އެމެރިކާއާއެކު އެއްބަސްވުން ހެދުމަށް އީރާނަށް ލިބޭނީ 10 ދުވަހާއި 15 ދުވަހުގެ މުއްދަތެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އިންޒާރު ދެއްވައިފިއެވެ.
އެ މުއްދަތުގައި އެއްބަސްވުން ނަހަދައިފިނަމަ، ހަމަލާދޭނެ ކަމަށް ޓްރަމްްޕް ވަނީ ވިދާޅުވެފައެވެ.
އިއްޔެ ވޮޝިންޓަން ޑީސީގައި ބޭއްވި 'ބޯޑު އޮފް ޕީސް' ގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އިސްރާއީލާއި އެމެރިކާ ގުޅިގެން އީރާނާ ދެކޮޅަށް ދިން ހަމަލާތަކުގެ ސަބަބުން ޣައްޒާގައި "ހަނގުރާމަ ހުއްޓާލުމަށް" މަގުފަހިވި ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
އެމެރިކާއިން އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް ހަމަލާ ނުދިން ނަމަ "މެދުއިރުމަތީގައި ސުލްހަ" ގެނައުމަށް އެ ސަރަހައްދުގެ ގައުމުތަކުން އެއްބަސް ނުވީސް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
"އެހެންވީމަ މިހާރު އަޅުގަނޑުމެން އެކަމަށް އެއް ފިޔަވަޅު އިތުރު ކުރަން ޖެހޭ. ނުވަތަ ކުރަން ނުޖެހޭ. ފަހަރެއްގައި އަހަރެމެންނަށް ޑީލެއް ހެދިދާނެ. ފަަހަރެއްގައި ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ފެންނާނެ." ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕް އެގޮތަށް ވިދާޅުވެފައިވާއިރު، އެމެރިކާއާއި އީރާނުގެ ނިއުކްލިއާ މަޝްވަރާތަކުގެ ދެވަނަ ބުރުގެ މަޝްވަރާތައް ވަނީ ބާއްވާފައެވެ.
ޖެނިވާގައި ކުރިިއަށްގެންދިޔަ އެ މަޝްވަރާތަކުން ރަނގަޅު ކުރިއެރުމެއް ލިބިފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޢްޗީ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ނޭވީގެ މަތިންދާބޯޓު އުފުލާ ބޯޓު ޔޫއެސްއެސް އަބްރަހަމް ލިންކަން އާއި ގައިޑްޑް މިސައިލް ޑިސްޓްރޯޔަރ ޔޫއެސްއެސް ފްރެންކް އީ ޕީޓަރސަން ޖޫނިއާ އަރަބި ކަނޑުގައި ދަތުރުކުރަނީ. ފޮޓޯ/ރޮއިޓާސް
ނަމަވެސް އެމެރިކާއިން އަންނަނީ ގަލްފް ސަރަހައްދަށް އަސްކަރީ ބާރު ފޮނުވަމުންނެވެ. އެގޮތުން މިހާރުވެސް މަތިންދާބޯޓު އުފުލާ ދެ ބޯޓާއި ދިހަވަރަކަށް ފަޔާ ޖެޓް ވަނީ ފޮނުވާފައެވެ.
ކުރިއަށްއޮތް މަސް ދުވަހުގެ ތެރޭގައި އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން ޖެހޭނެ ކަމަށް މިދިޔަ ހަފްތާވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އެހެން ނޫންނަމަ ނަތީޖާ ހިތިވާނެ ކަމަށް ބުނެ އިންޒާރުވެސް ދެއްވިއެވެ.
އެކަމަށް ރައްދު ދެއްވައި އީރާނުގެ އެންމެ އިސް ލީޑަރު އާޔަތުﷲ ޢަލީ ހާމަނާއީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނަށް މަނަަވަރު ފޮނުވާފައިވާ ކަމަށް އެމެރިކާ މީހުން ތަކުރާރުކޮށް ބުނި ނަމަވެސް އެ ހަނގުރާމަމަތީ މަނަވަރަށްވުރެ ނުރައްކާތެރި ކަމަކީ އެ މަނަވަރު ކަނޑުގެ އަޑިއަށް ފޮނުވާލެވޭނެ ހަތިޔާރު ކަމަށެވެ.
އީރާނުގެ ނިއުކްލިއާ ނުވަތަ މިސައިލް ޕްރޮގްރާމްތައް އަލުން ބިނާކުރަން މަސައްކަތް ކޮށްފިނަމަ ހަމަލާދޭނެ ކަމަށް މިދިޔަ ޑިސެމްބަރު މަހު ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އީރާނާއި އެމެރިކާއާއި ދެމެދުއޮތް ހަމަނުޖެހުން ވަނީ އިތުރުވެފައެވެ.
އޭގެ ދުވަސްތަކެއް ފަހުން އީރާނުގައި ސަރުކާރާ ދެކޮޅު މުޒާހަރާތަކެއް ފެށި އެވެ. ޓްރަމްޕް ވަނީ މުޒާހަރާގެ ބައިވެރިންނަށް ދައުލަތުގެ މުއައްސަސާތަކާ ހަވާލުވުމަށް ހިތްވަރު ދެއްވައި، އެކަމަށް އެހީތެރިވާނެ ކަމަށް ވިދާޅުވެފައެވެ.
ހަމަލާދޭނެ ކަމަށް ވިދާޅުވެ ދެއްވި އިންޒާރުތަކަށްފަހު، މެދުއިރުމަތީގެ ބައެއް ގައުމުތައް މެދުވެރިވެގެން ދެ ގައުމުގެ ދެމެދުގައި މަޝްވަރާތައް ފެށިއެވެ.