ބަފްޓާ އެވޯޑުގެ ޝަރަފުވެރި އެވޯޑެއް އިންޑިއާގެ އުފެއްދުމަކަށް

ފިލްމު "ބޫންގް"ގެ ޕްރޮޑަކްޝަން ޓީމު މި އަހަރުގެ ބަފްޓާ އެވޯޑު ޝޯގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

މި އަހަރުގެ ބްރިޓިޝް އެކަޑަމީ ފިލްމްސް އެވޯޑުސް (ބަފްޓާ)ގެ 'ބެސްޓް ޗިލްޑްރެންސް އެންޑް ފެމިލީ ފިލްމު އޮނާ' ކެޓަގަރީގެ އެވޯޑު އިންޑިއާގެ އުފެއްދުމަކަށް ލިބިއްޖެއެވެ.

"ބޫންގް"ގެ ނަމުގައި އުފައްދާފައިވާ މި ފިލްމަކީ އިންޑިއާގެ މަނީޕޫރީ ބަހުން އުފައްދާފައިވާ ކުޑަކުދިންނަށް ހާއްސަ ފިލްމެކެވެ. މި ކެޓަގަރީގައި އިތުރަށް ވާދަކުރި ފިލްމުތަކުގެތެރޭ އާކޯ، ލީލޯ އެންޑް ސްޓިޗް" އަދި ޒޫޓްރޯޕޮލިސް 2" ހިމެނެއެވެ.

އިންޑިއާގެ އުފެއްދުމަކަށް މި އަހަރުގެ ބަފްޓާގައި ލިބުނު މި އެވޯޑަކީ އިންޑިއާގެ މުނިފޫފިލުވުމުގެ ދާއިރާއަށް ލިބުނު ޝަރަފެއް ކަމަށާއި ހާއްސަކޮށް ނޯތުއީސްޓް އިންޑިއާގެ އުފެއްދުންތައް އާއްމުންގެ މެދުގައި މަގުބޫލު މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ފިލްމު "ބޫންގް"ގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ލަކްޝްމީޕްރިޔާ ދޭވީ ޑައިރެކްޓްކޮށްފައިވާ ފިލްމު "ބޫންގް" އަކީ އިޖުތިމާއީ އަދި ސިޔާސީ ރަހަތައް އެކުލެވޭ ގޮތަށް އިންޑިއާގެ މަނީޕޫރުގައި ދިރިއުޅޭ ކުޑަ ކުއްޖެއްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މި ފިލްމު ތިއޭޓަރުތަކުގައި ދެއްކުމުގެ ކުރިން ޓޮރޮންޓޯ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލްގައި ވަނީ ޕްރީމިއާކޮށްފައެވެ. އޭރު ވެސް ފިލްމަށް ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ސަމާލުކަން ލިބިފައިވާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

މި ފިލްމުގެ ޕްރޮޑިއުސަރުންގެ ޓީމުގައި ފަރުހާން އަހްތަރު ހިމެނޭއިރު "ބޫންގް" ގެނެސްދީފައި ވަނީ ފަރުހާންގެ އަމިއްލަ ފިލްމު ކުންފުނި އެކްސެލް އެންޓަޓެއިންމަންޓް އަދި ޗާކްބޯޑު އެންޓަޓެއިންމަންޓް ސޫޓަބްލް ޕިކްޗާސް ބެނާގެ ދަށުންނެވެ.

މި ފިލްމުގައި ގެނެސްދީފައި ވަނީ ޑައިރެކްޓަރު ލަކްޝްމީޕްރިޔާ ދޭވީގެ އަމިއްލައަށް ލިޔެ ތައްޔާރުކޮށްފައިވާ ވާހަކައަކަށް ބިނާކޮށެވެ.

comment ކޮމެންޓް