ރޯދަ މަހަކީ، މަސައްކަތްތައް ހުއްޓާލައި، ނިދުމުގެ މަހެއް ނޫން ކަމަށް ބުނެ، އެ މަހުގައި ކާމިޔާބީ ހޯދުމަށް ލައިލަތުލްޤަދުރި ހޯދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުސްލިމުންނަށް ނަސޭހަތްތެރިވެއްޖެއެވެ.
މިއަދުގެ ޚުތުބާ ދީފައި ވަނީ، 'ނަސްރާއި ކާމިޔާބުގެ މައްސަރު' ކަމަށްވާ ރޯދަ މަހުގެ މައްޗަށެވެ.
ޚުތުބާގައި ބުނީ، ރޯދަ މަހަކީ، ހަމައެކަނި ކެއުމާއި ބުއިމުން ދުރުހެލިވާ މައްސަރެއް ނޫން ކަމަށާއި އެއީ ހަވާ ނަފުސާ ދެކޮޅަށް އެންމެ ފުރިހަމައަށް ޖިހާދު ކުރެވޭ މައްސަރު ކަމަށެވެ.
މި މަހުގައި ހިފާ ރޯދައިގެ ސަބަބުން، ހަވާ ނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު ތަހުޒީބު ކުރުމަށް ބާރުއަޅާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ބަޔަކު ނަމާދު ކޮށް ނިމިގެން މިސްކިތުން ފައިބަނީ: ޚުތުބާގައި އަލިއަޅުވާލީ ރޯދަ މަހުގެ މައްޗަށް ---- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ
ޚުތުބާގައި ވަނީ، ރޯދަ މަހުގައި އިސްލާމް ދީނުގެ އަދުއްވުންނާ ދެކޮޅަށް އެންމެ ބޮޑެތި ކާމިޔާބީތަކާއި ނަސްރު މުސްލިމުން ހާސިލުކަން ހަނދާންކޮށްދީފައެވެ. މިގޮތުން، ހިޖުރިއިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ 17ގައި ކުރެވުނު ބަދުރު ހަނގުރާމައަކީ، އިސްލާމީ ތާރީޚު ބަދަލުކޮށްލި ހަނގުރާމާއެއްގެ ގޮތުގައި ޚުތުބާގައި ވަނީ ސިފަކޮށްފައެވެ.
މުސްލިމުންގެ 300އެއްހާ މީހުންގެ ލަޝްކަރުން ކާފިރުންގެ 1،000އަކަށް ވުރެ މީހުންގެ ލަޝްކަރު ބަލިވުމަކީ، ތާރީޚީ ގޮތުން މުސްލިމުންނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަން ޚުތުބާގައި ފާހަގަކުރިއެވެ.
އޭގެއިތުރަށް، މުސްލިމުންނަށް މައްކާ ފަތަޙަކުރެވުނީ ވެސް ރޯދަ މަހުގައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެ ފަހަތައަށް ފަހު، މުސްލިމުންގެ 10,000 މުޖާހިދުންނާ އެކު ކީރިތި ރަސޫލާ މައްކާއަށް ވަދެވަޑައިގަތީ ތަވާޟުޢުވެރިކަމާއި މަޑުމައިތިރިކަންމަތީގައިކަން ޚުތުބާގައި ފާހަގަކުރިއެވެ.
ޚުތުބާގައި ބުނީ، ރޯދަމަހަކީ، ކަންނެތްކަން އިޚުތިޔާރުކޮށް، ޗުއްޓީ ނެގުމާއި ނިދުމުގެ މައްސަރެއް ނޫން ކަމަށެވެ. އެއީ، އަޅުކަމުގައި ހީވާގިވެ، ކުރިއަށްދާންވީ މަހެއް ކަމަށް ބުނެ، ފަހުގައި ދިހައެއްގައި އަޅުކަމުގައި އިތުރަށް އުޅުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.

މިސްކިތުގައި ބަޔަކު ޚުތުބާ އަޑުއަހަނީ --- ފޮޓޯ/އިސްލާމިކް މިނިސްޓްރީ
އެ މަހުގެ ކާމީޔާބީ ހޯދަން ބޭނުންވާ މީހާ، ލައިލަތުލްޤަދުރި ހޯދަން ގަދައަޅާ މަސައްކަތް ކުރުމަށް ޚުތުބާގައި ގޮވާލިއެވެ. އަދ، އެ ރޭގެ ހެޔޮކަމުން މަހުރޫމްވެއްޖެ މީހާ، ހުރިހާ ހެޔޮކަަމަކުން މަހުރޫމްވާނެކަން ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އެކަން ބަޔާންކޮށް، ރަސޫލާ ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.
"ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ރަމަޟާންމަސް އަތުވެއްޖެއެވެ. އެ މަހުގައި އެއް ހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެޔެއްވެއެވެ. އެ ރޭގެ ހެޔޮކަމުން މަޙުރޫމުވެއްޖެ މީހާ ފަހެ، ހުރިހައި ހެޔޮކަމަކުން މަޙުރޫމުވެއްޖެ ކަން ކަށަވަރެވެ. އަބާއްޖަވެރިޔަކު މެނުވީ އެ ރޭގެ ހެޔޮކަމުން މަޙުރޫމެއްނުވާހުއްޓެވެ."
އެއާއެކު، ޚުތުބާގައި ބުނީ، މުސްލިމު މުޖުތަމައުތަކުގައި ރޯދަ މަހުގެ މަތިވެރިކަމާއި މާތްކަން ދަމަހައްޓަން ގޮވާލާފައެވެ. އަހަރެމެންނާއެކު، އުޅޭ އެހެން ދީންތަކުގެ މީހުންނާއި ބިދޭސީންނަށް އިހުސާންތެރިވާން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ.
މީހުން ދިރިއުޅޭ ރަށްތަކުގައި ރޯދަ މަހު ފަތުރުވެރިންނަށް ކެއުމުގެ ޚިދުމަތް ދޭއިރު ސަމާލުވާން ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން، އެ ކަމަށް ޚާއްސަ އިންތިޒާމެއް ހަމަޖެއްސުމަށް ޚުތުބާގައި ގޮވާލިއެވެ.