އިސްރާއީލުން ޣައްޒާއަށް ފޮނުވި ފޮށިތަކެއްގައި އިންސާނުންގެ ބޮލުގެ ނާށިގަނޑާއި ހަށިގަނޑުގެ އެހެން ބައިތައް

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި މަރާލާފައިވާ ބައެއްގެ ހަށިތައް. ފޮޓޯ/އޭޕީ

އިސްރާއީލުން ޣައްޒާއަށް ފޮނުވި ފޮށިތަކެއްގައި އިންސާނުންގެ ބޮލުގެ ނާށިގަނޑާއި ހަށިގަނޑުގެ އެހެން ބައިތައް ހުރިކަން ހާމަވެއްޖެއެވެ.

އެކަން ހާމަކުރެއްވީ އިނގިރޭސިވިލާތުގެ އަމިއްލަ މެންބަރު އަދި ލޭބާ ޕާޓީގެ ކުރީގެ ލީޑަރު ޖެރެމީ ކޯބިންއެވެ. އޭނާ ވިދާޅުވި ގޮތުގައި ޣައްޒާގެ އަލް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑރ. މުހައްމަދު އަބޫ ސަލަމިޔާ ފޮނުއްވި މެސެޖެއްގައި، އިސްރާއީލުގެ އަސްކަރިއްޔާއިން އެ ހޮސްޕިޓަަލަށް އޭގެ ގާތްގަނޑަކަށް 66 ފޮށިގަނޑު ފޮނުވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ކޯބިން ވިދާޅުވި ގޮތުގައި އިންސާނުންގެ ހަށިގަނޑުގެ ބައިތައް ފެނުނީ ހޮސްޕިޓަލުގެ މުވައްޒަފުން އެ ފޮށިތައް ކެނޑުމުންނެވެ.

ކޯބިން ވިދާޅުވީ އެ ފޮށިތަކުގައި، ވިހެއުމުގެ ތެރޭގައި މަރުވެފައިވާ އަންހެނުންގެ ހަށިތައް ވެސް ހިމެނޭ ކަމަށާއި ސާޖަރީ ހެދުމަށް ހަށިގަނޑުތައް ފަޅާފައި ހުރިތަން ފެންނަ ހުރި ކަމަށެވެ. އަދި ގުނަވަންތައް ވަކިކޮށްފައިވާ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"މިކަން ސިފަކުރަންވެސް އުނދަގޫ. މިއީ ފަލަސްތީނުގެ ރައްޔިތުންނަށް ވާ ގޮތް،" ކޯބިން ވިދާޅުވިއެވެ.

ކޯބިން: އިސްރާއީލުން ޣައްޒާއަށް ފޮނުވި ފޮށިތަކެއްގައި އިންސާނުންގެ ބޮލުގެ ނާށިގަނޑާއި ހަށިގަނޑުގެ އެހެން ބައިތައް ހުރި ކަމަށް ވިދާޅުވި -- ފޮޓޯ/ ގެޓީ

ޣައްޒާގެ ސިއްޙަތާބެހޭ ވުޒާރާއިން ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް (އައިސީއާރުސީ) މެދުވެރިކޮށް، ކާކުކަން ނޭނގޭ އެތައް ބައެއްގެ ހަށިތައް އެ ވުޒަރާއާ ހަވާލުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

އޭގެ ތެރެއިން ގިނަ ހަށިގަނޑުތަކަކީ ކާކުކަން ނޭނގޭ ހަށިތަކަށްވާއިރު، ބައެއް ހަށިގަނޑުތަކުގައި ވަނީ ހަމައެކަނި ކަށިތަކާއި ބޮލުގެ ނާށިގަނޑުކަން ޑރ އަބޫ ސަލަމިޔާއާ ހަވާލާދީ ޓީއާރްޓީން ރިޕޯޓުކޮށްފައިވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޯބިން އަކީ ފަލަސްތީނު މީހުންގެ ހައްގުތަކަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ، ޣައްޒާއަށް ދެމުންދާ ހަމަލާތައް ދާއިމީކޮށް ނިމުމަކަށް ގެނައުމަށް ގޮވާލެއްވި ބޭފުޅެކެވެ. ފަލަސްތީނަށް ތާއީދުކުރާ އެއްވުންތަކުގައި ގިނައިން ތަގުރީރު ކުރައްވައި، ''ފަލަސްތީން އެކްޝަން'' ފަދަ އެކްޓިވިސްޓުން ދިފާއު ކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ވަކާލާތު ކުރައްވައެވެ.

ކޯބިން ވަނީ 2015 އާއި 2020 އާ ދެމެދު ލޭބާ ޕާޓީގެ ލީޑަރުކަން ކުރައްވާފައެވެ. އޭނާގެ ވެރިކަމުގައި އެ ޕާޓީއަކީ ޔަހޫދީންނާ މެދު ނަފުރަތު އުފައްދަން ޖާގަ ދޭ ޕާޓީއެއް ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އަމާޒުވިއެވެ. އޭނާއަށް ތާއީދުކުރާ މީހުން ބުނާ ގޮތުގައި އެ ތުހުމަތުތަކަކީ، ފަލަސްތީނު މީހުންގެ ހައްގުތަަކަށް ވަކާލާތު ކުރާތީ އޭނާއަށް ގެއްލުން ދިނުމަށް ކުރާ ތުހުމަތުތަކެކެވެ.

comment ކޮމެންޓް