އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ ޕާސްވޯޑްތަކަކީ ލަފާކުރަން ފަސޭހަ އަދި ސަލާމަތީ ގޮތުން ނުރައްކާ ބޮޑު އެއްޗެއް ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.
ސައިބާ ސެކިއުރިޓީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ގިނަ ބަޔަކު މިހާރު ބޭނުންކުރާ އޭއައި ޗެޓްބޮޓްތަކުން އުފައްދާ ޕާސްވޯޑްތަކަކީ ހަގީގީ "ރޭންޑަމް" ނުވަތަ އެއްވެސް ތަރުތީބެއް ނެތް އަކުރުތަކަކަށް ނުވާތީ، ހެކަރުންނަށް އެ ފަސޭހައިން ދެނެގަނެވިދާނެއެވެ.
ސައިބާ ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ 'އިރެގިއުލާ' އިން ކުރި މި ދިރާސާގައި ޗެޓްޖީޕީޓީ، ކްލޯޑް އަދި ގޫގަލް ޖެމިނައި ފަދަ ޕްލެޓްފޯމްތައް ޓެސްޓުކޮށްފައިވެއެވެ.
މި ދިރާސާއިން ހާމަވި ގޮތުގައި، މި ޗެޓްބޮޓްތަކުން ޕާސްވޯޑް އުފެއްދުމުގައި ވަކި އުސޫލުތަކަކަށް ނުވަތަ 'ޕެޓާން' ތަކަކަށް ތަބާވާތީ، އުފައްދާ ޕާސްވޯޑްތަކުގައި އެއްގޮތްކަން ވަރަށް ބޮޑަށް ހުރެއެވެ.
މިސާލަކަށް، ކްލޯޑް މެދުވެރިކޮށް ހެދި އެއް ޕާސްވޯޑް 18 ފަހަރަށް ތަކުރާރުވިއިރު، ޖީޕީޓީ (ޖީޕީޓީ-5.2) އިން އުފެއްދި ގިނަ ޕާސްވޯޑްތައް ފެށެނީ 'ވީ' އަކުރުން ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޕާސްވޯޑްގައި ދެވަނަ އަކުރަކަށް 'ކިއޫ' ބޭނުންކޮށްފައިވާކަން ފާހަގަކުރެވުނެވެ.
ޕާސްވޯޑެއްގެ ވަރުގަދަކަން މިނެކިރާ "އެންޓްރޮޕީ" އަށް ބަލާއިރު، ރައްކާތެރި 16 ކެރެކްޓާގެ ޕާސްވޯޑެއްގައި 98 ބިޓް ހުންނަން ޖެހުނަސް، އޭއައި އިން ހަދާ ޕާސްވޯޑްތަކުގައި މި މިންވަރު ހުންނަނީ އެވްރެޖްކޮށް އެންމެ 27 ބިޓުގައެވެ.
މިއީ އެ ޕާސްވޯޑްތައް "ކްރެކް" ކުރުން ނުވަތަ ހޯދުން ހެކަރުންނަށް އެތައް ގުނައަކަށް ފަސޭހަކޮށްދޭ ކަމެކެވެ.
އަލްސްޓާ ޔުނިވަސިޓީގެ ސައިބާ ސެކިއުރިޓީ ޕްރޮފެސަރު ކެވިން ކުރަން ވިދާޅުވީ، އޭއައި އިން އުފައްދާ ޕާސްވޯޑްތައް ވަރުގަދަހެން ހީވި ނަމަވެސް އެއީ ހަގީގީ ރޭންޑަމް އެއްޗެއް ނޫން ކަމަށެވެ.
އެހެންކަމުން، ރައްކާތެރިކަމަށްޓަކައި އޭއައިގެ ބަދަލުގައި ޕާސްވޯޑް މެނޭޖަރުތަކާއި، ޕާސްކީ އަދި މަލްޓި-ފެކްޓާ އޯތެންޓިކޭޝަން (އެމްއެފްއޭ) ބޭނުންކުރުމަށް ތަޖުރިބާކާރުން ވަނީ އިލްތިމާސްކޮށްފައެވެ.