ލަންކާގެ މަޖިލިސް މެމްބަރުންނަށް ދޭ ޕެންޝަން އިނާޔާތްތައް އުވާލަން ފާސްކޮށްފި

ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔޭކަ -- ލަންކާގެ ގާނޫނުހަދާ މަޖިލިސް މެމްބަރުންނަށް ދޭ ޕެންޝަން އިނާޔަތްތައް މިހާރު ވަނީ އުވާލާފައި. ފޮޓޯ/އޭޕީ

ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ދޭ ޕެންޝަންގެ އިނާޔަތްތައް އުވާލުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފިއެވެ.

މިދިޔަ އަންގާރަ ދުވަހު އެ ބިލް ފާސްކުރީ 225 މެމްބަރުންގެ ތެރެއިން މަޖިލީހުގެ 154 މެމްބަރުންގެ ވޯޓުންނެވެ.

އެ ބިލާ ދެކޮޅު ހަދާފައިވަނީ ހާޒިރުވި މެންބަރުންގެ ތެރެއިން ދެ މެންބަރުން ކަމަށްވާއިރު، ބާކީ ތިބި މެމްބަރުން ހާޒިރުވެވަޑައިނުގަންނަވައެވެ. އާ ގާނޫނަށް ވަގުތުން އަމަލުކުރަން ފަށާނެއެވެ.

ކުރިން އޮތް ގާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ފަސް އަހަރު ދުވަހު ޚިދުމަތްކުރުމުން ޕެންޝަން ލިބެއެވެ. އާ ގާނޫނުގެ ދަށުން ޕެންޝަން އިނާޔަތްތައް މިހާރުވެސް ލިބެމުންދާ ނުވަތަ ލިބުމަށް ޝަރުތު ހަމަވާ މީހުންނަށްވެސް ޕެންޝަން ނުލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މި ނިންމުމަކީ ލަންކާއަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިކަމުން އަރަައިގަތުމަށް ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކޭ އާއި އޭނާގެ ވާތު ފިޔައިގެ ސަރުކާރުން ވެރިކަމަށް ވަޑައިގަތުމުގެކުރިން ވެވަޑައިގެންފައިވާ މުހިންމު ވައުދެކެވެ.

ޑިސަނާޔަކޭގެ ސަރުކާރުން ވަނީ ލަންކާގެ ކުރީގެ ރައީސުންނަށް ދައުލަތުން ދޭ އިނާޔަތްތަކާއި ޚާއްސަ އިމްތިޔާޒުތަކާބެހޭ ގާނޫނު އުވާލުމުގެ ބިލް ވެސް މިދިޔަ ސެޕްޓެމްބަރު މަހު ފާސްކޮަށްފައެވެ.

އެ ގާނޫނުގެ ދަށުން ކުރީގެ ރައީސުންނަށް ނުވަތަ ރައީސުންގެ ހުވަފަތް އަނބިންނަށް ވެސް ދިރިއުޅުމަށް ކޮންމެ މަހަކު ދޭ އެލަވަންސާއި މަހު ސެކްރެޓަރީ އެލަވަންސާއި، ރަސްމީ ދަތުރުފަތުރާއި، އަދި އެފަދަ އެހެނިހެން ވަސީލަތްތައް ފަދަ ހާއްސަ އިނާޔަތްތައް ލިބިވަޑައިނުގަންނަވާނެއެވެ.

އެގައުމުގެ އިގްތިޞާދީ ހާލަތު ރަނގަޅު ކުރުމަށް ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ޑިސަނަޔަކެ ވަނީ ސަރުކާރު ވެސް ކުޑަކޮށްފައެވެ. ރައީސާއި ބޮޑުވަޒީރު ހިމެނޭހެން ކެބިނެޓްގެ ސައިޒަކީ 21އެވެ. އެއީ، މި ފަހުން ލަންކާގައި އެކުލަވާލި އެންމެ ކުޑަ ސަރުކާރެވެ. ތިއްބަވަނީ އެންމެ 29 ޑެޕިއުޓީ މިނިސްޓަރުންނެވެ. ސްޓޭޓް މިނިސްޓަރުންނެއް ނުތިއްބަވައެވެ.

ލަންކާ ބަނގުރޫޓުވެފައިވާކަން އިއުލާން ކުރީ 2022 ވަނަ އަހަރުގެ އޭޕްރީލް މަހު 83 ބިލިއަން ޑޮލަރަށް ވުރެ ގިނަ ދަރަންޏާއެކުގައެވެ. ދަރަނިތައް އަދާކުރުމަށް އެގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެހީތެރިކަމަށް އެދުމުން އެ ފަންޑުން ވަނީ 2023 ވަނަ އަހަރު 2.9 ބިލިއަން ޑޮލަރުގެ ހަތަރު އަހަރުގެ ބެއިލްއައުޓް ޕެކޭޖެއް ފާސްކޮށްފައެވެ.

ޑިސަނެޔަކަ ވެރިކަމަށް ވަޑައިގަތީ ލަންކާ ބަނގުރޫޓުވެ އިގްތިސާދީ ކާރިސާއެއް ކުރިމަތިވުމުން އުފެދުނު ހަމަނުޖެހުންތަކުގައި އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވިތާ ދެ އަހަރު ފަހުން ބޭއްވި އިންތިޚާބުގައެވެ.

comment ކޮމެންޓް