އޮޑިޝަން ހަދަން ޖެހޭތީ، 'ދަ ވައިޓް ލޮޓަސް' އިން ލިބުނު ފުރުސަތު ދީޕިކާ ދޫކޮށްލައިފި

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދުކޯން--ފޮޓޯ/ބޮލީވުޑްހަންގާމާ

އެޗްބީއޯގެ މަޝްހޫރު ސިލްސިލާ "ދަ ވައިޓް ލޮޓަސް"އިން އިންޑިއާގެ ބަތަލާ ދީޕިކާ ޕަދުކޯންއަށް ލިބުނު ފުރުސަތު ދޫކޮށްލާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މީޑިއާ ރިޕޯޓްތަކުން ބުނެފައިވާ ގޮތުގައި ދީޕިކާއަށް އެ ސީރީސްއިން ލިބުނު ރޯލް ދޫކޮށްލީ "ދަ ވައިޓް ލޮޓަސް" އުފައްދާ ފަރާތްތަކުން ކުރިއަށްގެންދަން ބޭނުންވި އޮޑިޝަން މަރުހަލާގައި ބަތަލާ ބައިވެރިވާން އިންކާރު ކުރުމުންނެވެ.

މައިކް ވައިޓް އުފައްދާފައިވާ މި ސިލްސިލާގެ އައު ސީޒަނުން ދީޕިކާ ފެނިދާނެ ކަމުގެ އަޑުތައް ފެތުރިފައި އޮންނަތާ ދުވަސްތަކެއް ވެފައި ވަނިކޮށް ބަތަލާ އެ ފުރުސަތު ދޫކޮށްލުމަކީ ސަޕޯޓަރުން ވަރަށް ބޮޑަށް މާޔޫސްކުރުވި ނިންމުމެއް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

"ދަ ވައިޓް ލޮޓަސް"ގެ ކާސްޓުން--ފޮޓޯ/ވެރައިޓީ

އިންޑިއާގެ ނޫހެއް ކަމަށްވާ ވެރައިޓީ އިންޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކާސްޓިންގް މަރުހަލާގައި ދީޕިކާއަށް ކުރިމަތިވި އެންމެ ބޮޑު ހުރަހަކީ ވެސް "ދަ ވައިޓް ލޮޓަސް"އަށް އޮޑިޝަން ދިނުމެވެ. އެ މަޖައްލާއަށް މައުލޫމާތު ދިން މަސްދަރަކުން ބުނި ގޮތުގައި، "ދަ ވައިޓް ލޮޓަސް"އަށް އެކްޓަރުން ހޮވާ ސީރީސްއަށް ސޮއިކުރުމުގެ ކުރިން އޮޑިޝަން ހެދުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.

މިއީ މި ސިލްސިލާއިން ދީޕިކާއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ތިންވަނަ ސީޒަން އުފެއްދުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްވަރު ވެސް ބަތަލާއަށް "ދަ ވައިޓް ލޮޓަސް"ގެ ޓީމުގެ ހުށަހެޅުމެއް ލިބުނު ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް އޭރު އެ ފުރުސަތު ދީޕިކާ ދޫކޮށްލީ އަލަތު ދަރިފުޅަށް ބަލިވެއިނުމާ ގުޅިގެންނެވެ.

މި ރޯލު ދީޕިކާއަށް ލިބުނު ނަމަ، މިއީ ހޮލީވުޑްގެ ފިލްމު "އެކްސް.އެކްސް.އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް"އަށް ފަހު އޭނާ މަސައްކަތް ކުރާނެ ދެވަނަ އިންޓަނޭޝަނަލް ޕްރޮޖެކްޓަށް ވާނެއެވެ. ވިން ޑީސަލްއާ އެކު ކުޅުނު އެ ފިލްމުން ދީޕިކާއަށް ބޭރުގެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ނަމަވެސް، އޭގެ ފަހުން ބަތަލާ ބޮޑަށް އިސްކަންދީފައި ވަނީ އިންޑިއާގެ ފިލްމުތަކުގައި މަސައްކަތް ކުރުމަށެވެ.

މިކަމާ ގުޅޭގޮތުން ދީޕިކާ ނުވަތަ މި ސިލްސިލާ އުފައްދާ ފަރާތްތަކުން ވެސް ރަސްމީކޮށް އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެއެވެ.

ދީޕިކާ މިހާރުވެސް އަންނަނީ ހިންދީ ސިނަމާގެ ގިނަ މަޝްރޫއުތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި ޝާހްރުކް ޚާންއާ އެކު މަސައްކަތްކުރާ ފިލްމު "ކިންގް" އަދި ޑައިރެކްޓަރު އެޓުލީ އުފައްދާ ފިލްމެއް ހިމެނެއެވެ.

comment ކޮމެންޓް