މެދުއިރުމަތީގެ އަސަރުތައް ކުޑަކުރަން އިތުރު އެއާލައިންތައް ރާއްޖެ ގެންނަނީ

ޗައިނާގެ ޒިއަމެން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުން: -- ފޮޓޯ/ އެމްއެމްޕީއާރުސީ

މެދުއިރުމަތީ ސަރަހައްދުގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެ އަސަރުތައް ކުޑަކުރަން އިތުރު އެއާލައިންތައް ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ.

މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެ، ހަނގުރާމައިގެ ހާލަތު ގޯސްވުމާ ގުޅިގެން ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރައިފައެވެ. އަދި އެ ސަރަހައްދުން ރާއްޖެ އަންނަ ފުލައިޓުތައް ކެންސަލްވުމުގެ ސަބަބުން ވީއައިއޭގެ ބައިނަލްއަގުވާމީ ޓާމިނަލް ވެސް އިއްޔެ އޮތީ ތޮއްޖެހިފައެވެ.

'އޭވިއޭޓާސް މޯލްޑިވްސް'އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ރާއްޖެ އަންނަން މިއަދު ހަމަޖެހިފައި އޮތް 12 ފުލައިޓެއް ވަނީ ކެންސަލްކޮށްފައެވެ.

https://sun.mv/218529

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއި، އެ ސަރަހައްދުގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ކުރިމަތިވެފައިވާ ހާލަތު އެ މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

ދުނިޔޭގެ މަދަނީ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމަށް މީގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް، ޚާއްސަކޮށް މެދުއިރުމަތިން ރާއްޖެއަށް ކުރާ ދަތުރުތަކަކީ ރާއްޖޭގެ އިގްތިސޯދާ ގުޅިފައިވާ މުހިންމު ދަތުރުތަކެއްކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ދަތުރުކުރާ މައިގަނޑު އެއާލައިންތަކާއި، ކަމާގުޅޭ ގައުމީ އަދި ބައިނަލްއަގްވާމީ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ގެންދަނީ މަސައްކަތްކުރަމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަޅުގަނޑުމެންގެ އެންމެ އިސް އަމާޒަކީ ރާއްޖެއަށް ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންނަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނާއި، ރާއްޖޭގައި ދިރިއުޅޭ މީހުންނަށް ދިމާވެދާނެ ދަތިތައް ކުޑަކުރުން،

ޓްރާންސްޕޯޓް މިނިސްޓްރީން ބުނި ގޮތުގައި މިހާތަނަށް މެދުއިރުމަތިން ރާއްޖެއަށް ދަތުރުކުރާ ބައެއް އެއާލައިންތަކުގެ ޝެޑިއުލްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، އެހެނިހެން އެއާލައިންތަކުގެ ދަތުރުތައް ކުރިއަށްދަނީ ތާވަލާ އެއްގޮތަށެވެ.

މީގެ އިތުރުން މި ހާލަތުގެ ސަބަބުން ކުރާ އަސަރު ކުޑަކުރުމަށްޓަކައި ދެކުނު އިތުމަތީ އޭޝިއާ، އިރުމަތީ އޭޝިއާ އަދި އިންޑިއާގެ އިތުރު އެއާލައިންތަކުން ރާއްޖެއަށް ފްލައިޓްތައް ގެނައުމާ ގުޅޭގޮތުން މިނިސްޓްރީން ދަނީ އެ ފަރާތްތަކާ މަޝްވަރާކުރަމުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ވަނީ ވައިގެ ދަތުރުފަތުރުގެ ރައްކާތެރިކަމާއި މެހެމާންދާރީގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވައިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ރާއްޖޭގެ އެންމެ ބޮޑު އެއް ޓްރެވަލް ކުންފުނި ކަމަށްވާ އިނާ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް ލިޔުއްވާފައިވާ ގޮތުގައި، ވީއައިއޭއަށް މިއަދު އަންނަން ހަމަޖެހިފައި އޮތް 14 ފުލައިޓެއް ކެންސަލްވުން އެކަށީގެންވެއެވެ. ފިރާޤްގެ ޕޯސްޓުގައި ވަނީ، މިކަމުން ދައްކައިދެނީ މެދުއިރުމަތީގެ ހާލަތު ނާޒުކު ކަމާއި، ރާއްޖޭން ބޭރުގައި ހިނގާ އެކި ކަންކަމުގެ ސަބަބުން އެކި ގޮތްގޮތަށް އަސަރުކުރާ ކަން ކަމަށެވެ.

އިސްރާއީލުން އީރާނަށް ހަމަލާ ދިނުމުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ހޫނުވެ، ސަރަހައްދީ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައިފައެވެ. އެގޮތުން މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ވައިގެ ސަރަހައްދު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. މީގެ ސަބަބުން ސަޢޫދީ ހިމެނޭހެން އެ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ވައިގެ ދަތުރުތަކަށް ވަނީ ބަދަލުތަކެއް ގެންނަން ޖެހިފައެވެ.

އެހެންވެ، ރާއްޖޭގައި މިވަގުތު 1،400 އެއްހާ ފަތުރުވެރިން ނުފުރިފައި އެބަ ތިބި ކަމަށް، ޓޫރިޒަމް މިނިސްޓަރު ޠާރިޤް އިބްރާހީމް ރޭ ވިދާޅުވެފައިވެއެވެ.

comment ކޮމެންޓް