އީރާނުގައި މިއަދުގެ ވަގުތެއްގައި ވަގުތީ ލީޑާޝިޕް ކައުންސިލެއް އެކުލަވާލާނެ ކަމަށް އެ ގައުމުގެ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ސެކްރެޓަރީ އަލީ ލާރިޖާނީ ވިދާޅުވެއްޖެއެވެ.
އެ ގޮތަށް ނިންމީ އީރާނުގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ވަގުތީ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.
"އިއްޔެ އަޅުގަނޑުމެން ބޭއްވި ބައްދަލުވުމެއްގައި ލީޑަޝިޕް ކައުންސިލް އުފެއްދުމަށް ތައްޔާރުވިން. މިއަދު މި ކައުންސިލް އެކުލަވާލަނީ،" ލާރިޖާނީ ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ލާރިޖާނީ އިތުރަށް ވިދާޅުވި ގޮތުގައި ހަތިޔާރު އެޅި ސިފައިން އީރާނުގެ އެއްބައިވަންތަކަމުގެ މައްޗަށް ފާރަވެރިވާކަން އީރާން ބައިބައި ކުރަން ވިސްނާ ޖަމާއަތްތަކަށް އެނގެން ޖެހެއެވެ.
އީރާނުގެ ރައްޔިތުން އެ ގައުމު ރޫޅިގެން ދިއުމުގެ ފުރުސަތު ނުދޭނެ ކަމަށާއި މި ދުވަސްވަރު ދުޝްމަނުންގެ ޕްރޮޕެގެންޑާއެއް ފެތުރިޔަސް، ރައްޔިތުން އެއްބައިވަންތަކަން ދަމަހައްޓަމުން ދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެކުރިން ކުރި ހަނގުރާމައިގައި އީރާނަށް ގިނަ ގެއްލުންތަކެއް ލިބުނު ނަމަވެސް އިއްޔެ ލިބުނު ގެއްލުންތަކުގެ އަދަދު ވަރަށް މަދު ކަމަށާއި ކުރީގެ ހަނގުރާމައިގެ ތަޖުރިބާގެ މައްޗަށް ބިނާކޮށް ހަތިޔާރު އެޅި ސިފައިން ދަނީ އެ މީހުންގެ ވާޖިބުތައް ރަނގަޅަށް އަދާކުރަމުންކަމަށް ވެސް ލާރިޖާނީ ވިދާޅުވިއެވެ.
އިސްރާއީލުން އިއްޔެ ދިން ހަމަލާއެއްގައި ހާމަނާއީ އަވަހާރަކޮށްލާފައިވާކަން އީރާނުން ކަށަވަރުކޮށްދީފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.