މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލެއްގެ ފަހަތުގައި އިން 16 އަހަރު ދިވެހި ފިރިހެން ކުއްޖަކު މިއަދު މަރުވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ ބޮޑުތަކުރުފާނުމަގު, ޓްރެފިކް ލައިޓް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލު ނުވެގެންގޮސް އެ މަހުގެ ޕޭވްމަންޓް މައްޗަށް އަރައި ރޭ ދަންވަރު 1:39 ކަންހާއިރު އެކްސިޑެންޓެއް ވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި ފަހަތުގައި އިނީ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
އެ ދެ މީހުންނަށް ފަރުވާ ދިނުމަށް އެ ވަގުތު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެ ތެރެއިން ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުޑަ ކުއްޖާ މިއަދު ވަނީ މަރުވެފައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެކްސިޑެންޓްވި ސައިކަލް ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސެންސް ވެސް ނެތް މީހެއް ކަމަށެވެ.
ބާރު ސުޕީޑުގައި ވެހިކަލް ދުއްވުމަކީ ރާއްޖޭގައި އާއްމުވެފައިވާ މައްސަލައެކެވެ. މިފަދަ އެކްސިޑެންޓްތަކުގައި އެތައް ބައެއްގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ޒުވާނުން ގިނައެވެ.