ޔަހޫދީ އިޒުރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދޭން ފަށާފައިވާ ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގެ ވައިގެ ސަރަހައްދު ނުރައްކަލަށް ހުށަހެޅި، ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއާލައިންތަކުގެ ފްލައިޓްތައް ކެންސަލްވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވަރަށް ބޮޑަށް ތޮއްޖެހިއްޖެއެވެ.
އީރާނުން މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދެމުންދާތީ، އެ ސަރަހައްދުގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދުތައް މިހާރު ވަނީ ބަންދުކޮށްފައެވެ. މީގެ ސަބަބުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އުފުލާ ގަތަރު އެއާވޭސް އާއި އެމިރޭޓްސް ފަދަ އެއާލައިންތަކުން ވަނީ ދަތުރުތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.
ގަތަރު އެއާވޭސްއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ދަތުރުތައް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެމިރޭޓްސްއިން ވެސް ވަނީ ދުބާއީއާ ދެމެދު ކުރާ ދަތުރުތައް ކެންސަލްކޮށްފައިވާކަން ހާމަކޮށްފައެވެ. މީގެ އިތުރުން މެދުއިރުމަތީގެ އެހެން އެއާލައިންތަކުން ވެސް ދަނީ މިފަދަ ފިޔަވަޅުތައް އަޅަމުންނެވެ.
މި ހަލަބޮލިކަމުގެ ތެރޭގައި، މިއަދު މާލޭން ދުބާއީއަށް ފުރި ފްލައިޓެއް ވެސް ވަނީ ވައިގެ ސަރަހައްދު ބަންދުވުމުގެ ސަބަބުން އެނބުރި ރާއްޖެ އައިސްފައެވެ. ރާއްޖެއަށް އަންނަ ގިނަ ފަތުރުވެރިންނަކީ ދުބާއީ އާއި ދޯހާގައި ޓްރާންސިޓްކޮށްފައި އަންނަ މީހުން ކަމަށްވުމުން، ފްލައިޓްތަކަށް އައި މި ބަދަލާއެކު އެތައް ސަތޭކަ ބަޔަކު ވަނީ އެއާޕޯޓުގައި ތާށިވެފައެވެ.
ވީއައިއޭގެ މަންޒަރުތަކުން ފެންނަ ގޮތުގައި، އަލަށް ހުޅުވި އިންޓަނޭޝަނަލް ޓާމިނަލް ވަނީ ފަތުރުވެރިންނާއި ދަތުރުވެރިންނުން ފުރި، ބާރުބޮޑުވެފައެވެ. މިކަމާ ގުޅޭގޮތުން އިނާ މޯލްޑިވްސްގެ ވެރިޔާ މުޙައްމަދު ފިރާގު ފޭސްބުކްގައި ލިޔުއްވާފައިވަނީ،
2000 އަށްވުރެ ގިނަ ފަތުރުވެރިން މިވަގުތު އެއާޕޯޓުގައި ތިބި ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ މީހުންނަށް ބޭނުންވާ އިތުރު އެހީތެރިކަމާއި އިންތިޒާމުތައް ވަގުތުން ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މިކަމާ ގުޅިގެން ވީއައިއޭ ހިންގާ އެމްއޭސީއެލްއިން އަދި ރަސްމީ ބަހެއް އާންމު ނުކުރެއެވެ.
މެދުއިރުމަތީގެ މަސްރަހު ގޯސްވަމުންދާ މި ދަނޑިވަޅުގައި، ރާއްޖޭގެ ފަތުރުވެރިކަމަށް މީގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް ވެސް ބެލެވެއެވެ.