތަކެއް އޮންނަ މީހެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހުގެ ދަންވަރު ހިނގި މި ހާދިސާގެ މައްސަލަ ދައުލަތުން ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހެވެ. ކްރިމިނަލް ކޯޓުން މި މައްސަލަ ނިންމީ، ފަހު 10 އަކަށް ބަންދުވުމުގެ ކުރިން، ފަހު ދުވަހެވެ.

މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ސާއިފް އަދި ނިމާލް ވަނީ ދެ މީހުންނާ ދެކޮޅަށް ދައުލަތުން ކުރި ދައުވާތަކަށް އިންކާރުކޮށްފައެވެ. ޝަރީއަތުގައި އެ ދެ މީހުންވަނީ އެކަކު އަނެކަކު ނުވެސް ދަންނަ ކަމަށް ބުނެފައެވެ. ނިމާލް ބުނެފައިވާ ގޮތުގައި ސާއިފާ ބައްދަލުވީ ވެސް މި މައްސަލައާ ގުޅިގެން ހައްޔަރުކުރުމުންނެވެ.

ދެ މީހުން ދައުވާއަށް އިންކާރުކުރި ނަމަވެސް ދިފާއުގައި އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ. އެކަމަކު، ދައުލަތުންވަނީ މި މައްސަލައިގެ ހެކީގެ ގޮތުގައި ސީސީޓީވީ ފުޓޭޖް ވެސް ހުށަހަޅާފައެވެ. މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައިވާ ގޮތުން، މި ދެ މީހުން ވައްކަންކޮށްފައިވަނީ ގޭގެ ވެރި ފަރާތުން ފަތިސް ނަމާދަށް ދިޔަ ވަގުތު، ފާރުމަތިން އަރައި ގެއަށް ވަދެ، ދޮރު ހަލާކުކޮށްލައިގެންނެވެ.

އެކަކު އަނެކަކުގެ ކޮނޑަށް އަރައިގެން ފާރުމަތިން ވަތްކަން ސީސީޓީވީ ފުޓޭޖުން ފެންނަކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި، އޭރު އެކަކު ހުރީ ވިގެއް ޖަހައިގެން، ތޮތްޕެއް އަޅައިގެންނެވެ.

މި ދެ މީހުން އެ ގެއަށް ވަދެ، އެގޭ ތިޖޫރީ ވަގަށް ނަގައިގެން ގެންދިޔައިރު، ތިޖޫރީގައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާއާއި 3,000 އެމެރިކާ ޑޮލަރު ހުރިކަން ޝަރީއަތް ނިމުނު ގޮތުގެ ހުލާސާގައި ބަޔާންކޮށްފައިވެއެވެ.

ދައުލަތުން ދައުވާ ކުރި ތިން މައްސަލައިގެ ތެރެއިން، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ މައްސަލައިގައި ސާއިފްގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވިއިރު، ނިމާލްގެ މައްޗަށް އިއްވީ ތިން މަސް ދުވަހުގެ ހުކުމެވެ.

ވައްކަމުގެ މައްސަލައިގައި ދެ މީހުންގެ މައްޗަށް އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވައި، ތިޖޫރީން ވަގަށް ނެގި ފައިސާގެ ތެރެއިން ހޯދިފައިނުވާ ދޮޅު ލައްކައެއްހާ ރުފިޔާއާއި 3000 އެމެރިކާ ޑޮލަރު އެއް އަހަރު ތެރޭގައި އަނބުރާ ދައްކަން ހުކުމްކުރިއެވެ.

އަދި, މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ އަދަބެއްގެ ގޮތުން ދެ މީހުންގެ މައްޗަށް އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ މީހުން ގެއްލުން ދިން މުދަލުގެ މަރާމާތުގެ އަގަށްވާ، 9300 ރުފިޔާ އެއް އަހަރު ތެރޭގައި ދައްކަން ހުކުމްކުރިއެވެ.

comment ކޮމެންޓް