ދުބާއީގެ މަޝްހޫރު ޕާމް ޖުމެއިރާ ސަރަޙައްދުގެ އިމާރާތަކަށް އީރާނުގެ މިސައިލެއްގެ ބައިތަކެއް ވެއްޓި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ބެލެވޭ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ އީރާނުން ފޮނުވާލި މިސައިލެއްގެ ބައިތަކެއް އެ ސަރަޙައްދަށް ވެއްޓުމުގެ ސަބަބުންނެވެ.
މިރޭ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯތަކުން އެ އިމާރާތުގެ މަތިން ކަޅު ދުންތައް އަރަމުންދާ މަންޒަރު ފެންނަން ހުރިއިރު، އެ ސަރަޙައްދުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މިނިސްޓްރީ އޮފް ޑިފެންސުން ހާމަކުރި ގޮތުގައި، އެ ގައުމަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލްތަކާއި ޑްރޯންތަކެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ ހުއްޓުވައި ނައްތައިލައިފައެވެ.
ވައިގެ ދިފާޢީ ނިޒާމުން ގިނަ އަދަދެއްގެ މިސައިލްތައް ހުއްޓުވާފައިވާކަން މިނިސްޓްރީން ކަށަވަރުކޮށްދީފައިވާއިރު، މިސައިލްތަކުގެ ބައިތައް އަބޫދާބީ އާއި ދުބާއީގެ އެކި ސަރަޙައްދުތަކަށް ވެއްޓިފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ދުބާއީ ސިވިލް ޑިފެންސުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޕާމް ޖުމެއިރާ ސަރަޙައްދުގައި ހިނގި ގޮވުމުގެ ހާދިސާގައި ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ބެލެވޭ ގޮތުގައި އެއީ ދުބާއީގެ ފެއާމައުންޓް ހޮޓަލުގެ ދޮރުމައްޗަށް މިސައިލެއްގެ ބައިތައް ވެއްޓި ހިނގި ހާދިސާއެކެވެ.
އެ ހޮޓަލާ ކުރިމަތީގައި ހުރި އިމާރާތަކުން ނަގާފައިވާ ވީޑިއޯއިން ފެންނަނީ، އެއްޗެއް އައިސް ހޮޓަލުގައި ޖެހުމާއެކު ބާރުގަދަ ގޮވުމެއް ގޮވާ މަންޒަރެވެ. އޭގެ ފަހުން ބޮޑު އަލިފާންގަނޑެއް އުފެދިގެން ދިޔަ ވަގުތު، ވީޑިއޯ ކުރަން ހުރި މީހާ ބިމަށް ވެއްޓި، ބެލްކަނީއާ ދުރަށް ޖެހޭ މަންޒަރު ފެނެއެވެ.
ދުބާއީގެ މުއްސަނދި ހޮޓާތަކަށް ނަން މަޝްހޫރު މަޞްނޫޢީ ރަށް، ޕާމް ޖުމެއިރާގައި ހުންނަ މި ހޮޓަލުގެ ކުރިމަތީގައި ބޮޑު އަލިފާންގަނޑެއް ރޯވެފައިވާ މަންޒަރު، ދުއްވާފައި ދިޔަ އުޅަނދަކުން ނަގާފައިވާ އިތުރު ވީޑިއޯއަކުން ފެނެއެވެ.