ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރު ކަރަން ޖޯހަރްގެ ޓެލެންޓް އެޖެންސީން ވަކިވުމާ ގުޅިގެން، ކަރަން ފަންނާނުންނަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
އެގޮތުން ވަރަށް ގިނަ ފިލްމީ ތަރިންނަކީ އެއްވެސް ވަރަކަށް އިތުބާރު ނުކުރެވޭ، އަދި ވަފާތެރިކަމެއް ނެތް ބައެއްގެ ގޮތުގައި ކަރަން ވަނީ ސިފަކޮށްފައެވެ.
ކަރަން ޖޯހަރް ފާހަގަކުރި ގޮތުގައި، ކޮންމެ ދެ އަހަރަކުން އެއްފަހަރު ކަހަލަ ގޮތަކަށް އެކްޓަރުން އެއް އެޖެންސީން އަނެއް އެޖެންސީއަށް ބަދަލުވަމުންދެއެވެ. ކަރަން މި މޭރުމުން ވާހަކަ ދައްކާފައިވާއިރު ޖާންވީގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ ރަންވީރު ސިންގް އަދި ސާރާ އަލީ ޚާން ފަދަ މަޝްހޫރު ތަރިން ވަނީ އެ ތަރިން ކުރިން ތިބި އެޖެންސީތައް ދޫކޮށްލުމަށްފަހު އެހެން ފިލްމީ އެޖެންސީތަކަކާ ގުޅިފައެވެ.
މީގެ ދުވަސްތަކެއް ކުރިން އިންޑިއާގެ ފިލްމީ ޚަބަރުތަކުން ބުނެފައިވާ ގޮތުގައި، ކަރަންގެ 'ދަރުމާ ކޯނަސްޓޯން އާޓިސްޓް އެޖެންސީ'އިން މެނޭޖުކުރަމުން އައި ބަތަލާ ޖާންވީ ވަނީ އެ އެޖެންސީ ދޫކޮށް 'ކަލެކްޓިވް އާޓިސްޓް ނެޓްވޯކް' ކިޔާ އެޖެންސީއަކަށް ބަދަލުވެފައެވެ.

ބަތަލާ ޖާންވީ ކަޕޫރު އަދި ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރު--ފޮޓޯ/ފިލްމުފެއަ
ކަރަން ބުނި ގޮތުގައި، އެކްޓަރުންނަކީ އެ މީހުންނަށް ލިބޭ ފުރުސަތުތަކަށް އެޖެންސީތަކަށް ވަރަށް ބޮޑަށް ބަރޯސާވާ ބައެއް ނަމަވެސް، ވާދަވެރިކަން ބޮޑު މި ދާއިރާގައި އެ މީހުންނަކީ އެއްވެސް މީހަކަށް ވަފާތެރި ބައެއް ނޫނެވެ.
މަޝްހޫރު ލިޔުންތެރިޔާ ސާތަކް އަހޫޖާއަށް ދިން އިންޓަވިއުއެއްގައި ކަރަން ބުނީ، ފަންނާނުން މެނޭޖުކުރުމަކީ ހަގީގަތުގައި އެކަމުގައި އެއްވެސް އަގުވަޒަންކުރުމެއް ނެތް މަސައްކަތެއް ކަމަށެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ގިނަ ފިލްމީ ތަރިންނަކީ އެޖެންސީތަކަށް ވަފާތެރި މީހުންނަށް ނުވާތީ ކަމަށް ކަރަން ވަނީ ބުނެފައެވެ.
"އެމީހުންގެ ހިތުގައި އޮންނަ ބިރުވެރިކަމެއްގެ ބޮޑުކަމުން، ކޮންމެ ދެ އަހަރަކުން އެއްފަހަރު އެއް އެޖެންސީން އަނެއް އެޖެންސީއަށް ބަދަލުވޭ. މި ދާއިރާގައި އެއްވެސް މީހަކީ ވަފާތެރި މީހެއް ނޫން. އެކްޓަރުން ތިބެނީ ހަމައެކަނި އެއް ތަނުން އަނެއް ތަނަށް ފުންމާލަ ފުންމާލަ. ދެ އަހަރު ދުވަހު އެ މީހަކަށްޓަކައި މަސައްކަތްކޮށްދީ، މީހަކަށް ހަދައިދިނުމުން ކުއްލިއަކަށް އެހެން ތަނަކަށް ބަދަލުވެދާނެ. އަދި އެތަން ކަމުނުދިޔުމުން އަނބުރާ އަންނަން ބޭނުންވެދާނެ. މިއީ ހުއްޓުމެއް ނެތި ތަކުރާރުވަމުންދާ ކަމެއް،" ކަރަން ބުނެފައިވެއެވެ.
ކަރަން އިތުރަށް ބުނި ގޮތުގައި، ފިލްމީ ތަރިންގެ ކަންކަން ބެލެހެއްޓުމުން މިހާރު މާބޮޑު ފައިދާއެއް ނުލިބޭތީ، ގިނަ އެޖެންސީތަކުން މިހާރު މަސައްކަތް ކުރަނީ ފަންނާނުންނާއެކު އިންވެސްޓްމަންޓްތަކުގައި ބައިވެރިވެގެން ފައިދާ ހޯދުމަށެވެ. ކަރަންގެ ބެލުމުގެ ދަށުން ހިންގާ ދަރުމާ ޕްރޮޑަކްޝަންސް އަކީ ވަރަށް ގިނަ ފިލްމީ ތަރިން ފިލްމު އިންޑަސްޓްރީއަށް ނެރެ ފިލްމީ ކެރިއަރު ބިނާކުރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ކުންފުންޏެކެވެ.
އޭގެތެރޭގައި ބަތަލާ އާލިއާ ބަޓް، އަނަނިޔާ ޕާންޑޭ، ޖާންވީ ކަޕޫރު، ތާރާ ސުތާރިއާ، އެކްޓަރު ވަރުން ދަވަން، ސިދާތް މަލްހޯތުރާ އަދި ރާގަވް ޖުޔަލްގެ އިތުރުން ލަކްޝް ލަލްވާނީ ފަދަ ތަރިން ހިމެނެއެވެ. މީގެިއތުރުން ބަތަލާ ޖާންވީ އަކީ ވެސް ދަރުމާއިން ގެނެސްދިން ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ބަތަލާއެކެވެ.
އޭގެތެރޭގައި "ދަޅަކް"، ""ގުންޖަން ސަކްސޭނާ" އަދި "ހޯމްބައުންޑް" ފަދަ ފިލްމުތައް ހިމެނެއެވެ.