ރޯދަމަހު އުމްރާއަށްދާ ފަރާތްތަކަށް ޑޮލަރު ވިއްކާ މުއްދަތު އިތުރުކޮށްފި

އުމްރާއަށް ދާ ބަޔަކު އެއާޕޯޓްގައި --- ފޮޓޯ/ ހައްޖު ކޯޕަރޭޝަން

އުމްރާ ގްރޫޕްތައް މެދުވެރިކޮށް ރަމަޟާން މަހު ދަތުރުކުރާ އުމްރާވެރިންނަށް ފަސޭހަކަމާއެކު ޑޮލަރު ގަތުމަށް ހަމަޖެއްސި އިންތިޒާމްގެ މުއްދަތު އަންނަ އަންގާރައިގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ބީއެމްއެލުން ބުނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް ދޭނީ އަމީނީ މަގުގައި ހުންނަ ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުގެ ގްރައުންޑް ފްލޯއިން ކަމަަށެވެ. ޚިދުމަތް ދޭނީ ކަސްޓަމާ ސާވިސް ސެންޓަރުން ނަމްބަރު ދޫކޮށްގެންނެވެ.

އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ހިދުމަތް ބީއެމްއެލް ކަސްޓަމާ ސާވިސް ސެންޓަރުން، ބޭންކު ހުޅުވާ ދުވަސްތަކުގައި ހެނދުނު 9:30 އިން މެންދުރު 12:30 އާ ހަމައަށް ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ބޭންކުން ޑޮލަރު ވިއްކާނީ އުމްރާ ގްރޫޕްތަކުން ހުށަހަޅާފައިވާ އުމްރާވެރިންގެ ލިސްޓުގައި ހިމެނޭ މީހުންނަށް އެކަނި ކަމަށެވެ. އަދި އުމްރާގެ އަޅުކަމަށް ދާ ކޮންމެ މީހަކަށް ވެސް ވިއްކަން ހަމަޖެހިފައިވަނީ 500 ޑޮލަރު ކަމަށް ބުންޏެވެ. ބީއެމްއެލް އިން ޑޮލަރު ގަތުމަށް ފައިސާ ދައްކަން ޖެހޭނީ ޑެބިޓް ކާޑުންނެވެ.

ބީއެމްއެލްއަށް ޑޮލަރު ގަންނަން ދާއިރު ކޮންމެ މީހެއްގެ އައިޑީ ކާޑު ނުވަތަ ޕާސްޕޯޓްގެ އަސްލު ހުށައަޅަން ޖެހެއެވެ. އުމްރާއަށް ދާ މީހެއްގެ ބަދަލުގައި އެހެން މީހަކު ޑޮލަރު ގަންނަންދާ ނަމަ އެ މީހެއްގެ އައިޑީ ކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ.

އުމްރާއަށް ދާ މީހުންނަށް ޑޮލަރު ވިއްކާ ދުވަސްތަކުގައި، ބީއެމްއެލް އިސްލާމިކް މާލެ ބްރާންޗް، މެއިން ބްރާންޗް، ހުޅުމާލެ ބްރާންޗް އަދި ވިލިމާލެ ބްރާންޗުން އުމްރާވެރިންނަށް ޑޮލަރު ވިއްކުމުގެ ޚިދުމަތް މެދުކަނޑައިލާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި އުމްރާ އަށް ދާ އެހެން މީހުންނަށް ޔޫއެސްޑީ ބުކިން ޕޯޓަލް މެދުވެރިކޮށް ޑޮލަރުގެ މުއާމަލާތް ފުރިހަމަކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުން ޑޮލަރު ނެގޭނެއެވެ.

comment ކޮމެންޓް