އެޕަލްގެ ފުރަތަމަ ފަތްޖަހާލެވޭ އައިފޯނުގެ ފަރުމާ ލީކުވެއްޖެ

އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް އާއެކު މި އާ ފޯނު ވެސް ދައްކާލާނެ ކަމަށް ބެލެވޭ ---

އެޕަލް އިން ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ، ފަތްޖަހާލެވޭ ފުރަތަމަ އައިފޯން، "އައިފޯން ފޯލްޑް" ގެ ފަރުމާ ފެންނަ ސީއޭޑީ ރެންޑާތަކެއް އިންޓަނެޓްގައި އާންމުވެއްޖެއެވެ.

ބެލެވޭ ގޮތުގައި މިއަހަރުގެ ފަހުކޮޅު ބާއްވާ ހަރަކާތެއްގައި އައިފޯން 18 ޕްރޯ އަދި އައިފޯން 18 ޕްރޯ މެކްސް އާއެކު މި އާ ފޯނު ވެސް ދައްކާލާނެއެވެ.

މަޝްހޫރު ޓެކް ރިވިއުއާ ސޮނީ ޑިކްސަން އެކްސްގައި އާންމުކުރި މި ރެންޑާތަކުން ފެންނަ ގޮތުގައި، މި ފޯނަކީ ފޮތެއް ގޮތަށް ދެފަރާތަށް ފަތްޖަހާލެވޭ ފަރުމާއަކަށް ތައްޔާރުކޮށްފައިވާ ފޯނެކެވެ. މީގައި ފޯނު ފަތްޖަހާފައި އޮންނައިރު ފެންނަ ގޮތާއި ހުޅުވާލާފައި އޮންނައިރު ފެންނަ ގޮތުގެ ތަފްސީލީ ކުރެހުންތައް ވަނީ ހިމަނާފައެވެ.

މި ފޯނުގެ ބޭރު ސްކްރީނާއި އެތެރޭގެ ބޮޑު ސްކްރީނުގައި ވެސް ސެލްފީ ކެމެރާ އަށް ހާއްސަކޮށް "ހޯލް-ޕަންޗް" ޑިޒައިނެއް ހިމަނާފައިވެއެވެ. ބޭރު ސްކްރީނުގެ ކެމެރާ މެދުގައި ހުރި ނަމަވެސް، އެތެރޭގެ ބޮޑު ސްކްރީނުގެ ކެމެރާ އިންނަނީ ސްކްރީނުގެ މަތިން ވާތްފަރާތު ކަނުގައެވެ.

ފޯނުގެ ފަހަތުގެ ފަރުމާއަށް ބަލާއިރު، މީގައި އިންނަނީ އައިފޯން 17 ޕްރޯގެ ފަރުމާއާ އެއްގޮތް ސިފަތަކެކެވެ. އެގޮތުން ކެމެރާ އައިލެންޑްގެ ތިރީގައި އެޕަލް ލޯގޯ ޖަހާފައިވާ ވަކި ބިއްލޫރި ސެކްޝަނެއް ހިމަނާފައިވާއިރު، ފޯނުގެ އަރިމަތިތަކަކީ ފްލެޓްކޮށް ހުރި އަރިމަތިތަކެކެވެ.

އައިފޯން ފޯލްޑްގައި ހިމެނޭނީ ހުރަހަށްވާ ގޮތަށް "ޕިލް" ބައްޓަމަށް ފަރުމާކޮށްފައިވާ ދެ ކެމެރާގެ ސެޓަޕެކެވެ. މި މޮޑިއުލްގައި ކެމެރާތަކުގެ އިތުރުން މައިކްރޯފޯނަކާއި އެލްއީޑީ ފްލޭޝްއެއް ވެސް ހިމެނޭކަން ލީކުވެފައިވާ ފަރުމާއިން އެނގެއެވެ.

ފޯނުގެ އަރިމަތީގައި ޕަވާ ބަޓަނާއި ވޮލިއުމް ކޮންޓްރޯލްތަކުގެ އިތުރުން "އެކްޝަން ބަޓަން" އެއް ކަމަށް ބެލެވޭ އިތުރު ބަޓަނެއް ވެސް ވަނީ ހިމަނާފައެވެ. އަދި ފޯނުގެ ތިރީގައި ޔޫއެސްބީ ޓައިޕް-ސީ ޕޯޓަކާއި ސްޕީކަރު ގްރިލްއެއް ހިމެނެއެވެ.

ޓެކްނިކަލް މައުލޫމާތުތަކަށް ބަލާއިރު، މި ފޯނުގައި ބޭނުންކުރާނީ އެޕަލްގެ އެންމެ ފަހުގެ އޭ20 ޕްރޯ ޗިޕްސެޓެވެ. މި ޗިޕްސެޓަކީ 2 ނެނޯމީޓަރުގެ ޕްރޮސެސްއެއްގައި ތައްޔާރުކުރާ، ޕާފޯމަންސް ވަރުގަދަ ޗިޕެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

އައިފޯން ފޯލްޑްގެ އެތެރޭގައި 7.8 އިންޗީގެ ބޮޑު ސްކްރީނެއް އިންނައިރު، ބޭރުގައި އިންނާނީ 5.3 އިންޗީގެ ކަވާ ސްކްރީނެކެވެ.

މި ފޯނުގެ ބޮޑީ ތައްޔާރުކޮށްފައިވަނީ ޓައިޓޭނިއަމް އަދި އެލްމިނިއަމް މަސްހުނިކޮށްގެން ކަމަށާއި، ނެޓްވޯކް ވަރުގަދަކުރުމަށް އެޕަލްގެ އަމިއްލަ ސީ2 މޮޑެމް ބޭނުންކުރާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

comment ކޮމެންޓް