އައްޑޫ ސިޓީ، ފޭދޫގައި މަސައްކަތް ކުރަމުން އަންނަ ސްރީ ލަންކާގެ ރައްޔިތަކު އިސްލާމްދީން ގަބޫލުކޮށް، މިއަދު ޝަހާދަތް ކިޔައިފިއެވެ.
ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ވީޑިއޯއަކުން ފެންނަ ގޮތުގައި، އިސްލާމްދީން ގަބޫލުކޮށްފައިވަނީ އެ ރަށުގައި މަސައްކަތްކުރާ ލަންކާ މީހަކެވެ. އޭނާއަކީ ފޭދޫ ނަޔާ ސެލޫންގައި މަސައްކަތް ކުރާ މީހެއް ކަމަށް ޕޯސްޓުގައިވެއެވެ.
އިސްލާމްވީ ޖަޔަސިންހަ އަރައްޗިގޭ ވަރުނަ ޕްރަބާތު ސަދަރުވަންއެވެ. އިސްލާމްދީން ގަބޫލުކުރުމަށްފަހު އޭނާގެ ނަން މިހާރު ވަނީ "ޢަބްދުﷲ އާދަމް"ގެ ނަމަށް ބަދަލުކޮށްފައެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ފޭދޫގެ މިސްކިތެއްގެ ތެރޭގައި، އެ ބިދޭސީ މީހާއަށް ދިވެއްސަކު ޝަހާދަތް ލައިދޭ މަންޒަރެވެ. ޝަހާދަތް ލައިދެމުން ދިޔަ ވަރަކަށް ޢަބްދުﷲ އާދަމް ވަނީ ޝަހާދަތުގެ ދެކަލިމަ ތަކުރާރުކޮށްފައެވެ. ޝަހާދަތުގެ ދެކަލިމަ ކިޔައި ފުރިހަމަކުރުމަށްފަހު، ޝަހާދަތް ލައިދިން މީހާއާ ސަލާމްކުރާ ތަން ވެސް ފެނެއެވެ.
މީގެ ހަފުތާއެއް ކުރިން ވެސް ރާއްޖޭގައި، ބިދޭސީ ފަތުރުވެރިއަކު ވަނީ އިސްލާމްވެފައެވެ. އެއީ ނޮދަން އަޔަލޭންޑުން ރާއްޖެއަށް ޗުއްޓީއަށް އައިސް ދިއްފުށީގައި އުޅުނު އަންހެން ފަތުރުވެރިއެކެވެ.