މި އަންނަ މަހު އެމެޒޯން ޕްރައިމްގައި ޕްރީމިއާކުރާ ބޮލީވުޑްގެ އެކްޓަރު އަނިލް ކަޕޫރުގެ ފިލްމު "ސުބޭދާރް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
ސުރޭޝް ތުރިވޭނީ ޑައިރެކްޓްކުރާ މި ފިލްމަކީ އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތްކުރި ފައުޖީއަކު އޭނާގެ އާއްމު ދިރިއުޅުމަށް އެނބުރި ރުޖޫއަވުމާ އެކު ތަހައްމަލުކުރާ ކަންކަމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.
އެގޮތުން އަނިލް ދިރިއުޅޭ ހިސާބުގައި ވެލީގެ ވަގުވިޔަފާރި ކުރާ ބަޔަކު އުޅޭކަން އެނގުމުން އެކަން ކަމާބެހޭ އިދާރަތާކަށް އެންގުމުގެތެރޭގައި ހިނގާ ކުރިމަތިލުންތަކެއް ފިލްމުން ފެންނާނެއެވެ.
އަނިލް ދިރިއުޅޭ ކޮމިއުނީޓިގައި އުޅޭ ދުޝްމަނުންނާ ކުރިމަތިލުމުގައި މިލިޓަރީ ގަވައިދަށް ހުރުމަތްތެރިކޮށް ހިތުމަށް އޭނާއަށް މަޖުބޫރުވެ އަމިއްލަ އާއިލާ ރައްކާތެރިކޮށް ބެލެހެއްޓުމަށްޓަކައި ކުރާ މަސައްކަތްތައް ފިލްމުގައި ދައްކުވައިދޭނެއެވެ.

ފިލްމު "ސުބޭދާރް"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
އަނިލްއާ އެކު މި ފިލްމުގެ ކާސްޓުން ފެންނާނެ އިތުރު ތަރިންގެތެރޭ ރާދިކާ މަދަން ހިމެނެއެވެ. ރާދިކާ ފިލްމުގައި ފެންނާނީ އަނިލްގެ ދަރިފުޅުގެ ރޯލްއިންނެވެ. މީގެިއތުރުން މިފަހަކަށް އައިސް ވަރަށް ގިނަ ފިލްމުތަކުގެ ސަޕޯޓިންގް ރޯލްތަކުން ފެންނަ ބަތަލާ މޯނާ ސިންގް "ސުބޭދާރް"ގެ މުހިއްމު ރޯލެއް ކުޅޭނެއެވެ.
މި ފިލްމު އެމެޒޯން ޕްރައިމްގައި އަންނަ މަހުގެ ފަސް ވަނަ ދުވަހު ޕްރީމިއާކުރާނެކަން ވަނީ އިއުލާނުކޮށްފައެވެ. ފިލްމު "ސުބޭދާރް"ގެ ޓްރެއިލާ ބެލުމަށްފަހު އަނިލް ފިލްމުގައި ކުޅޭ ކެރެކްޓާއަށް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. އޭގެތެރޭގައި ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް ހިމެނެއެވެ.
އަނިލްއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ސިފަކުރި ގޮތުގައި މިއީ ފިލްމު "ނަޔަކް: ދަ ރިއަލް ހީރޯ"އަށް ފަހު އަނިލްގެ އެ ކެރެކްޓާގެ ހަނދާންތައް އަލުން ގެނުވައިދޭނެ ފިލްމެއް ކަމަށެވެ.