ކޮންމެ ހުކުރު ދުވަހަކު ވެސް، ވަކި ގަޑިތަކެއްގައި ތެލެސީމިއާ ސެންޓަރުން ޚިދުމަތް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
އެ މަނިކުފާނު އެކްސްގައި ލިޔުއްވި ޕޯސްޓެއްގައި ވަނީ، މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮންމެ ހުކުރެއްގައި ވަކި ގަޑިތަކެއްގައި އެ ސެންޓަރުން ޚިދުމަތް ދޭން ފަށާފައިވާ ކަމަށެވެ.
އެގޮތުން، މިދިޔަ ހުކުރުގައި އެކަނި ވެސް 14 ޓްރާންސްފިއުޝަން ހަދައި، ފަސް މީހުން ލޭ ހަދިޔާކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޑިސެމްބަރު 29، 1994ގައި ތެލެސީމިއާ ސެންޓަރު ހުޅުވި ފަހުން މިދިޔަ 31 އަހަރުގެ ތެރޭގައި ހުކުރު ދުވަހެއްގައި ތެލެސީމިއާ ސެންޓަރުން ޚިދުމަތް ދީފައެއް ނުވެއެވެ.
އޭގެއިތުރަށް، މި ރޯދަ މަސް ނިމުމުން ވެސް ކޮންމެ ހުކުރު ދުވަހަކު، ވަކި ގަޑިތަކެއްގައި އެ ސެންޓަރުން ލޭ އެޅުމުގެ ޚިދުމަތް ލިބޭނެކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންވެ، އަތޮޅުތަކުން ހަފުތާ ބަންދުގައި މާލެ އައިސް، ލޭ އަޅަން ބޭނުންވާ މީހުންނާއި ހަދިޔާކުރަން ބޭނުންވާ މީހުންނަށް ޚިދުމަތް ހޯދަން ފަސޭހަވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ހުކުރު ދުވަހު އެ ސެންޓަރުން ޚިދުމަތް ދޭން ނިންމިއިރު، ކުރިން މާލޭގައި ހިންގި ތެލެސީމިއާ ސެންޓަރު ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ބަދަލުކޮށްފައެވެ. އެ ސެންޓަރު ހުޅުމާލެއަށް ބަދަލުކުރީ، މިދިޔަ އަހަރުގެ މެއި އަށެއްގައެވެ.