ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
އެ ކަދުރު ރަސްމީކޮށް ހަވާލުކުރުމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ.
އެ ރަސްމިއްޔާތުގައި ސަޢުދީ ޢަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލުކޮށްދެއްވީ، ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ހަސަން އަލްޤަޙްޠާނީއެވެ. އަދި މިނިސްޓްރީގެ ފަރާތުން ކަދުރާ ހަވާލުވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން، އަދި ސަޢުދީ ސަރުކާރުގެ ފަރާތުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ސަޢުދީ ޢަރަބިއްޔާގެ މިނިސްޓާ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސް ޝައިޚް ޑރ. ޢަބްދުލްލަޠީފް ބިން ޢަބްދުލްޢަޒީޒް އާލްޝައިޚް ކުރައްވާ މަސައްކަތްޕުޅު ފާހަގަކުރައްވައި، އެ މަނިކުފާނުގެ މަސައްކަތްޕުޅަށް މިނިސްޓަރު ވަނީ ތަޢުރީފު ކުރައްވާފައެވެ.
މީގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖޭގައި ހުންނަ ސަޢުދީ ޢަރަބިއްޔާގެ އެމްބަސީގެ ފަރާތުން ދެ ގައުމުގެ ގުޅުން ދެމެހެއްޓުމަށްޓަކައި ކުރައްވާ މަސައްކަތް ވެސް ފާހަގަކުރައްވާފައެވެ.
ސައުދީން ކޮންމެ އަހަރެއްގެ ރޯދަމަހަށް ވެސް އާންމު ގޮތެއްގައި ރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.