ވިރޯޝްގެ ނަމުން އިއުލާނުކުރި ވިޖޭ އާއި ރަޝްމިކާގެ ކައިވެނި މިއަދު ބާއްވައިފި

މިއަދު ކައިވެނި ކުރި ދެކުނު އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ އާއި ވިޖޭ ދެވަރަކޮންދާ--ފޮޓޯ/އެންޑީޓީވީ

ދެކުނު އިންޑިއާގެ އެންމެ މަގުބޫލު އަދި ކާމިޔާބު ފިލްމީތަރިންގެތެރޭ ހިމެނޭ ވިޖޭ ދެވަރަކޮންދާ އާއި ރަޝްމިކާ މަންދަންނާ ކައިވެނިކޮށްފިއެވެ.

ވިޖޭ އާއި ރަޝްމިކާގެ ކައިވެނީގެ ރަސްމިއްޔާތު އޮތީ އިންޑިއާގެ އުދޭޕޫރުގެ އައިޓީސީ ހޮޓެލްސް ގްރޫޕްގެ ލަގްޒަރީ ހޮޓެލް އައިޓީސީ ހޮޓެލްގައެވެ. ރިޕޯޓުތައް ބުނާގޮތުން މި ލަގްޒަރީ ހޮޓެލްގެ ކޮޓަރިއެއްގެ އަގު 80 ލައްކަ ރުޕީސް އާއި 1.5 ކްރޯޑު ރުޕީސްއާ ދެމެދުގެ އަދަދަކަށް އަރައެވެ.

މި ކައިވެނީގެ ހަފްލާއަށް އިންޑިއާގެ މީޑިއާތަކުގެ ސަމާލުކަން ލިބެމުން އަންނަތާ ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ކައިވެނީގެ ކުރިން ބާއްވާ ސަގާފީ ހަފްލާތަކުގެ ބައެއް ފޮޓޯތައް ވެސް ވިޖޭ އާއި ރަޝްމިކާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ. އެ ފޮޓޯތަކުން ދައްކުވައިދިން ގޮތުގައި މި ކައިވެންޏަކީ ވަރަށް ޝާހީ ތީމަކަށް ކުރިއަށްދިޔަ ކައިވެންޏެކެވެ.

ކައިވެނީގެ ކުރިން ބޭއްވި ބައެއް ސަގާފީ ހަފްލާތަކުގެ ފޮޓޯތައް ވިޖޭ އާއި ރަޝްމިކާ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައި--ފޮޓޯ/އެންޑީޓީވީ

އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި ރަޝްމިކާ އާއި ވިޖޭގެ ކައިވެނީގެ ދެ ހަފްލާ ވަނީ ބޭއްވުމަށް ނިންމާފައެވެ. އެއީ ތެލުގޫ ސަޤާފަތާއި އެއްގޮތަށް މިއަދުގެ ހެނދުނުގެ ވަގުތެއްގައި ބޭއްވި ކައިވެނީގެ ހަފްލާގެ އިތުރުން އިންޑިއާގެ ކަރުނާޓަކާގެ ކޮޑަގޫ މީހުން ނިސްބަތްވާ ހިސާބުގައި ބާއްވާ ސަގާފީ ކައިވެންޏާއި އެއްގޮތަށް ހަވީރު ބާއްވާ ހަފްލާއެކެވެ.

ނަމަވެސް ކައިވެނީގެ އެއްވެސް ފޮޓޯއެއް މިހާތަނަށް އާއްމުކޮށްފައެއް ނުވެއެވެ. ނަމަވެސް ދެ ތަރިންގެ ކައިވެނީގެ ކުރިން ބޭއްވި ބައެއް ހަފްލާތަކުގެ ފުޓޭޖްތަކެއް ސޯޝަލް މީޑިއާގައި ވަނީ އިއްޔެ ދައުރުވާން ފަށާފައެވެ.

މި ކައިވެނީގެ ހަފްލާއަށް ރަސްމީކޮށް ދައުވަތު ދީފައި ވަނީ ގާތްގަނޑަކަށް 100އެއްހާ މީހުންނަށެވެ. އޭގެތެރޭގައި ބޮޑަށް ހިމެނެނީ ދެ ފަރާތުގެ އާއިލާގެ މެމްބަރުންގެ އިތުރުން ގާތް ރަހްމަތްތެރިންނާއި ފިލްމު އިންޑަސްޓްރީގެ އެންމެ ގާތް މީހުންނެވެ.

ކައިވެނީގެ ހަފްލާއަށްފަހު ވިޖޭ އާއި ރަޝްމިކާގެ ފަރާތުން ދޭ ކައިވެނީގެ ރިސެޕްޝަން ހަފްލާ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ހައިދަރުއާބާދުގައި އޮންނާނެއެވެ. ކައިވެނީގެ ރިސެޕްޝަން ހަފްލާއަށް ދައުވަތު ދޭ މީހުންގެތެރޭ ސައުތު ސިނަމާގެ އިތުރުން ބޮލީވުޑްގައި މަސައްކަތްކުރާ ފިލްމީ ތަރިންނަށެވެ.

ވިޖޭ އާއި ރަޝްމިކާ ކައިވެނި ކޮށްފައި މިވަނީ ދެ ތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އަށް އަހަރު ފަހުންނެވެ. ދެ ތަރިންގެ ލޯބީގެ ގުޅުމުގެ އަޑުތައް ފެތުރެން ފެށީ 2018ގައި އެކީގައި މަސައްކަތްކުރި ފިލްމު "ގީތާ ގޯވިންދަމް" އަދި 2019ގައި އެކީގައި ކުޅުނު ފިލްމު "ޑިއާ ކޮމްރޭޑް"އަށް ފަހުއެވެ.

comment ކޮމެންޓް