ސްރީލަންކާ އެކްސްޕޯގައި ބައިވެރިވާން ދިވެހި ވިޔަފާރިތަކަށް އިކޮނޮމިކް މިނިސްޓްރީން ފުރުސަތު ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އަންނަ ޖޫން މަހު 18އިން 21އަށް ބާއްވާ ސްރީލަންކާ އެކްސްޕޯގައި ބައިވެރިވާން ދިވެހި ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލެވިފައިވާކަން ލަންކާ ސަރުކާރުން އަންގާފައިވާ ކަމަށެވެ.
އެ މައުރަޒު ބާއްވަން ހަމަޖެހިފައި ވަނީ، ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ބަންޑާރަނައިކަ މެމޯރިއަލް އިންޓަނޭޝަނަލް ކޮންފަރެންސް ހޯލުގައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ފަތުރުވެރިކަމާއި ދަނޑުވެރިކަމާއި ކާބޯތަކެއްޗާ ގުޅުން ހުރި ދާއިރާތައް މި އެކްސްޕޯގައި ހިމެނޭނެ ކަމަށެވެ. މިގޮތުން، އެ މައުރަޒުގައި ރަޖިސްޓްރީކުރާ މީހުންނަށް ޚާއްސަ ޕެކޭޖުތަކެއް ލިބޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ލަންކާގައި އޮންނަ މައުރަޒެއްގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލިއިރު، ރާއްޖޭގައި ވެސް އުފެއްދުންތައް ދައްކާލުމަށް މައުރަޒުތައް ބާއްވައެވެ. އެ ގޮތަށް ބާއްވާ މައުރަޒުތަކުގައި އެކި ދާއިރާތަކުގެ އުފެއްދުންތައް ދައްކާލައެވެ.