އިސްލާމް ދީނަށް ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ޓިކްޓޮކުގައި މަޝްހޫރު "ބޫގާ" ނުވަތަ "ޑރ. ބޫ" ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ފަންސާސް އެއް އަހަރުގެ އަހުމަދު އާމިރު، ސޯޝަލް މީޑިއާގެ އެކި ޕްލެޓުފޯމުތަކުގައި އިސްލާމް ދީނަށް ފުރައްސަރަކޮށް، ރައްޔިތުންގެ ދީނީ އެއްބައިވަންތަ ކަމަށް ބޫރު އަރާ ފަދަ ވާހަކަދައްކާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި، އިސްލާމިކް މިނިސްޓްރީ ނައްތާލުމަށް އޭނާ ގޮވާލާފައިވާ ކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، އެ މައްސަލައިގެ ތަހުގީގަށް އޭނާ ހާޒިރުވާން އެންގުމަށް އުޅޭ ވަކި ތަނެއް ނޭނގޭތީ ޗިޓު ރައްދު ކުރެވިފައިނުވާ ކަމަށެވެ.
އެހެންވެ، އަންނަ މާރިޗު 10 ވަނަ ދުވަހުގެ 16:00އަށް ސާޖަންޓް އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގްއަށް ހާޒިރުވާން ފުލުހުން ވަނީ އިއުލާން ކޮށްފައެވެ.
އާމިރު ހަދާފައިވާ ޓިކްޓޮކުތަކުން އެނގޭ ގޮތުގައި ޖަޕާން މީހަކާ ކައިވެނިކޮށްގެން އޭނާ ދިރިއުޅެމުން އަންނަނީ އެ ގައުމުގައެވެ.