ޖަލުގައި އޮވެ ސްކޭމްކުރާ މީހަކަށް އެހީވިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރަށް

މާފުށި ޖަލު: ----

ޖަލުގައި އޮވެ ސްކޭމްކުރާ މީހަކަށް އެހީތެރިވިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް، 30 ދުވަހަށް ބަންދުކޮށްފިއެވެ.

ކޯޓު އަމުރުގައި ވަނީ، މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދުއަށް ނިސްބަތްވާ 33 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ، މަކަރާއި ހީލަތުން ފައިސާގެ މުއާމަލާތް ކުރުމަށް ޖަލުން ގުޅި މީހަކަށް, އޭނާ އެއްބާރުލުންދިން ކަމަށެވެ.

އަދި އެ މީހާގެ އެކައުންޓުން ފައިސާ ރޯލްކުރަން, ރައްޓެހިންގެ އެކައުންޓުތަކެއް ހޯދައިދީފައިވާ ކަމަށް، ކޯޓު އަމުރުގައިވެއެވެ.

އެ އަމުރުގައިވަނީ، މައްސަލައާ ގުޅުން އޮތް ފޯނެއް އޭނާގެ އަތުން ފެނިފައިވާ ކަމަށާއި، އެ ފޯނާ ޖަލުގައި އޮތް މީހާއާ މުއާމަލާތުކުރަން ގެންގުޅުނު ފޯނުގެ އައިއެމްއީއައި ނަންބަރު ދިމާވާ ކަމަށެވެ.

ހަމަ އެހެންމެ، އޭނާ ފައިސާ ނެގުމަށާއި، ފޯނާ ހަވާލުވުމުގެ މުއާމަލާތުގައި ބައިވެރިވާ މަންޒަރު ސީސީޓީވީގެ ފުޓޭޖުތަކުން ފެނިފައިވާ ކަމަށްވެސް އަމުރުގައިވެއެވެ.

މި މައްސަލައިގައި ކޯޓުން ނިންމީ އޭނާ 30 ދުވަހަށް ބަންދުކުރުމަށެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ ޖޫން 21، 2024ގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން ވަނީ، މީހުންނަށް އޮޅުވާލައިގެން ފައިސާ އަތުލުމަށް ކުރާ ސްކޭމް ކޯލްތައް އާންމުކޮށް ގައިދީންގެ ފަރާތުން އަންނަ ކަމަށާއި އެހެންވެ، ޖަލަށް ފޯނު ފަދަ މަނާ ތަކެތި ވެއްދުން ހުއްޓުވަން ފިޔަވަޅު އަޅަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

ޖަލުން ސްކޭމް ކުރުން ހުއްޓުވުމަށް، ފޯނުން ނުގުޅޭ ގޮތް ހަދަން ޖޭމަރު ހަރުކުރުމަކީ އެހެން ބައެއް ގައުމުތަކުގައި ކުރާ ކަމެއް ކަމަށްވާއިރު، އެކަން ނުކުރަނީ ކީއްވެގެންތޯ "ސަން"އިން ވަނީ ހޯމް މިނިސްޓްރީއާ ސުވާލުކޮށްފައެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިދިޔަ ސެޕްޓެމްބަރު މަހު "ސަން"އަށް ވިދާޅުވީ ޖަލުގައި ޖޭމަރު ހަރުކުރުމުން މާފުއްޓާއި އެ ރަށް ކައިރީ އޮންނަ ހިސާބުތަކުގެ ސިގްނަލް ވެސް ކެނޑޭ ކަމަށެވެ. އެހެންވެ، އާ ބޮޑީ ސްކޭނާއެއް ގެނެސްގެން ހަރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެ ދާއިރާގެ ފަންނީ ބޭފުޅުން ވަނީ، ބޭނުން ހިސާބަކަށް ދޫކޮށްފައި ހުންނަ ފްރެކުއެންސީ ބްލޮކްކުރެވޭ ގޮތަށް، އެކިވަރުގެ ޖޭމަރު ހުންނަކަން ފާހަގަކޮށްފައެވެ. އެގޮތަށް، ޖަލުގެ ވަކި ހިސާބަކަށް ރޭންޖު ކެނޑޭ ގޮތަށް ވެސް ޖޭމަރު ހަރު ކުރެވޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

ޖަލުން ކުރާ ސްކޭމް ކޯލްތަކާ ގުޅުވައި ކުރެވޭ ބޮޑު ތުހުމަތެއް އޮވެއެވެ. އެއީ ފޯނު ވައްދައިދިނުމުގެ ފަހަތުގައި ތިބެނީ ޖަލު ބަލަހައްޓަން ތިބޭ އޮފިސަރުންނާއި އެ މީހުންގެ ވެރިންކަމެވެ. އެކި ބްރޭންޑްގެ ފޯނު ވައްދައި ދެނީ އެކި އަގުތަކަށް ކަމަށާއި މިއީ ބައެއް އޮފިސަރުން ވަރަށް ބޮޑު ނަފައެއް ހޯދާ ކަމެއް ކަމަށް ތުހުމަތުކުރެއެވެ.

މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދަން ހިންގާ ސްކޭމުތަކުގެ ސަބަބުން އެތައް ބަޔަކު ބުރަ މަސައްކަތުން ހޯދާފައިވާ އެތައް މިލިއަން ރުފިޔާއެއް ފޭރިގެންފައި އެބަހުއްޓެވެ.

comment ކޮމެންޓް