ކެރެލާގެ ނަން "ކެރެލަމް" އަށް ބަދަލުކުރަން އިންޑިއާގެ ކެބިނެޓުން ފާސްކޮށްފި

ކެރެލާގެ ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަން އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީ: ކެރެލާގެ ނަން "ކެރެލަމް" އަށް ބަދަލުކުރަން ވަނީ ފާސްކޮށްފައި -- ފައިލް އިމޭޖް: އެކްސް، ނަރެންދްރަ މޯދީ

އިންޑިއާގެ ދެކުނުގައި އޮންނަ ކެރެލާ ސްޓޭޓުގެ ނަން "ކެރެލަމް" އަށް ބަދަލުކުރުމަށް އެ ގައުމުގެ މައި ސަރުކާރުގެ ކެބިނެޓުން މިއަދު ފާސްކޮށްފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ރިޔާސަތުގައި ބޭއްވި ކެބިނެޓް ބައްދަލުވުމުގައި މި ނިންމުން ނިންމާފައި ވަނީ، ކެރެލާގެ ރައްޔިތުންގެ ދިގު މުއްދަތެއްގެ އުއްމީދާ އެއްގޮތަށް، އެ ސްޓޭޓުގެ އަސްލު ސަގާފީ އަދި ބަހަވީ އައިޑެންޓިޓީއާ އެއްގޮތަށް ނަން ބަދަލުކުރުމަށެވެ. މިއީ އިންޑިއާގެ ތާރީޚުގައި ސްޓޭޓެއްގެ ނަން ބަދަލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ، އެ ސްޓޭޓުގެ މާދަރީ ބަސް ކަމުގައިވާ މަލަޔާލަމް ބަހުން އެ ތަނަށް ކިޔާ ނަމަކީ "ކެރެލަމް" ކަމަށް ވުމެވެ.

އިނގިރޭސި އިސްތިއުމާރީ ދުވަސްވަރުން ފެށިގެން ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރަމުން އައި "ކެރެލާ" މި ނަމަކީ ބޭރުގެ ނުފޫޒުން އައިސްފައިވާ ނަމެއް ކަމަށް އެ ސްޓޭޓުގެ ރައްޔިތުން ގަބޫލުކުރެއެވެ. އެހެންކަމުން، މި ނަން ބަދަލުކުރުމަކީ ހަމައެކަނި ނަމަކަށް ގެނެވޭ ބަދަލެއް ނޫން ކަމަށާއި، މިއީ އެ ސްޓޭޓުގެ ތާރީޚާއި ސަގާފަތް ދިރުވުން ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.

މި ނިންމުން ތަންފީޒުކުރުމަށްޓަކައި އިންޑިއާގެ ގާނޫނުއަސާސީއަށް ބަދަލު ގެންނަން ޖެހޭނެއެވެ. ގާނޫނުއަސާސީގެ ތިންވަނަ މާއްދާގެ ދަށުން، ސްޓޭޓެއްގެ ނަން ބަދަލުކުރުމުގެ ބާރު ލިބިގެންވަނީ ޕާލަމެންޓަށެވެ. ކެބިނެޓުގެ މި ނިންމުމާއެކު، ދެން އޮންނާނީ ރައީސްގެ ލަފާފުޅާއެކު މި ބިލު ކެރެލާގެ ސްޓޭޓް އެސެމްބްލީއަށް ފޮނުވުމެވެ. އެއަށްފަހު، ޕާލަމެންޓުގެ ދެ މަޖިލީހުން (ލޯކް ސަބާ އަދި ރާޖްޔަ ސަބާ) އިން މި އިސްލާހު ފާސްކޮށް، ރައީސް ތަސްދީގުކުރެއްވުމުން ގާނޫނުއަސާސީގެ ފުރަތަމަ ތާވަލުގައިވާ ނަން "ކެރެލަމް" އަށް ބަދަލުވެގެންދާނެއެވެ.

މިކަމަށް އެދި ކެރެލާގެ ސްޓޭޓް އެސެމްބްލީން ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ގަރާރު ފާސްކޮށްފައެވެ. އެންމެ ފަހުން 2024 ވަނަ އަހަރުގެ ޖޫން މަހު، ޗީފް މިނިސްޓަރު ޕިނަރާއީ ވިޖަޔަން ހުށަހެޅުއްވި ގަރާރު ފާސްކޮށްފައިވަނީ އެސެމްބްލީގެ ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޗީފް މިނިސްޓަރު ވިދާޅުވެފައި ވަނީ މިނިވަންކަމުގެ ހަރަކާތްތަކުގެ ދުވަސްވަރުން ފެށިގެން ވެސް މަލަޔާލަމް ބަހުން ވާހަކަދައްކާ މީހުންގެ މެދުގައި "ކެރެލަމް" ގެ ނަމުގައި އެއްބައިވަންތަ ސްޓޭޓެއް އުފެއްދުމުގެ ރޫހު އޮތް ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް