'އޮޕަރޭޝަން ސިންދޫރަ'އަށް ބިނާކޮށް ވިވެކް ފިލްމެއް އުފައްދަނީ؟

އިންޑިއާގެ ފިލްމު ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ--ފޮޓޯ/އިންޑިއާޓުޑޭ

އަވައްޓެރި ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން މިދިޔަ އަހަރު އިއުލާނުކޮށް ހިނގި އަސްކަރީ އޮޕަރޭޝަން "އޮޕަރޭޝަން ސިންދޫރަ"އަށް ބިނާކޮށް ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ ފިލްމެއް އުފައްދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ޕިންކްވިލާގައި މިކަމާ ގުޅޭގޮތުން ޝާއިއުކުރި ރިޕޯޓެއްގައި ބުނެފައި ވަނީ ވިވެކް މި ފިލްމު އުފައްދަން ގަސްތު ކުރަނީ އިންޑިއާގެ އެންމެ މަގުބޫލު އެއް ފިލްމު ކުންފުނި ކަމަށްވާ ޓީ-ސީރީސްއާ ގުޅިގެން ކަމަށެވެ.

އިންޑިއާ ޓުޑޭއަށް ވިވެކް ދާދިފަހުން ދިން އިންޓަވިއުއެއްގައި ވެސް ބުނެފައި ވަނީ ޤައުމިއްޔަތާ ގުޅުންހުރި ފިލްމެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ކަމަށާއި ނަމަވެސް އެ ފިލްމާބެހޭ މައުލޫމާތު އާއްމުކުރަން އަދި މާ އަވަސް ކަމަށެވެ.

ޑައިރެކްޓަރު ވިވެކް އަގްނިހޯތުރީ އަދި ޓީ-ސީރީސްގެ އިސްވެރިޔާ ބުޝަން ކުމާރު--ފޮޓޯ/އިންޑިއާޓުޑޭ

އެ ފިލްމާ ބެހޭ މައުލޫމާތު ބެލުންތެރިންނާ ހިއްސާކުރަނީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން ކަމަށް ވެސް ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ވިވެކް މިހާތަނަށް ގެނެސްދިން ފިލްމުތަކުގެތެރޭ "ޓަޝްކްޓެންޓް ފައިލްސް"، "ކަޝްމީރީ ފައިލްސް" އަދި "ވެކްސިން ވޯ" ހިމެނޭއިރު އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ މިދިޔަ އަހަރު ރިލީޒްކުރި "ދަ ބެންގާލް ފައިލްސް"އެވެ.

ވިވެކް "އޮޕަރޭޝަން ސިންދޫރަ"އިގެ ނަމުގައި ފިލްމެއް އުފައްދަން އުޅޭކަމަށް މީޑިއާތަކުން ބުނެފައިވާއިރު އެ ނަމުގައި ފިލްމެއް އުފެއްދުމުގެ ހުއްދަ ކަމާބެހޭ އިދާރާތަކުން އެއްވެސް ފިލްމު ޕްރޮޑިއުސަރަކަށް ދީފައިނުވާނެ ކަމަށް މީގެކުރިންވެސް ވަނީ ބުނެފައެވެ.

"އޮޕަރޭޝަން ސިންދޫރަ" އަކީ މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 22 ގައި އިންޑިއާގެ ކަޝްމީރާވީ ފަޅީގެ ޕަހަލްގަމްއަށް ހަތިޔާރު އެޅި ޖަމާއަތަކުން ދިން ހަމަލާގައި އިންޑިއާއަށް ނިސްބަތްވާ 26 މީހަކު މަރައިލުމާ ގުޅިގެން ޕާކިސްތާނާ ދެކޮޅަށް އިންޑިއާގެ މިލިޓަރީ އިދާރާތަކުން ފެށި އޮޕަރޭޝަނެކެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާ އާއި ޕާކިސްތާނުގެ މަސްރަހު ގޯސްވެ ދެ ޤައުމުގެ ރައްޔިތުންގެ ދެމެދު ސޯޝަލް މީޑިއާގައި ބަހުގެ ހޫނު ހަމަލާތަކެއް ވެސް ވަނީ ބަދަލުވެފައެވެ.

comment ކޮމެންޓް