އިންޑިއާގެ ކުރީގެ އެކްޓަރު ޝަތުރުގަން ސިންހާ (ސަތަރޭ)ގެ ޒާތީ މައުލޫމާތުތަކާއި އެފަދަ ހައްގުތައް ރައްކާތެރިކޮށް ދިނުމަށް އެދި ބޮމްބޭގެ ހައި ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
އެކްޓަރެއްގެ އިތުރުން އިންޑިއާގެ ޕާލަމެންޓް ލޯކް ސަބާގެ މެމްބަރެއް ކަމަށްވާ ސަތަރޭ މުމްބާއީގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ޕާސަނަލިޓީ އަދި ޕަބްލިސިޓީ ރައިޓްސްގެ ގޮތުގައި ބެލެވޭ އެކްޓަރުގެ މަޝްހޫރު ޑައިލޮގް "ޚާމޯޝް" އެހެންމީހުން ވިޔަފާރީގެ ގޮތުގައި ބޭނުން ކުރާ ކުރުން ހުއްޓުވައި ދިނުމަށް އެދިފައިވެއެވެ.
މިދިޔަ ހޯމަ ދުވަހު ކޯޓަށް ހުށަހެޅުނު މި މައްސަލައިގައި އިތުރަށް ސަތަރޭ އެދިފައި ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ އިތުރުން ވެބްސައިޓް ތަކުގައި ވެސް އޭނާގެ ނަމާއި ފޮޓޯ ހުއްދަނެތި ބޭނުންކުރާ ބޭނުންކުރަން މަނާކޮށްދިނުމަށެވެ. އޭގެތެރޭގައި އެކްޓަރުގެ ވީޑިއޯ އަދި އަޑުވެސް ހިމެނޭ ކްލިޕްތައް ހިމެނޭއިރު ހުއްދަނެތި އެފަދަ ކްލިޕްތަކާއި ފޮޓޯތައް ބޭނުންކުރުން ހުއްޓުވައި ދިނުމަށް ވެސް ސަތަރޭ ވަނީ އެދިފައެވެ.

ސަތަރޭ ދަރިފުޅު އަދި ބޮލީވުޑް ބަތަލާ ސޮނާކްޝީ ސިންހާއާ އެކު--ފޮޓޯ/ޒޫމް
އަމިއްލަ ޒާތީ މައުލޫމާތު ރައްކާތެރިކޮށްދީ ހުއްދަނެތި ފޮޓޯ އާއި ވީޑިއޯ އަދި އަޑު ބޭނުންކުރުން ހުއްޓުވައި ދިނުމަށް އެދި މީގެކުރިންވެސް އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން ވަނީ ހައި ކޯޓުގައި އެދިފައެވެ. އޭގެތެރޭގައި އަމީތާބް ބައްޗަންގެ ދެމަފިރިންނާއި އަބިޝޭކް ބައްޗަންގެ ދެމަފިރިންގެ އިތުރުން، ރިތިކް ރޯޝަން، އަނިލް ކަޕޫރު، ކަރަން ޖޯހަރު އަދި ސުނިލް ޝެޓީ ފަދަ ތަރިން ހިމެނެއެވެ.
ވަރަށް ގިނަ ބަޔަކު ވިޔަފާރީގެ އުސޫލުން ބޭނުންކުރާ ސަތަރޭގެ މަޝްހޫރު ޑައިލޮގް "ޚާމޯޝް" އަކީ 1976 ވަނަ އަހަރު ރިލީޒްކުރި އެކްޓަރުގެ ފިލްމު "ޗޯޓީ ސީ ބާތު"ގެ ޑައިލޮގެކެވެ. އިންޑިއާގެ ކުރީގެ މިނިސްޓަރެއް ކަމަށްވާ ސަތަރޭ ސިޔާސީ ދާއިރާއާ ގުޅުނުފަހުން ފިލްމީ މަސައްކަތްތަކުން ފެންނަ މިންވަރު ވަރަށް މަދެވެ.