ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ބޭނުންކުރުމަށް ތިމާވެއްޓާއި ރައްޓެހި، އިލެކްޓްރިކް ބަގީ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މިއަދު އިއުލާނުކޮށްފިއެވެ.
އަލުން އެ ޚިދުމަތް ދޭން އިއުލާނުކުރިއިރު މީގެ ކުރިން ވެސް ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ޚިދުމަތް ދޭން ފެށިއެވެ. އެއީ އޭޕްރީލް 3، 2023 ގައެވެ. އޭރު ބަގީގެ ޚިދުމަތް ފޯރުކޮށްދޭން މާލޭ ސިޓީ ކައުންސިލުން ވަނީ 10 ބަގީ ގެނެސްފައެވެ.
ނަމަވެސް ބަގީތައް ހަލާކުވެ, ޚިދުމަތްދޭން ދަތިވުމުގެ ސަބަބުން އާ ބަގީތަކެއް ގެންނަން ސިޓީ ކައުންސިލުން އަނެއްކާވެސް ނިންމީއެވެ.
މިއަދު ކުރި އިއުލާނުގައި ބުނީ ވިލިމާލޭގައި އަލުން ރަނގަޅު ފެންވަރެއްގައި ބަގީގެ ޚިދުމަތް ތައާރަފު ކުރުމަށްޓަކައި، ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ސިޓީ ކައުންސިލުން ވަނީ ހުޅުވާލައިފައެވެ.
އަދި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުމަށް އެ ކައުންސިލްގެ ޕްރޮކިއުމަންޓް ސެކްޝަނަށް އައުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ. އެގޮތުން މައުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމަށް އެ ކައުންސިލަށް ދިޔުމަށް ދިން ތާރީޚުތަކަކީ:
- މައުލޫމާތު ސާފުކުރުން: 26 ފެބުރުވަރީ 2025 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމަށް
- އަގު ހުށަހެޅުން: 05 މާރިޗު 2026 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި މާލެ ސިޓީ ކައުންސިލް ހޯލް، ބޮޑުތަކުރުފާނު މަގު/ މީޓިން ރޫމަށް
ސިޓީ ކައުންސިލުން ބުނީ އެ ގަޑިތަކުގައި މައުލޫމާތު ސާފުކުރަން ނާންނަ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އާންދާސީ ހިސާބު ބަލައިނުގަނެވޭނެ ކަމަށެވެ. އަދި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް އަދި ވިޔަފާރިކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް ކަމަށް ވެސް އެ ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލުން ހާމަކުރި ކަރުދާހުގައިވާ ގޮތުގައި މި މަސައްކަތުގެ ދަށުން ކުރަންޖެހޭނެ ކަންތައްތަކަކީ:
- 11 ސީޓުގެ ހަތަރު ބަގީ، އަށް ސީޓުގެ ތިން ބަގީ އަދި ދެ ކާގޯ ބަގީ ހިމެނުން.
- ބެޓެރީ ލައިފް ގިނަ ވަގުތު ހިފެހެއްޓޭނެ ވެހިކަލްތަކަކަށް ވުން.
- LVTONG ބްރޭންޑުގެ ވެހިކަލްތަކަކަށް ވުން.
- ވެހިކަލްތައް ގެންނައިރު މާލެ ސިޓީ ކައުންސިލް ލޯގޯ ވެހިކަލްތަކުގައި ހުރުން.
- ބަގީ ސަޕްލައިކޮށްދޭ ފަރާތުން މަދުވެގެން އެއް އަހަރުގެ މުއްދަތަށް ސްޕެއާ ޕާޓްސް ލިބޭނެހެން އިންތިޒާމް ހަމަޖެއްސުން.
- ވޮރަންޓީ މުއްދަތު ބަޔާންކޮށް އެ މުއްދަތުގައި ދިމާވާ ހުރިހާ މައްސަލައެއް އިތުރު އަގަކާ ނުލައި ހައްލުކޮށްދިނުން.