އިއްޔެ ރާއްޖެ އައި، 'ކްރިސްޓަލް ސިމްފޮނީ' އިން 600 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފިއެވެ.
އެ ކްރޫޒްލައިނާ އިއްޔެ ރާއްޖެ އައީ، ސީޝެލްސްގެ ޕޯޓް ވިކްޓޯރިއާއިން ފުރައިގެންނެވެ. މިހާރު މާލެ ބޭރުގައި އެ ކްރޫޒްލައިނާ އޮތް އިރު، މިއަދު 19:00ގައި ސްރީލަންކާގެ ކޮލޮމްބޯއަށް ފުރާނެއެވެ.
ދުއިސައްތަ ތިރީސް އަށް މީޓަރު ދިގު އެ ކްރޫޒްލައިނާއިން ވަނީ، 600 ފަތުރުވެރިންނާއި 530 ކްރޫއިން އައިސްފައެވެ. އެ މީހުންނަށް އިއްޔެ އިމިގްރޭޝަނުގެ ސީޕޯޓު ޑިވިޝަނުގެ އޮފިސަރުން ވަނީ ކްލިއަރެންސް ދީފައެވެ.
މި ދުވަސްވަރު އަންނަނީ، އެކި ގައުމުތަކުން ރާއްޖެއަށް ކްރޫޒްލައިނާތައް ޒިޔާރަތްކުރަމުންނެވެ. އެގޮތުން، މިހާރު އަބަދު ހެން މާލެ ބޭރުގައި ކްރޫޒްލައިނާ އެއް އޮވެއެވެ.
މީގެކުރިން ކްރޫޒްލައިނާތައް ރާއްޖެ ގެންނަ އެޖެންޓުން ވަނީ އެ އިން ފައިބާ ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެ ރަނގަޅު އިންތިޒާމެއް ނެތުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމަކު، ބޮޑުތަކުރުފާނު މަގު ފުޅާކޮށް، އަލުން ހުޅުވުމާ އެއްކޮށް އެ ކަމަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށް އެ އެޖެންޓުން ފާހަގަކުރެއެވެ.