މެދުއިރުމަތީގައި މި ވަގުތު ހަމަލަ ދެމުން އަންނަ ހުރިހާ ގައުމަކުން ދޭ ހަމަލަތައް ދިވެހި ސަރުކާރުން ކުށްވެރިކުރާ ކަމަށާއި، ވަގުތުން ސުލްހަ ގާއިމްކުރަން މަސައްކަތް ކުރުމަށް ރާއްޖެއިން މިރޭ ގޮވައިލައިފިއެވެ.
ވަކި ގައުމަކަށް ނިސްބަތް ނުކޮށް، ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ބުނީ މިހާރު ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަވަމުންދާ ދިއުމާ މެދު ދިވެހި ސަރުކާރުން ނުހަނު ބޮޑު ކަންބޮޑުވާ ކަމަށާއި، މަސްރަހު ބަލައި ފާރަވެރިވަމުންދާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ މެދުއިރުމަތީގެ މަސްރަހުގައި އެކި ފަރާތްތަކުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ސަރަޙައްދުގައި އަލުން ސުލްޙަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް ވަނީ ގޮވާލާފައެވެ.
އަދި ހުރިހާ ފަރާތްތަކަކުން ވެސް ބައިނަލްއަޤުވާމީ ޤާނޫނުތަކަށާއި އދ. ގެ ޗާޓަރުން ލާޒިމްކުރާ ކަންކަމަށް ފުރިހަމައަށް އިޙްތިރާމްކުރުމަށް އިލްތިމާސްކުރިއެވެ. މީގެ އިތުރުން، ހުރިހާ ދައުލަތްތަކެއްގެ ސިޔާދަތީ މިނިވަންކަމާއި ބޯޑަރަށް ހުރިހާ ފަރާތްތަކުން ވެސް އަބަދުވެސް ފުރިހަމައަށް އިޙްތިރާމްކުރަންވާނެ ކަމަށް ރާއްޖެއިން ގަބޫލުކުރެއެވެ.
ދިވެހި ސަރުކާރުން އިތުރަށް ފާހަގަކުރި ގޮތުގައި، ޚިޔާލުތަފާތުވުންތައް ސުލްޙަވެރިކަމާއެކު ޙައްލުކުރުމަކީ ރާއްޖެއިން އަބަދުވެސް ގެންގުޅޭ ހަރުދަނާ ސިޔާސަތެކެވެ.
އެހެންކަމުން، ސަރަޙައްދީ އަދި ދުނިޔޭގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ޓަކައި ހުރިހާ ގައުމުތަކަކުން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމަށް ރާއްޖެއިން ވަނީ ބުނެފައެވެ.