ބޮލީވުޑްގެ ކާމިޔާބު ފްރެންޗައިސް "ގޯލްމާލް"ގެ ފަސް ވަނަ ފިލްމުގެ ވަރަށް މުހިންމު ރޯލަކަށް ބަތަލާ ޕްރިޔާމަނީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ސައުތު ސިނަމާގެ އެންމެ މަގުބޫލު ބަތަލާއިންގެ ތެރޭގައި ހިމެނޭ ޕްރިޔާމަނީއަކީ މިފަހަކަށް އައިސް މަދުން ނަމަވެސް ބޮލީވުޑްގެ ފިލްމުތަކުން ފެންނަ މޫނެކެވެ. ޕްރިޔާ ވަނީ "ގޯލްމާލް"ގެ ޑައިރެކްޓަރު ރޯހިތު ޝެޓީ 2013ގައި ގެނެސްދިން ކާމިޔާބު ފިލްމު "ޗެންނާއި އެކްސްޕްރެސް"ގެ ރޯލަކުން ވެސް ފެނިފައެވެ.
މީގެއިތުރުން ޕްރިޔާ ވަނީ "ގޯލްމާލް"ގެ ލީޑް އެކްޓަރުންގެތެރޭ ހިމެނޭ އަޖޭ ދޭވްގަންއާ އެކު 2024 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މައިދާން"ގައި ވެސް ސޮއިކޮށްފައެވެ. އެހެންވެ "ގޯލްމާލް 5"ގެ ޕްރޮޑަކްޝަން ޓީމަކީ ޕްރިޔާއަށް އާ ބައެއް ނޫނެވެ.

ޕްރިޔާ ފިލްމު "މައިދާން"ގެ ޕްރޮމޯޝަން ހަފްލާއެއްގައި އެކްޓަރު އަޖޭ ދޭވްގަންއާ އެކު-- ފޮޓޯ/ ބޮލީވުޑްހަންގާމާ
ފިލްމު "ގޯލްމާލް 5"ގެ ޝޫޓިންގް މި ހަފުތާގެތެރޭގައި ފަށާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ފިލްމުގައި ޕްރިޔާ ކުޅޭ ރޯލާ ބެހޭ މައުލޫމާތު ވަނީ ސިއްރުކޮށްފައެވެ. ބައެއް މީޑިއާ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ޕްރިޔާ ފިލްމުގެ ކުޅޭ ރޯލާ ގުޅޭ ޝޫޓިންގްތަކުގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.
މި ފަހަރުގެ ފިލްމުން ވެސް ފިލްމީ ތަރިން ކަމަށްވާ "އަރުޝަދު ވާރްސީ، ތުޝާރު ކަޕޫރު، ޝްރެޔަސް ތަލްޕަޅޭ، ކުނާލް ކޭމޫ އަދި ޝަރުމަން ޖޯޝީ ފެންނާނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ފިލްމު "ގޯލްމާލް 5"ގެ ބަތަލާގެ ރޯލް ކަރީނާ ކަޕޫރަށް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފައިވާއިރު ކަރީނާގެ އިތުރުން ބަތަލާގެ ދޮންދަރި ސާރާ އަލީ ޚާން ވެސް މި ފިލްމުގެ މުހިއްމު ރޯލަކަށް ގެނައުމުގެ މަޝްވަރާތައް ވަނީ ކުރެވިފައެވެ.