ޑައިނަމިކް އައިލެންޑާއި އޯލެޑް ޓަޗްސްކްރީން ހިމެނޭ މެކްބުކް ޕްރޯ ނެރުން އަވަސްކުރަނީ

މި އާ މެކްބުކް ޕްރޯ މީގެ ކުރިން ނެރެން ހަމަޖެހިފައި އޮތީ 2027 ވަނަ އަހަރު ---

އެޕަލް ކުންފުނިން ޑިޒައިންކުރަމުން އަންނަ އޯލެޑް ޓަޗްސްކްރީން ހިމެނޭ އާ މެކްބުކް ޕްރޯ، ކުރިން ލަފާކުރި ތާރީޚަށްވުރެ އަވަހަށް ނެރެން އެކުންފުނިން ރާވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބްލޫމްބާގް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އާ މެކްބުކް ޕްރޯ މީގެ ކުރިން ނެރެން ހަމަޖެހިފައި އޮތީ 2027 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ނަމަވެސް އެޕަލްގެ ޕްލޭންތަކަށް އައި ބަދަލަކާއެކު، މި ލެޕްޓޮޕް 2026 ވަނަ އަހަރުގެ ފަހުކޮޅު ނެރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ އެޕަލް އިން ނެރޭ ފުރަތަމަ ޓަޗްސްކްރީން ލެޕްޓޮޕަށް ވެގެންދާނެއެވެ.

މި މެކްބުކްގައި އެންމެ ފާހަގަކޮށްލެވޭނެ އެއް ބަދަލަކީ އައިފޯނުތަކުގައި ބޭނުންކުރާ "ޑައިނަމިކް އައިލެންޑް" ފީޗާ ހިމެނުމެވެ. މީގެ ކުރިން މެކްބުކްގެ ސްކްރީން މަތީ މެދުގައި އިންނަ "ނޮޗް" ގެ ބަދަލުގައި ޑައިނަމިކް އައިލެންޑް ބޭނުންކުރުމުން، ވެބްކެމްގެ އިތުރުން މީޑިއާ ކޮންޓްރޯލް ކުރުމާއި ތަފާތު އެޕްލިކޭޝަންތަކުގެ ލައިވް އެކްޓިވިޓީތައް ބެލުމުގެ ފުރުސަތު ޔޫޒަރުންނަށް ލިބިގެންދާނެއެވެ.

މި ލެޕްޓޮޕްގައި ޓަޗް ސްކްރީން ހިމެނި ނަމަވެސް، އެޕަލް އިން ދަމަހައްޓާނީ ސަގާފީ ލެޕްޓޮޕް ޑިޒައިނެވެ. އެގޮތުން ކުރީގެ މޮޑެލްތަކެކޭ އެއްފަދައިން ކީބޯޑާއި ޓްރެކްޕެޑް ހުންނާނެ ކަމަށާއި، ޓަޗް ބޭނުންކުރެވޭނީ މައިގަނޑު ކޮންޓްރޯލްގެ ގޮތުގައި ނޫން ކަމަށާއި، އެއީ އިތުރު އޮޕްޝަނެއްގެ ގޮތުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ އިތުރުން، މި މެކްބުކްތައް ނެރޭނީ އެޕަލްގެ އެމް6 (M6) ޗިޕާއެކު، ކުރިއަށްވުރެ ތުނިކޮށް އަދި ލުއިކޮށް ކަމަށްވެސް ޚަބަރުތައް ބުނެއެވެ. މި ލެޕްޓޮޕް ނެރުމަށް ހަމަޖެހިފައިވަނީ 14 އިންޗި އާއި 16 އިންޗީގެ ސައިޒުތަކުގައެވެ.

އަދި ހަމައެހެންމެ، ކުރިއަށް އޮތް މަހުގެ ތެރޭގައި އެޕަލް އިން އައިފޯން 17އީ (iPhone 17e) އާއި، އެމް5 މެކްސް އަދި އަލްޓްރާ ޗިޕް ހިމެނޭ މެކްބުކް ޕްރޯގެ އާ މޮޑެލްތަކެއް ނެރެން އުޅޭކަމުގެ އަޑުތައްވެސް ވަނީ ފެތުރިފައެވެ.

comment ކޮމެންޓް