އެމެރިކާއިން މެދުއިރުމައްޗަށް އިތުރު އަސްކަރީ ބާރުތައް ފޮނުވަމުންދާ މި ދަނޑިވަޅުގައި އީރާނުން އެއްބަސްވުމެއް ހެދުމަކީ "ބުއްދިވެރި" ގޮތް ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ކެރޮލީން ލީވިޓް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލީވިޓް ވަނީ އެމެރިކާގެ ޑިމާންޑްތަކަށް އީރާނުން އެއްބަސްވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"އީރާނަށް ބުއްދިވެރިވާނީ ރައީސް ޓްރަމްޕާއެކު އެއްބަސްވުމެއް ހެދުން," ނޫސްވެރިންނާ ވާހަކަދައްކަވަމުން ލީވިޓް ވިދާޅުވިއެވެ.
މިދިޔަ މަހު އީރާނުގައި ކުރި މުޒާހަރާތަކާ ގުޅިގެން އަސްކަރީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވި ޓްރަމްޕް ވެސް ވަނީ ބުދަ ދުވަހު އެމަނިކުފާނުގެ ޓްރަތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި އެކަމަށް އިޝާރާތް ކުރައްވާފައެވެ.
އެ ޕޯސްޓުގައި ޓްރަމްޕް ވަނީ ޗަގޯސްގެ ރަށްތައް މޮރިޝަޝްއަށް ދިނުމަށް ހެދި އެއްބަސްވުމާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކައިރް ސްޓާމާ އަށް އިންޒާރު ދެއްވައި، އީރާނުން އެއްބަސްވުމަކަށް ނުގޮސްފިނަމަ، އީރާނުން ދީފާނެ ހަމަލާއެއް ދިފާއުކުރުމަށް އެމެރިކާއަށް ޑިއެގޯ ގާސިއާ އާއި ފެއާފޯޑް އެއާފީލްޑް ބޭނުން ކުރަން ޖެހިދާނެ ކަމަށާއި އިނގިރޭސިވިލާތާ އެކުވެރި އެހެން ގައުމުތަކަކީ ވެސް އެފަދަ ހަމަލާއެއްގެ އަމާޒަކަށް ވެދާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ފްރާންސްގެ ޕެރިހުގައި ބޭއްވި އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއޭއީ)ގެ ބައްދަލުވުމުގެ ހަވާސާގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ އެނާޖީ ސެކްރެޓަރީ ކްރިސް ރައިޓް ވަނީ ވޮޝިންޓަނުން އީރަނަށް ނިއުކްލިއާ ހަތިޔާރު ހޯދުމަށް އެއްގޮތް ނެތްނަމަ އަނެއްގޮތަށް ވެސް ހުރަސް އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އެމެރިކާގެ ނޭވީގެ ނިމިޓްޒް ކްލާހުގެ މަތިންދާބޯޓު އުފުލާ ބޯޓު ޔޫއެސްއެސް އަބްރަހަމް ލިންކަން އަރަބި ކަނޑުގައި ކުރިއަށްދާ ތަމްރީނެއްގައި އެގައުމުގެ ސްޓްރައިކް ގްރޫޕް ލީޑް ކުރަނީ. ފޮޓޯ/ރޮއިޓާސް
އެމެރިކާއާއި އީރާނާ ދެމެދު މީގެ ކުރިން މިދިޔަ އަހަރު ވެސް ވަނީ ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އިސްރާއީލާއި އެމެރިކާއާ ގުޅިގެން އީރާނަށް ހަމަލާދީ، އީރާނުގެ ތިން ނިއުކްލިއާ މަރުކަޒު ހަލާކުކޮށްލުމާ ގުޅިގެން މަޝްވަރާތައް ވަނީ ހުއްޓާލާފައެވެ.
އީރާނުގައި ކުރި މުޒާހަރަތާކާ ގުޅިގެން ޓްރަމްޕް އަނެއްކާވެސް އަސްކަރީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވިއެވެ. އެއާއެކު އީރާނުން ވަނީ ގަލްފް ސަރަހައްދުގެ މުހިންމު ތެޔޮ އެކްސްޕޯޓްކުރާ މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރުދީ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފާނެ ކަމުގެ އިންޒާރު ދީފައެވެ.
ދެ ގައުމުގެ ހަމަނުޖެހުމުގެ ސަބަބުން ސަރަހައްދީ ހަނގުރާމައެއްގެ ބިރުވެރިކަން އިތުރުވެ، އޮމާން، ގަތަރު އަދި ސައުދީ އަރަބިއްޔާ ހިމެނޭހެން ގަލްފުގެ ގައުމުތަކުން ވަނީ މައްސަަލަ ހައްލު ކުރުމަށް މަސައްކަތްކޮށްފައެވެ.
އެގޮތުން އީރާނާއި އެމެރިކާއާ ދެމެދު ނުސީދާ މަޝްވަރާތަކުގެ ފުރަތަމަ ބުރު ފެބްރުއަރީ މަހުގެ ހަ ވަނަ ދުވަހު އޮމާންގައި ބާއްވައި، ދެވަނަ ބުރުގެ މަޝްވަރާތައް މިދިޔަ އަންގާރަ ދުވަހު ޖެނީވާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.