ހަނގުރާމައިގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިއްޖެ

އީރާނުގެ ހުޅަނގު އުތުރުގެ ތެހެރާންގެ ޝަހުރާން ތެޔޮ ރިފައިނަރީއަށް ހަމަލާ ދީފައި. ފޮޓޯ/އޭއެފްޕީ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތެޔޮ ފީފާއެއްގެ އަގު 100 ޑޮލަރަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.

ބައިނަލްއަގުވާމީ ބެންޗްމާކް ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ވަނީ އިއްޔެ ވަނީ 20 ޕަސެންޓާ ހަމައަށް އިތުރުވެ، ފީފާއެއްގެ އަގު 111 ޑޮލަރަށް އަރާފައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާ ދޭން ފެށި ފަހުން ސާފުނުކުރާ ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 50 ޕަސެންޓް އުފުލިފައެވެ.

ހަމަލާތަކުގެ ރައްދުގައި އީރާނުން ވަނީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހުރްމޮޒް ކަނޑުއޮޅިން ބޯޓުފަހަރު ދަތުރުކުރުން ކޮންޓްރޯލުކޮށް ގާތްގަޑަކަށް ހުއްޓުމަކަށް ގެނެސްފައެވެ.

ދަ އޮގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޮޕެކް) ގެ އެންމެ ބޮޑު ތިން ޕްރޮޑިއުސަރު ކަމަށްވާ އިރާގާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި ކުވޭތުން ވަނީ ތެޔޮ ރައްކާ ކުރާނެ ޖާގަ ނެތުމުގެ ސަބަބުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން ނިންމާފައެވެ.

މެދުއިރުމަތީ ސަރަހައްދުގެ ހަކަތަ އުފައްދާ ތަންތަނަށް އަމާޒުކުރާ ހަމަލާތަކުގެ ސަބަބުން ސަޕްލައިތަކަށް އިތުރު ނުރައްކާތަކެއް ވަނީ ކުރިމަތިވެފައެވެ.

ހޮނިހިރު ދުވަހު އިސްރާއީލުން ވަނީ ހަނގުރާމަ ފެށުނު ފަހުން ފުރަތަމަ ފަހަރަށް އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައެވެ.

އެ ހަމަލާތަކުގެ އަސަރު ތެހެރާނާއި އަލްބޯޒް ޕްރޮވިންސްގައި ހުންނަ ތެޔޮ ރައްކާކުރާ ހަތަރު ތަނަކާއި ތެޔޮ އުފެއްދުމުގެ ޓްރާންސްފާ ސެންޓަރަކަށް ކޮށްފައިވާ ކަމަށް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން އާދީއްތަ ދުވަހު ވަނީ ބަދަލު ހިފުމުގެ ގޮތުން މުޅި ސަރަހައްދުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީ، އެމެރިކާ އާއި އިސްރާއީލުން "މި ކުޅިވަރު ކުރިއަށް ގެންދާނަމަ" ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އުފުލިދާނެ ކަމުގެ އިންޒާރު ދީފައެވެ.

ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމަށް ދިގު މުއްދަތަކަށް ބުރޫ އަރާނެ ކަމުގެ ބިރާއި އިންފްލޭޝަން މަތިވެ އިގްތިސާދީ ކުރިއެރުން ލަސްވެދާނެ ކަމަށް ބުނެ މާހިރުން ވަނީ އިންޒާރު ދެއްވާފައެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް، އައިއެމްއެފް އިން ލަފާކުރާ ގޮތުގައި ތެލުގެ އަގު 10 ޕަސަންޓް އުފުލޭ ކޮންމެ ފަހަރަކު އިންފްލޭޝަން 0.4 ޕަސެންޓް މައްޗަށް ގޮސް، ދުނިޔޭގެ އިގްތިސާދީ ކުރިއެރުން 0.15 ޕަސެންޓަށް ދަށްވެދާނެއެވެ.

comment ކޮމެންޓް