އެންމެންގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމުގެ އަޒުމުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ވިދާޅުވީ، އެންމެންގެ ހައްގުތަކާއި ކަރާމާތް ނެގެހެއްޓުމުގެ އަޒުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

އެންމެންގެ ހައްގުތަކާއި ކަރާމާތް ނަގަހައްޓައި، ޝާމިލު މުޖުތަމައުތައް ބިނާކުރުމުގެ އަޒުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުވާ ދުނިޔޭގެ އިޖުތިމާއީ އަދާލަތުގެ ދުވަހާ ގުޅުވައި ފޮނުއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އިޖުތިމާޢީ އަދާލަތަކީ، ސުލްހަވެރި، ހަމަހަމަ މުޖުތަމަޢުތައް ބައްޓަންކުރާނޭ މަގުދައްކާ އަސާސެއް ކަމަށެވެ.

މުޖުތަމަޢުތައް ބާރުވެރިކުރުވައި، ތަފާތުތައް ކުޑަކުރުމަށް އާ ޢަޒުމެއްގައި މަސައްކަތްކުރުމަށް، ބައިނަލްއަޤުވާމީ މުޖުތަމަޢަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކުރުމަށާއި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ރައީސް ގޮވާލެއްވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، ގްލޯބަލް ކޯލިޝަން ފޯ ސޯޝަލް ޖަސްޓިސްގައި ރާއްޖެއިން ބައިވެރިވުމަކީ، އިޖުތިމާޢީ އަދާލަތު ޤާއިމުކުރުމަށް ރާއްޖެއިން ކަނޑައަޅާފައިވާ އަޒުމަށް ލިބޭ އިތުރު ބާރެއް ކަމަށެވެ. މިގޮތުން، އެ ބައިވެރިވުމާއެކު، ޤައުމީ ސިޔާސަތުތަކުގައި ބައިނަލްއަޤުވާމީ މިންގަނޑުތައް އެކުލަވާލެވޭނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ މަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ކުރިމަގުގައިވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭނޭކަން ޤަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެ، އިޖުތިމާޢީ އަދާލަތަކީ ދުނިޔޭގެ ޙަޤީޤަތަށް ހެދުމަށް މަސައްކަތްކުރުމަށް ހުރިހާ ފަރާތަކަށް ގޮވާލައްވަމުންނެވެ.

ދުނިޔޭގެ އިޖުތިމާޢީ އަދާލަތުގެ ދުވަހަކީ، އިޖުތިމާޢީ ހަމަހަމަކަން ޤާއިމުކުރުމަށް ގޮވާލައި، ފަޤީރުކަމާއި، ބާކީކުރުމާއި، ނާއިންސާފު ފަދަ މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމަށް، ކޮންމެ ފެބުރުވަރީ މަހެއްގެ 20 ވަނަ ދުވަހު ފާހަގަކުރާ ދުވަހެކެވެ.

comment ކޮމެންޓް