ވިދިވިދިގެން ދެވަނަ ކުއާޓަރުގައި ވެސް ދުނިޔޭގެ ސްމާޓްފޯން މާކެޓުގެ އެއްވަނަ އެޕަލްގެ އައިފޯން 17 ހޯދައިފިއެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ވެސް ދުނިޔޭގެ ސްމާޓްފޯން ބާޒާރުގެ އެއްވަނަ އެޕަލްގެ އައިފޯން 17 ސީރީޒް ހޯދައި، ބާޒާރުގައި އެ ކުންފުނީގެ ބާރު ދަމަހައްޓައިފައިވާއިރު، ކައުންޓާޕޮއިންޓް ރިސާޗްގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2026 ގެ ފުރަތަމަ ކުއާޓަރުގައި ވެސް އެންމެ ގިނައިން ވިކުނު ފޯނުގެ މަގާމު ހޯދި އައިފޯން 17 ވަނީ ދެވަނަ ކުއާޓަރުގައި ވެސް އެ ކާމިޔާބީ ދަމަހައްޓާފައެވެ.
ދުނިޔޭގެ ސްމާޓްފޯން ބާޒާރު އާންމުކޮށް 11 އިންސައްތަ ދަށަށް ގޮސްފައިވީ ނަމަވެސް، އެޕަލް އިން ވިއްކި ފޯނުގެ އަދަދު ވަނީ 5 އިންސައްތަ އިތުރުވެފައެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އިންޑިއާ، ޖަޕާން އަދި މެދުއިރުމައްޗާއި އެފްރިކާ (އެމްއީއޭ) ސަރަހައްދުގައި އައިފޯން ވިކުނު މިންވަރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. މީގެ އިތުރުން ދެކުނު ކޮރެއާގައި އައިފޯން 17 ސީރީޒްގެ ޑިމާންޑް ބޮޑުވެ، އެ ގައުމުގައި ވިކުނު މިންވަރު ވަނީ ދެގުނައަށް އިތުރުވެފައެވެ.

އެންމެ ގިނައިން ވިކުނު ފޯނުތަކުގެ ދެވަނަ މަގާމު އައިފޯން 17 ޕްރޯ މެކްސްއަށް ----
އައިފޯން 17 ސީރީޒަށް މިފަދަ ބޮޑު ތަރުހީބެއް ލިބުނު މައިގަނޑު ސަބަބަކީ ކުރީގެ މޮޑެލްތަކާ އަޅާބަލާއިރު މިއަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކެވެ. މިގޮތުން އާދައިގެ މޮޑެލްތަކާއި ޕްރޯ މޮޑެލްތަކާ ދެމެދު ހުރި ތަފާތުތައް އެޕަލް އިން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ.
އެންމެ ގިނައިން ވިކުނު ފޯނުތަކުގެ ދެވަނަ މަގާމު އައިފޯން 17 ޕްރޯ މެކްސް ހޯދިއިރު، ތިންވަނަ ލިބުނީ އައިފޯން 17 ޕްރޯ އަށެވެ. އަދި ހަތަރުވަނަ މަގާމު ހޯދާފައިވަނީ ސެމްސަންގް ގެލެކްސީ އެސް26 އަލްޓްރާއެވެ.
މި ކުއާޓަރުގައި އެންމެ ގިނައިން ވިކުނު ގަދަ 10 ފޯނުގެ ތެރޭގައި އެޕަލްގެ އިތުރު މޮޑެލްތައް ވެސް ވަނީ ހިމެނިފައެވެ. އެގޮތުން އައިފޯން 17 އީ ހަތްވަނަ މަގާމު ހޯދިއިރު، ކުރީގެ މޮޑެލްއެއް ކަމަށްވާ އައިފޯން 16 ވަނީ ދިހަވަނަ މަގާމު ހޯދާފައެވެ.
މިއާއެކު ދުނިޔޭގައި އެންމެ ގިނައިން ވިކުނު 10 ފޯނުގެ ދެބައިކުޅަ އެއްބަޔަކީ އެޕަލްގެ އުފެއްދުންތަކެވެ. މިއީ މީގެ ކުރިން އައިފޯން 16 އަދި އައިފޯން 15 ނެރުނު ދުވަސްވަރު ވެސް އެޕަލް އިން އެއްވަނަ، ދެވަނަ، ތިންވަނަ، ހަތްވަނަ އަދި ދިހަވަނަ މަގާމު ހޯދި ގޮތާ އެއްގޮތް ކާމިޔާބީއެކެވެ.
މުޅި ދުނިޔޭގައި ޗިޕް ލިބުމުގައި ދިމާވި ދަތިކަމުގެ ސަބަބުން 2026 ވަނަ އަހަރު ފޯނު އުފައްދާ ކުންފުނިތަކުން މައިގަނޑު ގޮތެއްގައި ސަމާލުކަން ދިނީ އަގުބޮޑު ޕްރީމިއަމް ފޯނުތަކަށެވެ. މާކެޓް ދަށަށް ދިޔަ ނަމަވެސް އެޕަލް އަދި ސެމްސަންގުން ވަނީ ކުރިއެރުން ހޯދާފައެވެ.
އެޕަލްގެ ޔުނިޓް ސޭލްސްގެ އިތުރުން މާލީ ގޮތުން ވެސް އެ ކުންފުނިން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. ދުނިޔޭގެ ބާޒާރަށް ނެރުނު ފޯނުގެ 23 އިންސައްތައަކީ އެޕަލްގެ ފޯނުތައް ކަމުގައި ވާއިރު، މުޅި ދުނިޔޭގެ ސްމާޓްފޯން ވިޔަފާރިން ލިބުނު އާމްދަނީގެ 49 އިންސައްތަ ހިއްސާކޮށްފައިވަނީ އެޕަލްއިންނެވެ.