ތަރުހީބު ކުޑަވުމުން، ޕެންޝަން ބޯޑަށް މެންބަރަކު ހޯދަން ތިންވަނަ ފަހަރަށް އިއުލާނުކޮށްފި

ސަރުކާރުން ބޭނުންވި ގޮތަށް، ޕެންޝަން ފަންޑުގެ މުއާމަލާތް ހިންގަން ނިންމިއިރު ބޯޑުގައި ތިއްބެވި ބޭފުޅުން --

ތަރުހީބު ކުޑަވުމުގެ ސަބަބުން، ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓަރުގެ މެންބަރަކު ހޯދަން ތިންވަނަ ފަހަރަށްވެސް ޕެންޝަން އޮފީހުން އިއުލާނުކޮށްފިއެވެ.

ޕެންޝަން ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރައްވާ މެންބަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި ސަރުވަޝް އާދަމް، މިދިޔަ އޮކްޓޫބަރު މަހުގެ 22ވަނަ ދުވަހު އިސްތިއުފާދެއްވުމުންނެވެ.

ޕެންޝަން އޮފީހުން ގެޒެޓުގައި ހާމަކޮށްފައިވާ ގޮތުގައި، އެ އިދާރާގެ ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ ހަތަރު މެންބަރުންގެ ތެރެއިން އެއް މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، ޝޯޓްލިސްޓުކުރަން ބޭނުންވާ އަދަދަށް އެކަށީގެންވާ ވަރަށް ތަރުހީބެއް ނުލިބުނެވެ.

ޕެންޝަން ބޯޑުގައި ޕްރައިވެޓް ސެކްޓަރު ތަމްސީލުކުރާ މެންބަރެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭ ހިމެނެނީ، ވިޔަފާރި، އިގުތިޞާދީ، ނުވަތަ ގާނޫނީ ރޮނގުން ދަށްވެގެން ފުރަތަމަ ޑިގުރީ ހާސިލްކޮށްފައިވުމާއި، ޕެންޝަން ނުވަތަ އިންވެސްޓްމެންޓްގެ ދާއިރާގެ ތަޖުރިބާ ހުރުމާއި، ސަރުކާރުގައި ވަޒީފާ އަދާކުރާ މީހަކަށް ނުވުމާއި، ސަރުކާރުން 50 އިންސައްތައިން މަތީ އަދަދަކަށް ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފަކަށް ނުވުމެވެ.

މެންބަރުކަމަށް އެދޭއިރު، ވަނަވަރާއި ސިޓީއާއެކު ގުޅުންހުރި ލިޔެކިއުންތައް ހުށަހަޅަން އެ އޮފީހުން އެދެއެވެ.

ޕެންޝަން އޮފީހުން ވަނީ، މިމަހުގެ 29ވަނަ ދުވަހުގެ މެންދުރު ދޭއް ޖެހުމުގެ ކުރިން ވަޒީފާއަށް އެދި އީމެއިލްކުރުމަށް، ނުވަތަ އޮފީހަށް ފޯމު ހުށަހެޅުމަށް އެދިފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސަރުވަޝް އިސްތިއުފާދެއްވީ ރައްޔިތުންގެ ރިޓަޔާމަންޓަށް ފައިސާ ރައްކާތެރިކޮށް, އިންވެސްޓް ކުރާ, ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ނަގަން މަސައްކަތް ކުރާ, 2.4 ބިލިއަން ރުފިޔާގެ ބޮންޑުގެ މައްސަލައިގައެވެ. ސަރުވަޝް ވިދާޅުވީ، އެ މުއާމަލާތަކީ ގާނޫނީ އަދި އިގުތިސާދީ ވެސް ގިނަ ކަންބޮޑުވުންތަކެއް އޮތް މުއާމަލާތެއް ކަމަށެވެ.

https://sun.mv/217410

ހަމަ މި މައްސަލައިގައި ޕެންޝަން ބޯޑުގެ ޗެއާޕާސަން އަޙްމަދު އިނާޒާއި، ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު ޙައްވާ ފަޖުވާއާއި ޗީފް އެގްޒެކެޓިވް އޮފިސަރު ސުޖާތާ ޙަލީމްވެސް ވަނީ އިސްތިއުފާދެއްވައިފައެވެ.

comment ކޮމެންޓް