ޗާގޯސްގެ ރަށްވެހިންނަށް އެހީ ފޯރުކޮށްދިނުމަށް އިނގިރޭސިވިލާތުގެ ރިފޯމް ޔޫކޭ ޕާޓީގެ ލީޑަރު ނައިޖަލް ފަރާޖް, ރާއްޖެ ވަޑައިގެން، ޗާގޯސްއަށް ދަތުރުކުރައްވަން އުޅުމުން އިނގިރޭސި ސަރުކާރުން ޕްރެޝަރުކޮށްގެން ދިވެހި ސަރުކާރުން އެ ކަމަށް ހުރަސްއެޅިކަމުގެ ތުހުމަތު އޭނާ ކުރައްވައިފިއެވެ.
ޗާގޯސްގައި ދާއިމީކޮށް ވަޒަންވެރިވުމަށް މަސައްކަތް ކުރަމުންދާ އެ ތަނަށް ނިސްބަތްޗާ ކަމަށް ބުނާ ހަތަރު މީހަކަށް ބޭނުންވާ އެހީގެ ތަކެއްޗާއެކު ފަރާޖް މިހާރު ހުންނެވީ ރާއްޖޭގައެވެ.
އޭނާ މަސައްކަތް ކުރެއްވީ ޗާގޯސްގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސް ހިފައިގެން ދަތުރުކުރާ ބޯޓެއް އެ ސަރަހައްދަށް ފޮނުވުމަށެވެ. އަދި އޭގައި އޭނާ ވެސް ދިއުމަށެވެ.
ނަމަވެސް، "ދަ ޓެލެގްރާފް" ނޫހުން ރިޕޯޓްކުރާ ގޮތުގައި، އެކި ފަރާތްތަކުން ލިބުނު އިންޒާރުތަކާ އެކު އެ ދަތުރުގައި ފަރާޖް ބައިވެރިވެވަޑައެއް ނުގަންނަވައެވެ. އަދި ފޭސްބުކް މެދުވެރިކޮށް އޭނާ ހިއްސާކުރި ވީޑިއޯގައި ވެސް އޭނާ މިފަހަރު ބައިވެރިނުވާނެ ކަމަށް ވިދާޅުވިއެވެ.
ފަރާޖް ވިދާޅުވި ގޮތުގައި، އޭނާ ޗާގޯސްގެ "އީލް ޑު ކޮއިން" އަށް ފައިބައިފާނެތީ، އެކަން ހުއްޓުވުމަށް އިނގިރޭސި ސަރުކާރުން ބޭނުންވާކަމުގެ މަޢުލޫމާތު ދިވެހި ސަރުކާރުގެ އިސް މަސްދަރަކުން އޭނާއަށް ވަނީ ދީފައެވެ.
"އަޅުގަނޑު ޗާގޯސް ޖަޒީރާތަކަށް ދިޔަ ނުދިނުމަށް އިނގިރޭސި ސަރުކާރުން ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެބަކުރޭ،" ފަރާޖް ވިދާޅުވިއެވެ.
އޭނާ އިތުރަށް ތުހުމަތުކުރެއްވި ގޮތުގައި، އޭނާ އެ ބޯޓަށް އެރުން ހުއްޓުވުމަށްޓަކައި އިނގިރޭސި ސަރުކާރުން ދަނީ ރާއްޖޭގެ ރައީސަށާއި ސަރުކާރަށް ވެސް ޕްރެޝަރު ކުރިމަތިކުރަމުންނެވެ.
މީގެ އިތުރުން ފަރާޖް ވިދާޅުވީ، އިނގިރޭސި ޕާސްޕޯޓު އޮތް އިނގިރޭސި ރައްޔިތަކު އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ސަރަހައްދަކަށް ދިއުން ހުއްޓުވުމަށް މިފަދަ މަސައްކަތެއް ކުރާނެ ކަމަށް ގަބޫލުކުރަން ވެސް ދަތި ކަމަށެވެ. އަދި އޭނާއާ ބެހޭގޮތުން އިނގިރޭސިވިލާތުން ވަރަށް ބޮޑަށް ކަންބޮޑުވެ، އޭނާ ރާއްޖޭގައި ހުންނަ ސަބަބު އޮޅުންފިލުވަން ބޭނުންވާ ކަމަށް މަސްދަރުތަކުން ބުނެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މިޝަނެއް. އަދި އަޅުގަނޑުގެ ހުރުމުގެ ސަބަބުން މި މުހިންމު މަސައްކަތަށް އެއްވެސް ނޭދޭވޭ އަސަރެއް ކުރާކަށް ބޭނުމެއް ނޫން،" ޓެލެގްރާފް ނޫހަށް ދެއްވި ބަސްދީގަތުމެއްގައި އޭނާ ވިދާޅުވިއެވެ.
ނަވާރަސަތޭކަފަސްދޮޅަހުގެ އަހަރުތަކުގެ ފަހުކޮޅާއި 1970ގެ ކުރީކޮޅު، ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ގާއިމުކުރުމަށް ޓަކައި ޗާގޯސް ޖަޒީރާތަކުން ގާތްގަނޑަކަށް 2،000 އެއްހާ މީހުން ވަނީ މަޖުބޫރުން ބޭރުކޮށްފައެވެ.
މިހާރު އެ ރަށްތައް އިނގިރޭސިވިލާތުގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތް ނަމަވެސް، އެ ރަށްތަކުގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް މިދިޔަ އަހަރު ވަނީ މުއާހަދާއެއްގައި ސޮއިކޮށްފައެވެ.
މޮރިޝަސްއަށް އެ ރަށްތަށް ދިނުމާ މިހާރު ރާއްޖެއިން ދެކޮޅެވެ. އެގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ގެންދަވަނީ ޗާގޯސް ހައްގުވަނީ ރާއްޖެއަށް ކަމަށް ވިދާޅުވަމުންނެވެ. އަދި، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މޮރިޝަސްއާއި ރާއްޖޭގެ އިން ކަނޑައެޅިއިރު، ރާއްޖެއަށް ގެއްލުނު 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދު ރާއްޖޭގެ ސިފައިން ހިމާޔަތް ކުރާނެ ކަމަށް އެ މަނިކުފާނު ވަނީ، މި މަހު އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައެވެ. އެއާއެކު ދިވެހި ސިފައިންގެ އަސްކަރީ މަނަވަރެއް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވެސް ވެއެވެ.
ނަމަވެސް އޭގެ ފަހުން އިނގިރޭސީން ބުނެފައިވަނީ ޗާގޯސްއަކީ އެ ގައުމާއި މޮރިޝަސްއާ ދެމެދު އޮތް މައްސަލައެއް ކަމަށެވެ.