އޮސްޓްރޭލިއާގައި ފަސް އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި މައްސަލައެއްގައި މީހެއްގެ މައްޗަށް މަރުގެ ދައުވާ އާއި ޖިންސީ ގޯނާގެ ދެ ދައުވާއެއް އުފުލައިފިއެވެ.
އަސްލު ނަން ހާމަނުކޮށް، 'ކުމަންޖައި ލިޓްލް ބޭބީ'ގެ ނަން ދީފައިވާ އެ އަންހެން ކުއްޖާ ގެއްލިފައިވަނީ މިދިޔަ މަހުގެ 25ގައެވެ. އެ ކުއްޖާ އެންމެ ފަހުން ފެނިފައިވަނީ، މައްސަލައިގައި ހައްޔަރުކުރި، 47 އަހަރުގެ ޖެފާސަން ލުއިސްގެ އަތުގެ ހިފައިގެން ދިޔަ މަންޒަރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
އެ ކުއްޖާ ހޯދަން ކުރިއަށްގެންދިޔަ ބޮޑު އޮޕަރޭޝަނަކަށް ފަހު، މިދިޔަ ބުރާސްފަތި ދުވަހު ކުއްޖާގެ ހަށިގަނޑު ފެނިފައިވަނީ އެ ކުއްޖާ އެންމެ ފަހުން ފެނުނު ސަރަހައްދާ ފަސް ކިލޯމީޓަރު ދުރު ސަރަހައްދަކުންނެވެ.
އެ މައްސަލައިގައި ލުއިސް ހައްޔަރުކުރީ، ބަޔަކު އޭނާ ހޯދައި އޭނާއަށް އަނިޔާކުރަން ތިއްބައެވެ. އޭނާއަށް ކުރި އަނިޔާތަކާ ގުޅިގެން އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ވެސް ޖެހުނެވެ.
ލުއިސް ހައްޔަރުކުރުމުން ބައެއް މީހުން ވަނީ އެ މީހުންނާ އޭނާ ހަވާލުކުރުމަށް ފުލުހުންނަށް ގޮވާލައި މުޒާހަރާވެސް ކޮށްފައެވެ. އެ މުޒާހަރާތަކުގައި ފުލުހުންގެ އުޅަނދުތަކަށް ގެއްލުންދީ ފިހާރަތައް ލޫޓުވައިފައިވެއެވެ.