މި އަހަރުގެ ޖަނަވަރީ މަހު ސިނަމާތަކަށް ގެނައި ފިލްމު "އިއްކީސް" އެމެޒޯން ޕްރައިމް ވީޑިއޯއަށް ސްޓްރީމިންގްއަށް ދޫކޮށްލައިފިއެވެ.
ނެޝަނަލް އެވޯޑު ހޯދާފައިވާ ސްރީރާމް ރަގްވަން ޑައިރެކްޓްކޮށްފައިވާ މި ތާރީޚީ ބައޮގްރަފިކަލް ޑްރާމާ އަކީ އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971ގައި ކުރި ހަނގުރާމައިގައި ޝަހީދުވި އިންޑިއާގެ ޒުވާން އަސްކަރީ އޮފިސަރު އަރޫން ކެތުރިޕާލްގެ ހަޔާތުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމެކެވެ.
ފިލްމުގައި އަރޫންގެ ކެރެކްޓާ ކުޅެފައި ވަނީ ބޮލީވުޑްގެ މެގަ ސްޓާ އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާއެވެ. މިފިލްމަކީ މިދިޔަ އަހަރު މަރުވި އިންޑިއާގެ ލެޖެންޑް އެކްޓަރު ދަރުމެންދްރަގެ ހާއްސަ ރޯލެއް ވެެސް ފެނުނު ފިލްމެކެވެ. ފިލްމު "އިއްކީސް"އަކީ ދަރޭ މަރުވުމުގެ ކުރިން މަސައްކަތްކުރި އެކްޓަރުގެ އެންމެ ފަހު ފިލްމެވެ.

އަގަސްތިޔާ އަދި ސިމަރު ފިލްމު "އިއްކީސް"ގެ މަންޒަރެއްގައި--ފޮޓޯ/ޒޫމް
އަގަސްތިޔާ އާއި ދަރޭގެ އިތުރުން ފިލްމުގެ ކާސްޓުގައި ހިމެނޭ އިތުރު ތަރިންގެތެރޭ އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވި ބަތަލާ ސިމަރު ބާޓިއާ ހިމެނެއެވެ. ސިމަރު އަކީ އެކްޓަރު އަކްޝޭ ކުމާރަށް ބޮޑު ބޭބެ ކިޔާ ޒުވާނެކެވެ.
މީގެިއިތުރުން ޖައިދީޕް އަހްލަވާތު، ސިކަންދަރު ހޭރް އަދި ވިވާހް ޝާހް "އިއްކީސް"ގެ މުހިއްމު ރޯލްތައް ކުޅެފައިވެއެވެ. މި ފިލްމުގައި އަގަސްތިޔާ އަދި ސިމަރުގެ އޮން ސްކްރީން ކެމިސްޓްރީއަށް ބެލުންތެރިން ތައުރީފުކުރިއިރު ދެ ތަރިން ވެސް ފިލްމުގައި ދެއްކި އެކްޓިންގް ގިނަ ބަޔަކަށް ކަމުދިޔައެވެ.
ފިލްމު "އިއްކީސް"އަށް ބޮކްސް އޮފީހުގައި މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް އެ ފިލްމަކީ ހަނގުރާމަމަތީ ފިލްމަކަށްވުރެ ބޮޑަށް އިންސާނިއްޔަތުކަން ދައްކުވައިދިން ޖަޒުބާތުން ފުރިގެންވާ ފިލްމެއް ކަމަށް ބައެއް ރިވިއުސްތަކުގައި ސިފަކޮށްފައިވެއެވެ.