ޣައްޒާގައި ދިވެހީންގެ އެހީގައި، ވަގުތީ އިތުރު މިސްކިތެއް ބިނާކޮށްފި

ޣައްޒާގައި ދިވެހީންގެ އެހީގައި ބިނާކޮށްފައިވާ ވަގުތީ މިސްކިތް: އެ މިސްކިތުގައި ނަމާދުކުރަން ވަނީ ފަށައިފައި -- ފޮޓޯ/ ޚިދުމަތް ޖަމިއްޔާ

ފަލަސްތީނުގެ ޣައްޒާގައި ދިވެހީންގެ އެހީގައި، ވަގުތީ އިތުރު މިސްކިތެއް ބިނާކޮށްފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދޭ ޚިދުމަތް ޖަމިއްޔާއިން ބުނި ގޮތުގައި، ޣައްޒާގައި ދިވެހީންގެ އެހީގައި މިހާތަނަށް ވަގުތީ ހަތް މިސްކިތެއް ވަނީ އަޅައިފައެވެ. އެގޮތުން ހަތް ވަނަ މިސްކިތުގެ އަމަލީ މަސައްކަތް ނިންމައި، ރޭ ނަމާދު ކުރަން ފަށައިފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޚިދުމަތް ޖަމިއްޔާއިން ބުނީ އެ މިސްކިތް އެޅުމުގެ ބޭނުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚުތުންނަށް ޖަމާއަތުގައި ނަމާދުކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. ނަމާދު ކުރުމުގެ އިތުރުން، ކުޑަކުދިންނަށް ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތްތައް ވެސް މިސްކިތުގައި ކުރިއަށް ދާނެ ކަމަށް އެ ޖަމިޢްޔާއިން މައުލޫމާތު ދެއެވެ.

ޚިދުމަތް ޖަމިއްޔާއިން ވަނީ، އެ ޓީމުން ޣައްޒާގައި ކުރަމުންދާ މަސައްކަތްތަކަކީ ނުހަނު ބުރަ އަދި ނުރައްކާތެރި މާހައުލެއްގައި ކުރަމުންދާ މަސައްކަތްތަކެއްކަން ފާހަގަކޮށްފައެވެ. ނަމަވެސް، އެ ޓީމުން ދަނީ ކޮންމެ ދުވަހަކު ވެސް ވަރަށް ހިތްވަރާއެކު އިންސާނީ ޚިދުމަތުގައި ދެމި ތިބެ، ދިވެހީންގެ އެހީތެރިކަން ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދެމުން ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޣައްޒާގައި ދިވެހީންގެ އެހީގައި ބިނާކޮށްފައިވާ ވަގުތީ މިސްކިތް: އެ މިސްކިތުގައި ނަމާދުކުރަން ވަނީ ފަށައިފައި -- ފޮޓޯ/ ޚިދުމަތް ޖަމިއްޔާ

ޚިދުމަތް ޖަމިއްޔާއިން ބުނި ގޮތުގައި އެ ޖަމިޢްޔާގެ މަސައްކަތްތަކަކީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކުރަމުންދާ މަސައްކަތްތަކެކެވެ. އެގޮތުން، އެ ޖަމިއްޔާގެ ފޭސްބުކް، އިންސްޓަގްރާމް، އަދި ޓިކްޓޮކް ފަދަ ސޯޝަލް މީޑިއާގެ ހުރިހާ މަންސަތަކުން އެ މަސައްކަތްތަކުގެ އަޕްޑޭޓްތައް ދުވަހުން ދުވަހަށް ހިއްސާކުރަމުން އަންނަ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެއީ، ދިވެހި ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ބާއްވާ ގާތްކަމާއި، އިސްލާމީ އުޚުއްވަތްތެރިކަން ދައްކުވައިދޭ މަތިވެރި ނަމޫނާއެއް ކަމަށް ވެސް ޚިދުމަތް ޖަމިއްޔާއިން ބުންޏެވެ.

އިސްރާއީލުން 1967ގައި ޣައްޒާއަށް ވެރިވެގަތުމަށް ފަހު، ޣައްޒާގެ ރައްޔިތުންނަށް އަނިޔާކުރުމާއި އިމާރާތްތަކަށް ގެއްލުން ދިނުން ހުއްޓާލައިފައެއްނުވެއެވެ. އަދި އޮކްޓޫބަރު 7، 2023ގައި އިސްރާއީލުން ހަމަލާތައް ވަރުގަދަކޮށް، ގިނަ އަދަދެއްގެ މީހުން ޝަހީދުކޮށްފައިވެއެވެ.

https://sun.mv/218159

މީގެ އިތުރުން އިސްރާއީލުން ވަނީ މިސްކިތްތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ އިމާރާތްތަކަށް ވެސް އަމާޒުކޮށް ހަމަލާ ދީފައެވެ. އެގޮތުން، ޣައްޒާ ސަރުކާރުން ބުނެފައިވާ ގޮތުގައި، ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އިސްރާއީލުން ޣައްޒާއަށް ދީފައިވާ ހަމަލާތަކުގައި 835 މިސްކިތް އެއްކޮށް ސުންނާފަތިކޮށް، 180 މިސްކިތަށް އެކި ވަރުގެ ގެއްލުންތައް ދީފައިވެއެވެ.

މި ރޯދަމަހު ފަލަސްތީނުގެ ގިނަ އަދަދެއްގެ މުސްލިމުންނަށް ނަމާދު ކުރަން ޖެހިފައިވަނީ ސުންނާފަތިވެފައިވާ ނުވަތަ ވަގުތީ ގޮތުން މަރާމާތު ކޮށްފައިވާ މިސްކިތްތަކުގައި ކަމަށް ރިޕޯޓުތަކުގައިވެއެވެ.

comment ކޮމެންޓް