އެޕަލްގެ މާޗް އިވެންޓްގައި 'އައިފޯން 17އީ' އާއި އަގުހެޔޮ މެކްބުކެއް ތައާރަފްކުރަނީ

މި އިވެންޓުގައި އެޕަލް އިން މަދުވެގެން ފަސް އުފެއްދުމެއް ތައާރަފްކުރާނެ ---

އެމެރިކާގެ ޓެކްނޮލޮޖީ ކުންފުނި އެޕަލް އިން އަންނަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ޚާއްސަ އިވެންޓެއްގައި، އެ ކުންފުނީގެ އާ އުފެއްދުންތަކެއް ދައްކާލުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ބްލޫމްބާގްގެ ނޫސްވެރިޔާ މާކް ގާމަން ހާމަކޮށްފައިވާ ގޮތުގައި "ސްޕެޝަލް އެޕަލް އެކްސްޕީރިއެންސް" ގެ ނަމުގައި ބާއްވާ މި ހަރަކާތް މާޗް ދެއަކުން ހަތަރަކަށް ކުރިއަށްދާނެއެވެ. އަދި ފަހު ދުވަހު ލަންޑަން، ނިއުޔޯކް އަދި ޝަންހާއީގައި ބާއްވާ އިވެންޓްތަކުގައި ބައިވެރިންނަށް އާ ޑިވައިސްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި އިވެންޓުގައި އެޕަލްއިން މަދުވެގެން ފަސް އުފެއްދުމެއް ތައާރަފްކުރާނެ ކަމަށް ގާމަން ލަފާކުރައްވައެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް އިންތިޒާރު ކުރެވޭ އެއް އުފެއްދުމަކީ 'އައިފޯން 17އީ' އެވެ. މިއީ އެޕަލްގެ ބަޖެޓް ރޭންޖު ނުވަތަ އަގުހެޔޮ އައިފޯނުގެ އާ މޮޑެލްއެވެ. ރިޕޯޓުތައް ބުނާގޮތުން މި ފޯނުގެ ބޭރުފުށުގެ ޑިޒައިން ކުރީގެ މޮޑެލްއާ އެއްގޮތް ވީނަމަވެސް، ނެޓްވޯކިން އަވަސްކުރުމަށް ސީ1އެކްސް މޮޑެމް އާއި މެގްސޭފް ޗާޖިން ސަޕޯޓް ހިމެނޭނެއެވެ.

އަލަށް ނެރޭ އަގުހެޔޮ މެކްބުކްގައި އޭ 18 ޕްރޯޗިޕް ހިމެނޭ ---

މީގެ އިތުރުން، އެޕަލްގެ އެންމެ އަގުހެޔޮ މެކްބުކް ވެސް މި އިވެންޓުގައި ފެނިގެންދާނެ ކަމަށް ބެލެވެއެވެ. އެއީ 1،000 ޑޮލަރަށްވުރެ (ގާތްގަނޑަކަށް 15،420 ރުފިޔާ) ކުޑަ އަގެއްގައި ވިއްކާނެ ކަމަށް ބެލެވޭ މި ލެޕްޓޮޕްގައި ބޭނުންކުރާނީ އައިފޯން 16 ޕްރޯގައިވެސް ބޭނުންކޮށްފައިވާ އޭ18 ޕްރޯ ޗިޕް ކަމަށް ވެއެވެ.

އަގު ހެޔޮކުރުމުގެ ގޮތުން މި މެކްބުކްގެ ސްކްރީން ސައިޒު 13 އިންޗިއަށްވުރެ ކުޑަވާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި އިވެންޓުގައި ދެން ފެނިގެންދާނެ ކަމަށް ލަފާކުރެވެނީ އައިޕެޑް އެއާ އަދި އެންޓްރީ ލެވެލްގެ އައިޕެޑްގެ އާ މޮޑެލްތަކެވެ. މި އުފެއްދުންތަކަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ބަދަލުގައި ފެނިގެންދާނީ ޗިޕްސެޓް އަޕްގްރޭޑްތަކާއި ކުދި ބަދަލުތަކެއް ކަމަށް ބެލެވެއެވެ.

ގާމަން ފާހަގަކުރި ގޮތުގައި އެމް5 ޗިޕް ހިމެނޭ މެކްބުކް އެއާ، މެކްބުކް ޕްރޯ އަދި ސްޓޫޑިއޯ ޑިސްޕްލޭ ފަދަ ތަކެތި ފެނުމުގެ ފުރުސަތު ކުޑަ ނަމަވެސް، ތަފާތު އެހެނިހެން ހާޑްވެއާ އަދި ސޮފްޓްވެއާ އިއުލާންތައް މި އިވެންޓުގައި ފެނިގެންދާނެއެވެ.

comment ކޮމެންޓް